ފޮރުވައިލި ތާރީޚުން ... މުސްލިމުން ޤުދުސް ފަތަޙަ ކުރުން

ޤުދުސް

މި ވާހަކަ ފެށެނީ މީލާދީން 637 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި، މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲގެ ވެރިކަމުގެ ދައުރުގައި، މުސްލިމުން ޤުދުސް ފަތަޙަ ކުރި ޙާދިސާއާ ހަމައިންނެވެ.

ނަމަވެސް އެ ވާހަކައަށް ދިޔުމުގެ ކުރީން، އެންމެ ފުރަތަމަ ފާހަގަ ކޮށްލާން ޖެހޭ ކަމަކީ، ޤުދުސް ނުވަތަ އޫރްޝަލީމް ނުވަތަ ޖެރޫސަލަމަކީ، މުސްލިމުންނާއި ނަޞާރާއިންނާއި ޔަހޫދީންނަށް ވެސް މުޤައްދަސް ޝަހަރެއް ކަމެވެ. ޔަހޫދީންނަށް އެ ޝަހަރު މުޤައްދަސް ވަނީ، އެއީ ދާއޫދު ޢަލައިހިއްސަލާމް އެ ޝަހަރެއްގައި ބަނީ އިސްރާއީލުގެ ރަސްކަމެއް ޤާއިމު ކުރެއްވި ޝަހަރަށް ވާތީއެވެ. ދާއޫދު ޢަލައިހިއްސަލާމްގެ ދަރިކަލުން ސުލައިމާން ޢަލައިހިއްސަލާމް އެ ޝަހަރުގައި ބައިތުލް މަޤްދިސްގެ ނަމުގައި އަޅުކަން ކުރެވޭ ގެކޮޅެއް ބިނާ ކުރެއްވީތީއެވެ. އަދި އޭގެ ފަހުން ވެސް ބަނީ އިސްރާއީލުގެ އެތައް ނަބީ ބެއިބެއިކަލުން ދުނިޔެއަށް ވަޑައިގަތީ ނުވަތަ އުޅުއްވީ އެ ޝަހަރުގައި ކަމަށް ވާތީއެވެ. ނަޞާރާއިންނަށް ޤުދުސް މުޤައްދަސް ވާ ސަބަބަކީ، ޢީސާ ޢަލައިހިއްސަލާމްގެ ޙަޔާތްޕުޅާ އެ ޝަހަރާ ގުޅިފައި ވާލެއް ބޮޑުކަމުންނެވެ. އަދި އެމީހުން ބަލާ ގޮތުގައި އެކަލޭގެފާނުގެ ހަށިކޮޅު ޤުދުސްގައި ފަސްދާނު ވެޑުވިފައި އޮންނާތީއެވެ. އެ ފައްޅި އަކީ "މުޤައްދަސް މަޤްބަރާގެ ފައްޅި" އެވެ. ޢަރަބީން ކިޔާ ގޮތުން ވިއްޔާ، "ކަނީސަތުލް ޤިޔާމާ" އެވެ. އިނގިރޭސި ބަހުން ކިޔާ ގޮތުން ވިއްޔާ، "ޗާރޗް އޮފް ދަ ހޯލީ ސެޕުލްކާރ" އެވެ.

މުސްލިމުންނަށް ޤުދުސް މުހިއްމު ވަނީ، އިންސާނީ ނަސްލަށް ބަފައިކަލުނަށަވި މާތް ސާހިބާ އާދަމް ޢަލައިހިއްސަލާމާއި، އޭގެ ފަހުން ފޮނުއްވެވުނު އެތައް ރަސޫލުން އަދި ނަބީ ބެއިކަލުންގެ ޙަޔާތްޕުޅާއި، އެ ބެއިކަލުން ގެންނެވި އިލާހީ ރިސާލަތު ކަމުގައި ވާ "އިސްލާމް" ގެ އެންމެ މުހިއްމު އެއް މަރުކަޒަކަށް ޤުދުސް ވާތީއެވެ. ބަނީ އިސްރާއީލުގެ ތެރެއިން ފޮނުއްވެވުނު ނަބީ ބެއިބެއިކަލުން ކަމުގައި ވާ ދާއޫދު ޢަލައިހިއްސަލާމް، ސުލައިމާން ޢަލައިހިއްސަލާމް، އަދި ޢީސާ ޢަލައިހިއްސަލާމް ވެސް ހިމެނޭ ގޮތުންނެވެ. ޔަހޫދީން އަދި ނަޞާރާއިންނާ ޚިލާފަށް، މުސްލިމުންނަކީ މި ހުރިހައި ނަބީން އަދި ރަސޫލުންނަކީ ﷲ ފޮނުއްވެވި ބެއިބެއިކަލުން ކަމާއި، އެ ހުރިހައި ބެއިބެއިކަލުންގެ ދަޢުވަތަކީ ވެސް އަޞްލުގައި އެއް ދަޢުވަތެއް ކަމާއި، އެ ހުރިހައި ބެއިބެއިކަލުންނަށް ލޯބި ކޮށް، ޤަދަރު ކޮށް، ކިޔަމަން ގަނެ، ތަބަޢަ ވުމަކީ ވާޖިބެއް ކަމަށް ދެކޭ ބައެކެވެ.

