ރާއްޖެ ތަރައްޤީއަށް ކުރާ ދަތުރުގައި ޗައިނާއާ އެކު އޮތް ގާތް ގުޅުން މުހިންމު ދައުރެއް އަދާކުރޭ: ރައީސް

ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަމަށާއި އަދި ރާއްޖެ ތަރައްޤީއަށްކުރާ ދަތުރުގައި ދެޤައުމުގެ ދެމެދު އޮތް ގާތްގުޅުން މުހިންމު ދައުރެއް އަދާކުރާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖެއާ ޗައިނާއިން ސިޔާސީ ގުޅުން ޤާއިމްކުރިތާ 50 އަހަރު ފުރުމުގެ މުނާޞަބާ ފާހަގަކުރުމާއި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 73 އަހަރު ފުރޭ މުނާޞަބާ ފާހަގަކުރުމަށް ދަރުބާރުގޭގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ތަރައްޤީއަށް ދެއްވާ އެއްބާރުލެއްވުމަށްޓަކައި ޗައިނާގެ ރައީސް ޝީ ޖިންޕިންއަށާއި، ޗައިނާގެ ސަރުކާރަށާއި، ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދެޤައުމުގެ ދެމެދު އޮންނަ ގާތްގުޅުމަކީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ރަހުމަތްތެރިކަމުގެ ގުޅުން ދައްކުވައިދޭ މުހިންމު ގުޅުމެއްކަން ފާހަގަކުރެއްވިއެވެ.

ދެޤައުމުގެ ދެމެދު އޮންނަ އަހަރުތަކަށް ދެމިގެންދާ ގާތްގުޅުމުގެ މައްޗަށް އަލިއަޅުވާލައްވަމުން ރައީސް ވަނީ ރާއްޖެއާ ޗައިނާއަކީ ތަރައްޤީގެ ދަތުރުގައި އެކުއެކީގައި ގުޅިގެން ކުރިއަށްދާ ދެ ޤައުމުކަން ފާހަގަކުރައްވާފައެވެ.

ދެ ޤައުމުގެ ދެމެދު އޮންނަ ގާތް ރަހުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ގުޅުން ބިނާވެފައިވަނީ، ވަން ޗައިނާ ޕްރިންސިޕަލްއާއި ދެޤައުމުން އިސްކަންދޭ މުހިންމުކަންކަމުގައި ގުޅިގެން މަސައްކަތްކުރުމުގެ މައްޗަށްކަމަށާއި ހަމައެހެންމެ، އެހެން ޤައުމުތަކުގެ އިސްތިޤްލާލާއި ސަރަޙައްދީ އެއްބައިވަންތަކަމަށް ރާއްޖެއިން އަބަދުވެސް އިޙްތިރާމްކުރާކަމުގައި ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންގޮސްފައިވާ ބައެއް ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި ފުރަތަމަ ސޯޝަލް ހައުސިންގ މަޝްރޫޢުކަމުގައިވާ ސިނަމާލެ ފްލެޓްތަކުގެ މަޝްރޫޢާއި ހިޔާ ފްލެޓް މަޝްރޫއާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމުގެ މަޝްރޫއާއި ފޮރިން މިނިސްޓްރީގެ އިމާރާތް މަރާމާތު ކުރުމުގެ މަޝްރޫޢު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގެ އެކި ރަށްރަށުގައި މިހާރު ކުރިއަށްދާ މައިކްރޯ ގްރިޑް ސީވޯޓާ ޑީސެލިނޭޝަން މަޝްރޫޢުތަކުގެ ސަބަބުން ސާފު ބޯފެން ލިބުމުގައި ކުރިމަތިވާ ދަތިކަމަށް ދާއިމީ ހައްލު ހޯދުމަށް މަގުފަހިވެގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ޗައިނާގެ އެހީތެރިކަމާއެކު އިޤްތިޞާދީ ގޮތުންނާއި، އިޖްތިމާޢީ ގޮތުން ވެސް ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންގޮސްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 73 އަހަރު ފުރޭ މުނާޞަބާގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގއަށާއި، އެޤައުމުގެ ސަރުކާރަށާއި، ރައްޔިތުންނަށް ރައީސް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން، ކުރިއަށް އޮތް އަހަރުތަކުގައި ވެސް ތަރައްޤީގެ ރޮނގުގައި ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމާއި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިޞަލް ނަސީމާއި ޗައިނާސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަން ލިޒިންއާއި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކާއި، ކެބިނެޓްގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

comment ކޮމެންޓް