ކަސެމީރޯ ޗެލްސީއަތުން ޔުނައިޓެޑް ސަލާމަތް ކޮށްދީފި

އިންގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހު ޗެމްޕިއަން މެންޗެސްޓާ ސިޓީން ބްރައިޓަން ބަލިކޮށް ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލާ ގާތަށް ޖެހިލިއިރު، ޔުނައިޓެޑް ޗެލްސީއަތުން ބަލިވާން ދަނިކޮށް ކަސެމީރޯ ޖެހި ގޯލުން ޔުނައިޓެޑް ސަލާމަތް ވެއްޖެއެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި ރޭ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

އެ މެޗުގެ އެންމެ ފަހު ތިން މިނެޓާ ހަމައަށް އެއްވެސް ޓީމަކަށް ގޯލެއް ޖެހިފައެއް ނުވެއެވެ. ނަމަވެސް މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތުތައް ލިބިފައެވެ.

އެގޮތުން ޔުނައިޓެޑްގެ އެންޓޮނީ ސަންތޯސް ވަނީ މެޗުގެ 13 ވަނަ މިނެޓުގައި ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އޭރިއާ ބޭރުން އޭނާ ފޮނުވާލި ބާރު ހަމަލާ ދިފާއުކުރީ މެޗުގައި މޮޅު ކުޅުމެއްދެއްކި ޗެލްސީގެ ކީޕަރު ކެޕާ އަރިއްޒަބަލާގާއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ޕްރިމިއާ ލީގް

މެޗުގައި ޗެލްސީން ގޯލު ޖަހައިފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށެވެ. އެ ގޯލަކީ ޔުނައިޓެޑްގެ މެކްޓޮމިނޭ ޗެލްސީގެ އަރްމާންޑޯ ބްރޯޔާ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. އެ ޕެނަލްޓީ ޖަހައިފައިވަނީ ޖޯޖީނިއޯއެވެ.

އެ ގޯލާއެކު ޗެލްސީ މޮޅުވާން ދަނިކޮށް މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ހަތަރު ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ގޯލަކީ ޔުނައިޓެޑްގެ ލޫކް ޝޯ ނަގައިދިން ހުރަހަކުން ކަސެމީރޯ ބޮލުން ޖެހި ގޯލެކެވެ.

އެ މެޗުން މޮޅުވެގެން ތާވަލުގެ ހަތަރު ވަނައަށް ޖެހިލުމުގެ ފުރުސަތު ޔުނައިޓެޑަށް ލިބުނެވެ. ނަމަވެސް މެޗުން އެއްވަރުވުމުން އެ ޓީމު އޮތީ ޗެލްސީގެ ފަހަތުގައި ތާވަލުގެ ފަސް ވަނައިގައެވެ. ޔުނައިޓެޑް ފަސް ވަނައިގައި އޮތީ 20 ޕޮއިންޓާއެކުއެވެ. އަދި ޗެލްސީ ހަތަރު ވަނައިގައި އޮތީ 21 ޕޮއިންޓާއެކުއެވެ.

comment ކޮމެންޓް