ދެން، މުސްލިމުންގެ ޚަލީފާ ޢުމަރު ރަޟިޔަﷲ ޢަންހު ޤުދުސް ފަތަޙަ ކުރެއްވި ޙާދިސާއަށް ބަލައިލަމާ ހިންގަވާށެވެ!

ލާމަސީލު ފަތަޙަ

މީލާދީން 636 ވަނަ އަހަރު ހިނގި މަޝްހޫރު ޔަރްމޫކުގެ ހަނގުރާމައިގައި، ރޯމަން ބައިޒެންޓިޔަމުގެ ބިޔަ ލަޝްކަރު މުސްލިމުންގެ އަތުން ބަލި ވުމަށް ފަހު، ބައިޒެންޓައިން ދައުލަތުން އަޅުވެތި ކޮށްފައި އޮތް ޝާމު ކަރައިގެ ގިނަ ޝަހަރުތަކެއް ވަރަށް ފަސޭހައިން މުސްލިމުންގެ ބާރުގެ ދަށަށް އައެވެ. ޔަރްމޫކަށް ފަހު މާ ގިނަ ދުވަސްތަކެއް ނުވެ މުސްލިމުން ޤުދުސްއާ ހަމަޔަށް ވެސް ހިނގައްޖެއެވެ. އެއިރު އެ ޝަހަރުގެ އިސް ވެރިއެއްގެ ގޮތުގައި ހުންނެވީ ބައިޒެންޓައިން ރަސްކަމުގެ ފަރާތުން ޝަހަރަށް ކަނޑައަޅައިފައި ހުންނެވި ނަޞާރާ ޕެޓްރިއާރކް ސޮފްރޯނިއަސްއެވެ.

މުސްލިމުން ޤުދުސް ޙިޞާރު ކުރުމުން، ޕެޓްރިއާރކް ސޮފްރޯނިއަސް އެންގެވީ މުސްލިމުންގެ ޚަލީފާ ޤުދުސަށް ވަޑައިގަތުމުން އެކަލޭގެފާނުގެ އަތްޕުޅަށް ޝަހަރުގެ ތަޅުދަނޑި އަރުވާނޭ ކަމަށެވެ. އެ ނޫން ގޮތަކަށް ޝަހަރު ދޫ ކޮށްނުލާނޭ ކަމުގައެވެ. ހަނގުރާމައަކާ ނުލައި ޤުދުސް ފަތަޙަ ކުރެވޭން އޮއްވައި، ހަނގުރާމަ ކުރުން ރަނގަޅު ނޫން ކަމަށް މުސްލިމް ލަޝްކަރުގެ ލީޑަރުންނަށް ފެނިވަޑައިގެން، ޕެޓްރިއާރކް ސޮފްރޯނިއަސްގެ މުޠާލަބާގެ ޚަބަރު ޚަލީފާ ޢުމަރު ރަޟިޔަﷲ ޢަންހުގެ އަރިޔަހަށް ފޮނުއްވެވިއެވެ. މުސްލިމް ލަޝްކަރުގެ ލީޑަރުންގެ ގޮތުގައި ތިއްބެވީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ލޮބުވެތި ޞަޙާބީންގެ ތެރެއިން އިސް ބެއިފުޅުން ކަމުގައި ވާ އަބޫ ޢުބައިދާ އިބްނުލް ޖައްރާޙް ރަޟިޔަﷲ ޢަންހާއި، ޚާލިދު ބުނުލް ވަލީދު ރަޟިޔަﷲ ޢަންހާއި، ޔަޒީދު ބިން އަބޫ ސުފްޔާން ރަޟިޔަﷲ ޢަންހާއި، ޝުރަޙަބީލް ބިން ޙަސަނާ ރަޟިޔަﷲ ޢަންހާއި، ޢުބާދާ ބިން އައްޞާމިތު ރަޟިޔަﷲ ޢަންހު ފަދަ ބެއިބެއިކަލުންނެވެ.

