ގައުމުދެކެ ލޯބިވާ އަދި ގައުމީ ތަރައްގީގައި ބައިވެރިވެވޭ ބަޔަކަށް ދަރިވަރުން ވާން ޖެހޭ: ނައިބު ރައީސް

މިއަދު ކުދިން ތައްޔާރުވާންވީ ގައުމުދެކެ ލޯބިވާ، ގައުމަށް ޚިދުމަތްތަކެއް ކޮށްދެވޭނެ ގައުމީ ތަރައްގީގައި ބައިވެރިވެވޭނެ ފަދަ ކުދިބަޔަކަށް ވުމަށްކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު ތާޖުއްދީން ސްކޫލްގައި ބޭއްވި "ދަ ލީޑާ އިން މީ" ވެލިއު އެޑިއުކޭޝަން ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ފައިސަލް ވިދާޅުވީ މިއަދަށް އެކަނި ވިސްނާލުމުން ވެސް ގައުމެއްގެ ޒުވާނުން އެ ގައުމެއްގެ ތަރައްގީއަށް ބޭނުންވާ މިންވަރު ހާމަވާކަމަށެވެ.

އެ ހަރަކާތަކީ ރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް 9 -12އާ ދޭތެރޭ ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެން އެޑިއުކޭޝަން މިނިސްޓްރީން އެ ކުދިންގެ މެދުގައި ދިރިޅުމުގެ ރަނގަޅު އަޚްލާގާއި ސިފަތައް އަށަގެންނެވުމުގެ ބޭނުމުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ.

އެ ރަސްމިއްޔާތުގައި ފައިސަލް ވިދާޅުވީ، ސްކޫލް އުމުރުފުރާއަކީ ކުދިންގެ ގައިގައި ރަނގަޅު ސިފަތަކާއި، އާދަތައް އަދި ރަނގަޅު އަޚްލާގު އަށަގެންނެވުމަށްޓަކައި އެންމެ ރަނގަޅު އުމުރުފުރާ ކަމަށެވެ.

"ސްކޫލް ދައުރު އެއީ ކަންކަން ދެނެގަނެ ކަންކަން ދަސްކޮށް މުޖުތަމައުގައި އެ ކުދިންނަކީ މުހިންމު ބޭނުންތެރި ބައެއްގެ ގޮތުގައި ވުމަށްޓަކައި ބޭނުންވާ ސިފަތައް އަށަގެންނެވުމަށް އޮތް އެންމެ ރަނގަޅު ފުރުސަތު،" އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން އެމަނިކުފާނު ވަނީ ކުދިންގެ ގައިގައި ލީޑާޝިޕް ހުނަރުތައް އަށަގެންނެވުމަށް މުހިންމުކަން ހާމަކުރައްވައި މިއަދު ކުދިން ގަދައަޅާ މަސައްކަތްކުރަންވީ މާދަމާ ލީޑަރުންނަށްވުމަށްޓަކައި ކުރަންވީ މަސައްކަތްތައް ކުރުމަށްކަމުގައި ވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ހިފެހެއްޓުމަށްޓަކައި ކިތަންމެ ކުޑަ ކަމެއްވެސް ގިނަ ބަޔަކު ކުރަން ފަށައިފި ނަމަ އެކަމުގެ ހެޔޮ ފައިދާ މުޅި މުޖުތަމަޢަށް ކުރާނެއެވެ.

އޭގެ ތެރޭގައި ރައްޓެހިންގެ ފަރާތުން ވެސް ރަނގަޅު އާދަކާދަތަކާއި ސިފަތައް ދަސްކުރަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ދިރިއުޅުމުގައި ކިތަންމެ ކުރިޔަށް ދިޔަކަމުގައި ވީނަމަވެސް އެފަދަ ސިފަތައް ކުރިޔަށް ނެރުމަކީ މުހިންމުކަމެއްކަމުގައި ވިދާޅުވެ އެކަމަށް ބާރުއަޅުއްވާފައެވެ.

އެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ އެ ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ގައުމީ މަންހަޖުގައި ހިމެނިފައިވާ އަގުތައް ދަރިވަރުންގެ ގައިގައި އަށަގެންނެވުމަށް
ސްކޫލުގެ ތެރެއިން ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއްއެޅުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ގައުމީ މަންހަޖު އެކުލެވިފައިވަނީ މައިގަނޑު އަށް ގާބިލިއްޔަތެއްގެ މައްޗަށް ކަމަށާއި ގައުމީ މަންހަޖުގެ ތެރެއިން ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަށް ބާރު އަޅާ އަގުތަކެއް ނުވަތަ ވެލިއުސްތަކެއްވާ ކަމަށެވެ. އަދި އެ އަގުތައް ބަހާލެވިފައިވަނީ ހަތަރު ބައެއްގެ މައްޗަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންކަމުން މަދަރުސާގައި ދެވޭ ކޮންމެ ފިލާވަޅަކުންވެސް، ހިންގޭ ކޮންމެ ހަރަކާތަކުންވެސް ދަރިވަރުން ގައިގައި ކުރިން އަޅުގަނޑު ދެންނެވި އަގުތަށް އަށަގެންނެވުމަށް މަސައްކަތް ކުރެވޭ،" އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެފަދަ ހަރަކާތް ތަކުގެ ސަބަބުން މަދަރުސާތަކުން ނިކުންނަ ކޮންމެ ދަރިވަރަކީ ސައްހަ އިސްލާމް ދީން މަތީގައި ދެމިތިބޭ، ގައުމު ދެކެ ލޯބިވާ އަދި 21 ވަނަ ގަރުނުގައި ކާމިޔާބު ކަމާއެކު ދިރިއުޅުމަށް ބޭނުންވާ މައުލޫމާތާއި ހުނަރުތައް ލިބިތިބި، ދުޅަހެޔޮ ހަށިހެޔޮ ދަރިވަރުންތަކަކަށް ވާން އެދޭ ކަމަށެވެ.

"ދަ ލީޑާ އިން މީ" ވެލިއު އެޑިއުކޭޝަން ޕްރޮގްރާމް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ބައެއް އިސްވެރިންނާއި ސްކޫލްތަކުގެ ޕްރިންސިޕަލުން ބައިވެރިވެވަޑައިގަތެވެ.

comment ކޮމެންޓް