ޗާގޯސްގެ ރަށްތައް މޮރިޝަސްއަށް ދިނުމަކީ ރާއްޖޭގެ ކަނޑުގެ އިޤްތިސާދީ ސަރަހައްދުން ބައެއް ގެއްލުމެއް ނޫން: ޕަޔަމް

ޗާގޯސް މައްސަލައިގައި ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ/ރައީސްއޮފީސް

ޗާގޯސްގެ ރަށްތައް މޮރިޝަސްއަށް ދިނުމަކީ ރާއްޖޭގެ ކަނޑުގެ އިޤްތިސާދީ ސަރަހައްދުން ބައެއް ގެއްލުން ނޫންކަމަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީގައި ރާއްޖޭގެ ފަރާތުން ވަކާލާތުކުރާ ޓީމުގެ އެންމެ އިސް ވަކީލު ޕްރޮފެސަރު ޕަޔަމް އަހަވަން ވިދާޅުވެއްޖެއެވެ.

މައްސަލަ ބޮޑުވެފައިވާ ޗާގޯސް މައްސަލައިގައި ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރާއްޖެ ތަމްސީލްކުރާ ވަކީލުންގެ ޓީމުގެ ހެޑް ޕަޔަމް ވިދާޅުވީ، ޤައުމެއްގެ ކަނޑުގެ އިޤްތިސާދީ ހާއްސަ ސަރަހައްދު ކަމަށް ކަނޑައަޅާފައި އޮންނަ 200 މޭލު އެހެންޤައުމަކާއި ފުށުއަރާފައި އޮންނަނަމަ އެ އޮންނަ އުސޫލަކުން ބައިކުރަންޖެހޭނެ ކަމަށާއި، އެއީ އެކަން އޮންނަ ގޮތްކަމަށެވެ. އަދި އެއީ އެ ޤައުމެއްގެ އިޤްތިސާދީ ސަރަހައްދު ގެއްލުމެއް ނޫންކަމަށް ޕަޔަމް ވިދާޅުވިއެވެ.

ރާއްޖެއާ މޮރިޝަސް ގުޅޭ އިމުގެ ސަރަހައްދު

މި މައްސަލައިގައި ރާއްޖެ އާއި މޮރިޝަސް އާއި ދެޤައުމަށް އެއްބަސްވުމަކާއި ހަމަޔަށް ނާދެވި އުޅެނީ ބައިނަލްއަޤްވާމީ ކަނޑުގެ ޤާނޫނު ބުނާގޮތަށް ފުށުއަރާ ސަރަހައްދު ބެހުމުގައިކަން ފާހަގަކުރަމުން ޕަޔަމް ވިދާޅުވީ، ކޯޓުން ކޮންމެ ގޮތަކަށް މި މައްސަލަ ނިންމި ކަމުގައި ވީނަމަވެސް އެއްވެސް ބަޔަކަށް ސަރަހައްދު އެއްކޮށް ނުދޭނޭ ކަމަށެވެ.

"މިއީ ފުޓްބޯޅަ މެޗެއް ނޫން. ލަނޑު ޖަހާ ބަޔަކު މޮޅުވާކަށް. މި ބާވަތުގެ މައްސަލަތަކުގައި އޮންނާނެ ގޮތަކީ ޓްރިބިޔުނަލަށް ހުށައަޅައި އެ މައްސަލައިގެ ބާވަތުން ކޮންމެ ބަޔަކަށް ވެސް އެބަޔަކު އެދޭވަރަށް ކަންތައްތައް ކޮށްދެވޭތޯ ބަލާނެ،" ޕަޔަމް ވިދާޅުވިއެވެ.

އދ ގެ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ނިންމާފައިވާގޮތުން ޗާގޮސް އަކީ މޮރިޝަސްގެ ތަނެކެވެ. އެހެންކަމުން އެއީ ރާއްޖޭގެ ބައެއްކަމަށް ބައެއް މީހުން ބުނަމުންދިޔަ ނަމަވެސް އެކަން އެގޮތަށް މިހާރު ކަނޑައެޅޭނެ އެއްވެސް ހަމައެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޗާގޯސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން 2019 ގައި ނިންމާފައިވަނީ އިނގިރޭސިވިލާތުން އެ ތަން މޮރިޝަސްއާ ހަވާލުކުރަންޖެހޭ ކަމަށެވެ.

https://sun.mv/169616

މި މައްސަލައިގައި ރާއްޖޭގެ ސިޔާސީ މަޝްރަހު ވަނީ ހޫނުވެފައެވެ. ރާއްޖެއަށް ގެއްލުންވާގޮތަށް ކަނޑުގެ ސަރަހައްދުން ބައެއް ސަރުކާރުން ދޫކޮށްލާ ކަމުގެ ތުހުމަތު ވެސް ކުރެއެވެ.

އެ ނިންމުމާ ގުޅުވައިގެން އދ. ގެ ޖެނެރަލް އެސެމްބްލީގައި ދޭ ވޯޓުގެ މައްސަލައާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން ޓްރައިބިއުނަލްގައި މިހާރު ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލައެއް ކަން އެޓާނީ ޖެނެރަލްގެ އޮފީހުން ފާހަގަކުރެއެވެ. އަދި އދ. ގެ ޖެނެރަލް އެސެބްލީގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ލުމަކީ، ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ޓްރައިބިއުނަލުގައި ވަކާލާތުކުރަމުން ގެންދާ މައްސަލަގައި ޖަވާބުދާރީ ވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް އޭޖީ އޮފީހުން ބުނެއެވެ.

comment ކޮމެންޓް