ޚަލީފާ ޢުމަރު ރަޟިޔަﷲ ޢަންހަށް މުސްލިމް ލީޑަރުންގެ މެސެޖު ލިބިވަޑައިގަތުމުން، ލަހެއްފަހެއް ނުކުރައްވައި ޤުދުސަށް ދަތުރުފުޅު ފެއްޓެވިއެވެ. އަރިޔަހުގައި ގެންދެވީ ހަމައެކަނި ޚާދިމެކެވެ. ބޮޑީގާޑުންނެއް "މޮޓޯކޭޑެއް" ދިފާޢީ ފައުޖެއް ނުވަތަ ޢިއްޒަތުގެ ޖުލޫސަކަށް ފުދޭނޭ އެއްވެއް އެއްޗެއް މީހެއް ނުގެންދަވައެވެ. ދެ ބެއިފުޅުން ދަތުރުފުޅު ކުރެއްވެވީ އެއް ހިމާރުގައެވެ. އެއް ފަހަރު ޚަލީފާ ހިމާރަށް ސަވާރު ވެވަޑައިގެން ޚާދިމު މީހާ ހިމާރުގެ ވައުފަށުގައި ހިފައިގެން ދަތުރުފުޅު ކުރެއްވެވިއްޔާ، އަނެއް ފަހަރު ދަތުރުފުޅު ކުރެއްވެވީ ޚާދިމު މީހާ ހިމާރަށް ސަވާރު ވެގެން ޚަލީފާ އެސޮރުގެ ވައުފަށުގައި ހިއްޕަވައިގެންނެވެ. ޚާދިމު މީހާ އެކަމަށް އިންކާރު ކުރުމުން ޚަލީފާ ވިދާޅުވީ އިންޞާފުވެރި ގޮތަކީ، އަދި އިސްލާމީ އުޚުއްވަތާއި، އިޙްސާންތެރިކަން ނިޔާ ކުރާ ގޮތަކީ އެއީ ކަމަށެވެ. މަދީނާއިން ޤުދުސާ ހަމަޔަށް އެކަލޭގެފާނު ސަވާރީގައި ދަތުރުފުޅު ކުރައްވައިފައި، ޚާދިމު މީހާ މުޅި ދަތުރު ފައިމަގުގައި ކުރުމަކީ އިންޞާފަކަށް ނުވާ އަދި އަނިޔާވެރިކަމުގެ ގޮތެއް ކަމުގައެވެ.

ކަން ދިމާ ކުރި ގޮތުން، ޤުދުސާ ހަމަޔަށް ދެވުނު އިރު، ޙިމާރުގައި އިންނާން ޖެހުނީ ޚާދިމު މީހާއެވެ. އެއިރު ސަވާރީގެ ވައުފަށުގައި ހިއްޕަވައިގެން މަގު ހިއްޕަވަމުން ވަޑައިގަންނަވަނީ ޢުމަރު ރަޟިޔަﷲ ޢަންހެވެ. އިސްތިޤުބާލަށް ނުކުމެ އޮތް މުޅި އިސްލާމީ ލަޝްކަރަށާއި، ޕެޓްރިއާރކް ސޮފްރޯނިއަސް އާއި އޭނާގެ ޖުލޫސަށް ފެނުނު މަންޒަރަކީ އެއީއެވެ. ޢުމަރުގެފާނުގެ އިސްތަށިފުޅަކު ތާޖެއް ނެތެވެ. ހަށިކޮޅަކު ރަންރިހީގެ ގަހަނާއެއް ކަހަލަ އެއްޗެއް ނެތެވެ. ތުރު ކުރައްވައިގެން ހުންނެވި ހެދުންކޮޅުގައި ދިހަބާރަ ތަނުން ފޮތި އަޅައިފައި ހުއްޓެވެ. ފެންނަ ފެނުމަށް ޚަލީފާ އަކީ ކޮބައިކަން، ޚާދިމަކީ ކޮބައިކަން ވަކި ކޮށްދޭނޭ އެއްވެސް ގޮތެއް ނެތެވެ. ޕެޓްރިއާރކް ސޮފްރޯނިއަސް ހީފުޅު ކުރެއްވީ ސަވާރީގައި އިންނެވީ ޚަލީފާ ކަމުގައެވެ. އެހެންކަމުން ސަވާރީގައި އިން ޚާދިމު މީހާއަށް ކުރުނީސް ކުރައްވާން އުޅުއްވިއެވެ. އެހިނދު ޚާދިމު ލޮލުގެ އިޝާރާތުން ޚަލީފާ އަކީ ހިމާރުގެ ވައުފަށުގައި ހިއްޕަވައިގެން ހުންނެވި ބެއިފުޅާކަން އެންގިއެވެ.

ޕެޓްރިއާރކް ސޮފްރޯނިއަސް އެތަނަށް ވަޑައިގެންނެވީ އަންބަރާޠޫރެއްގެ ޢިއްޒަތުގައެވެ. އޭނާ އިންނެވީ ހަށިގަނޑުން ވަރުގަދަ ހައެއްކަ ފިރިހެނުން ވެގެން އުފުލައިގެން ގެންދާ ޢިއްޒަތްތެރި ދާންކޮޅެއްގައެވެ. އެ ދާންކޮޅުގެ ގޮދަޑި އާއި ބާލީސްކޮޅުތައް ހެދިފައި ހުންނަނީ ރަންރިހީން ޖަރީ ކޮށްގެން، އެންމެ މޮޅު ފޭރާމާއި ދޫނިފަތް ފަދަ ތަކެތީންނެވެ. ތުރު ކުރައްވައިގެން ހުންނެވި ރަތް ކުލައިގެ އަގުބޮޑު ހެދުންކޮޅުގައި ވެސް ހުރީ ރަންރިހީން ޖަރީ ކޮށްފައެވެ. އިސްތަށިފުޅުގައި އޮތް ތާޖުކޮޅުގައި ޚާލިޞް ރަނުން އަތްކަން އަޅައިފައި ހުއްޓެވެ. އަރިޔަހުގައި ފާރިސުންނާއި ޚައްދާމުންގެ ހެޔޮވަރު ވަރުގެ ފައުޖެކެވެ. މިފަދަ ޢިއްޒަތުގައި ނަޞާރާ ޕެޓްރިއާރކް ވަޑައިގެން މުސްލިމުންގެ ޚަލީފާއާ ބައްދަލު ކުރެއްވި މަންޒަރުގެ ވާހަކަ މި ދެންނެވީއެވެ.

އިސްތިޤުބާލާއި މަރުޙަބާގެ ކަންކަން ނިމުމަށް ފަހު، ޝަހަރު މުސްލިމުންނާ ޙަވާލު ކުރުމުގެ ކަންކަން ގެންދާން ވީ ގޮތުގެ ވާހަކަ ދެކެވުމުން، ޢުމަރު ރަޟިޔަﷲ ޢަންހު ޕެޓްރިއާރކް ސޮފްރޯނިއަސްއަށް ވިދާޅުވީ، މުސްލިމުންގެ އޮތީ އެންމެ މުޠާލަބާއެއް ކަމަށެވެ. އެ މުޠާލަބާ އަކީ، ޝަހަރުގައި ތިބި ރޫމީ ލީޑަރުން ޝަހަރު ދޫ ކޮށްފައި ދިޔުމެވެ. އެމީހުންގެ އަމިއްލަ މުދަލުގެ ތެރެއިން އުފުލައިގެން ހިފައިގެން ގެންދެވުނު ކޮންމެ އެއްޗެއް ހިފައިގެނެވެ. މި ބަސްފުޅު އިވިވަޑައިގަތުމުން ޕެޓްރިއާރކް ސޮފްރޯނިއަސްއަށް ލިބިވަޑައިގަތީ ބޮޑު ޙައިރާންކަމެކެވެ. އެހެނީ، އޭނާގެ ޤައުމު ކަމުގައި ވާ ބައިޒެންޓައިން ރޫމީންގެ އާދައަކީ، ޝަހަރެއް ފަތަޙަ ކުރެވިއްޖެއްޔާ އެ ޝަހަރެއްގެ އާބާދީގެ ބޮޑު ބައެއް ތަނެއްދޮރެއް ނުބަލައި ކަތިލުމެވެ. އެ ޝަހަރެއްގައި ތިބޭ ގާތްގަނޑަކަށް ހުރިހައި ޒުވާން އަންހެން ކުދީން ރޭޕް ކުރުމެވެ. އާބާދީގެ ބޮޑު ބައެއް އަޅުވެތި ކުރުމެވެ. ޝަހަރުން އެމީހުންނަށް ފެންނަ ރަންރިއްސާއި ޖަވާހިރާއި ދެންވެސް އަތުލައިގަނެވޭ ކަހަލަ ހުރިހައި މުދަލެއް ޣަނީމާގެ ގޮތުގައި އަތުލައިގަތުމެވެ. މުޅި ޝަހަރުގެ ބިމާއި ނުއުފުލޭ މުދަލަކީ ރޫމީންގެ ތަކެތި ކަމުގައި ހަދައި، ޝަހަރުގައި ދިރިއުޅޭ ކޮންމެ މީހަކު ވެސް އެ އެއްޗެތީން ބޮޑެތި ޢަދަދުތަކުން ޓެކްސް ދައްކާން މަޖުބޫރު ކުރުމެވެ. މިސާލެއްގެ ގޮތުން، ރޯމަނުންގެ މަޝްހޫރު ލީޑަރު ގޭއިއަސް ޔޫލިއަސް ކެއިޒަރް (މަޝްހޫރު ނަމުން ވިއްޔާ ޖޫލިއަސް ސީޒަރ) ގޯލް – މިހާރުގެ ފަރަންސޭސި ވިލާތް – ފަތަޙަ ކުރުމަށް ފަހު، އެ ސަރަޙައްދުގެ އާބާދީގައި އެއިރު ތިބި ތިން މިލިއަން ކެލްޓުންގެ ތެރެއިން އެއް މިލިއަން މީހުން ކަތިލައި، އެއް މިލިއަން މީހުން އަޅުވެތި ކުރިއެވެ. ރޭޕް ކުރެވުނު އަންހެނުންގެ ޢަދަދެއް ދެނަހުރި މީހަކު ނެތެވެ.

މި ދެންނެވި ޒާތުގެ އެއްވެސް ކަމެއް މުސްލިމުންގެ ފަރާތުން ފެނިވަޑައިނުގަތުމުން އޭނާ ޙައިރާންފުޅު ވީއެވެ. އެ ޙައިރާންކަމުގައި، މީސްތަކުންގެ ގެދޮރާއި ބިންތައް ވެސް ހަމަ ހުރި ގޮތަށް ބަހައްޓަވާނީތޯ އޭނާ ސުވާލު ދެންނެވިއެވެ. ޖަވާބުގައި ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވީ، މުސްލިމުން އައީ މީސްތަކުންގެ ބިންތަކާއި މުދައު ފޭރުމަށް ނޫން ކަމުގައެވެ. ޝަހަރުގެ އަހުލުވެރީން ކުރިއެކޭ ވެސް އެއްފަދައިން އެމީހުންގެ ޢާއިލާތަކާއިގެން އެމީހުންގެ ގެދޮރުގައި ޞުލްޙަ މަސަލަސްކަމާއި އަމަންއަމާންކަމުގައި އުޅޭން ވީ ކަމުގައެވެ. އެއްވެސް މީހަކު އެމީހުންނަށް ދެރަ ގޮތެއް ހަދައި، އަޅުވެތި ކޮށް، އެމީހުންގެ ގެދޮރުގެ ޙުރުމަތް ކަނޑައި، މުދަލެއް ފޭރި، މި ބާވަތުގެ އެއްވެސް ކަމެއް ނުކުރާނޭ ކަމުގައެވެ.

މި ގޮތުގެ މަތީން، ސޮފްރޯނިއަސް އިތުރު އެއްވެސް ޝަރުޠަކާ ނުލައި ޝަހަރުގެ ތަޅުދަނޑި ޢުމަރު ރަޟިޔަﷲ ޢަންހާ ޙަވާލު ކުރައްވާން ވަގުތުން އެއްބަސް ވެވަޑައިގެންފިއެވެ.

މުޤައްދަސް މަޤްބަރާގެ ފައްޅީގައި

ދެން ޕެޓްރިއާރކް ސޮފްރޯނިއަސް ޢުމަރު ރަޟިޔަﷲ ޢަންހަށް ދަޢުވަތު ދެއްވެވީ ޝަހަރުގައި ހުންނަ ނަޞާރާއިންގެ އެންމެ މުޤައްދަސް ފައްޅި ކަމުގައި ވާ މުޤައްދަސް މަޤްބަރާގެ ފައްޅި ބައްލަވައިލެއްވުމަށް ޓަކައި އެ ފައްޅިއަށް ޒިޔާރަތް ކުރެއްވުމަށެވެ. ކުރީން ވެސް ދެންނެވި ފަދައިން، އެ ފައްޅި އަކީ ނަޞާރާއިން ދެކޭ ގޮތުގައި ޢީސާ ޢަލައިހިއްސަލާމްގެ މުޤައްދަސް ހަށިކޮޅުގެ މަޤާމެވެ. އެ ފައްޅި ބިނާ ކުރެވިފައި ހުންނަނީ އެކަލޭގެފާނުގެ މަޤްބަރާކޮޅު ކަމަށް އެއުރެން ޤަބޫލު ކުރާ މަޤްބަރާ ފައްޅީގެ ތެރޭގައި ހުންނަ ގޮތަށެވެ. އެ ފައްޅި ބައްލަވައިލައްވާން ވަޑައިގަތުމަށް ސޮފްރޯނިއަސް ދެއްވި ދަޢުވަތު ޚަލީފާ ޢުމަރު ޤަބޫލުފުޅު ކުރެއްވިއެވެ. އަދި އިސްލާމީ ލަޝްކަރުގެ ބޮޑުންނާއިގެން ސޮފްރޯނިއަސްގެ ޖުލޫސާ އެކު ފައްޅިއަށް ވަޑައިގެން، ފައްޅީގެ އެތެރޭގެ އެކިއެކި ތަންތަން ބައްލަވައިލެއްވިއެވެ. ފައްޅީގެ ތަޢާރަފެއް ދެއްވައި، "ޓުއަރ ގައިޑެއްގެ" ދައުރު އަދާ ކުރެއްވީ ސޮފްރޯނިއަސްއެވެ. އެ ކަމުގައި އެ ބެއިފުޅުން ތިއްބަވަނިކޮށް އެ ދުވަހުގެ މެންދުރު ނުވަތަ ޢަޞްރު ނަމާދުގެ ވަގުތު ވުމުން، ޚަލީފާ ޢުމަރު ނަމާދުފުޅު ކުރެއްވުމަށް ޓަކައި މުސްލިމުންގެ ލީޑަރުންނާއިގެން ފައްޅީން ނުކުމެވަޑައިގަންނަވާން ގަސްދުފުޅު ކުރެއްވިއެވެ. އެހިނދު ސޮފްރޯނިއަސް ވިދާޅުވިއެވެ. "ކަލޭގެފާނު މި ފައްޅީގައި ނަމާދުފުޅު ކުރައްވާން ވީނޫންތޯއެވެ؟ އަޅުގަނޑުމެންގެ އެއްވެސް އިޢުތިރާޟެއް އެކަމާ މެދަކު ނެތެވެ. އަޅުގަނޑުމެން މި ތަނުގައި އަޅުގަނޑުމެންގެ ދީނުގެ އަޅުކަމުގެ ރަސްމުތައް އަދާ ކުރާ ފަދައިން، ތިޔަ ބެއިފުޅުން ނަމާދު ވެސް ކުރައްވާން ވީއެވެ."

މިއީ މުސްލިމުންގެ ފަރާތުން ކުރީން ފެނުނު ދީލަތިކަމެކެވެ. ކީރިތި މާތް ނަބިއްޔާގެ ސިޔަރަތު ކިޔުއްވާ ބެއިފުޅުން ހަނދުމަފުޅު ހުންނާނޭ ފަދައިން، އިތުރު އެކަލޭގެފާނަށް ޒިޔާރަތް ކުރުމަށް ޓަކައި ނަޖްރާނުން މަދީނާއަށް ދިޔަ ނަޞާރާއިންގެ ވަފުދުގެ މެންބަރުންނަށް އެކަލޭގެފާނު ވަނީ މަސްޖިދުއް ނަބަވީގައި އެމީހުންގެ ދީނީ އަޅުކަމުގެ ރަސްމު އަދާ ކުރުމުގެ ހުއްދަ ދެއްވައިފައެވެ.

މުޤައްދަސް މަޤުބަރާގެ ފައްޅީގައި ނަމާދު ކުރެއްވުމަށް ޕެޓްރިއާރކް ސޮފްރޯނިއަސް ދަޢުވަތު ދެއްވުމުން، ޚަލީފާ ޢުމަރު އެކަމަށް ކުރެއްވެވީ އިންކާރެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "އެހެން ކަމަކު ނުދާނެއެވެ. އަޅުގަނޑު މި ފައްޅިގައި ނަމާދު ކޮށްފިއްޔާ، ފަހުން މުސްލިމުންގެ ތެރެއިން ބަޔަކު، ތިމައުރެންގެ ޚަލީފާ ޤުދުސަށް އައިސް ފުރަތަމަ ނަމާދު ކުރި މަޤާމަކީ މިއީއޭ ބުނެ، ތިޔަ ބެއިފުޅުންގެ އަތްޕުޅުން މިތަން އަތުލައިގެން މި ތަނުގައި މިސްކިތެއް ބިނާ ކުރާން މަސައްކަތް ކޮށްފާނޭ ކަމަށް އަޅުގަނޑު ބިރު ގަނެއެވެ. އެއިރުން ތިޔަ ބެއިފުޅުންނަށް ތިޔަ ބެއިފުޅުންގެ މި މުޤައްދަސް ފައްޅި ގެއްލުނީއެވެ. އެހެންކަމުން، އަޅުގަނޑު ނަމާދު ކުރާނީ އެހެން ތަނެއްގައެވެ." ސޮފްރޯނިއަސް ދެންނެވިއެވެ. "މި ފައްޅިއާ ދާދި ކައިރީގައި ހުސް ބިމެއް އެބައޮތެވެ. އެއީ އެއްވެސް ބަޔަކަށް މިލްކު ވެފައި އޮތް ތަނެއް ވެސް ނޫނެވެ. އެތަނުގައި ނަމާދު ކުރެއްވުން ކީއްތޯއެވެ؟" ޚަލީފާ ވިދާޅުވިއެވެ. "ތިޔައީ ވަރަށް ރަނގަޅު ގޮތެކެވެ."

ދެން ޚަލީފާ ޢުމަރު މުސްލިމުންގެ ލީޑަރުންނާއިގެން ވަޑައިގެން ނަމާދުފުޅު ކުރެއްވެވީ، ސޮފްރޯނިއަސް އެ ވިދާޅުވި ހުސް ބިމުގައެވެ. އެކަލޭގެފާނު ނިމުތު ކުރެއްވި ފަދައިން، އެ ބިމުގައި މުސްލިމުން ފަހުން އެކަލޭގެފާނާއި އެކަލޭގެފާނު ޤުދުސްގައި ކުރެއްވި ފުރަތަމަ ނަމާދުފުޅުގެ ޒިކުރާގައި މިސްކިތެއް ބިނާ ކުރިއެވެ. މިހާރު ވެސް އެ މިސްކިތް އެބަހުއްޓެވެ. ނަމަކީ "މަސްޖިދު ޢުމަރު ބުނުލް ޚައްޠާބް" އެވެ. ހުންނަނީ މުޤައްދަސް މަޤުބަރާގެ ފައްޅިއާ ޖެހިގެން، ފައްޅީގެ ދެކުނު ފަރާތަށް ވާ ގޮތަށެވެ.

ވިސްނަމާތޯއެވެ! ދުނިޔޭގެ ހެޔޮ ތާރީޚު ލިޔެވިގެން ދަނީ މިހެންނެވެ. ތިޔަ ވިދާޅުވީ، މުސްލިމުންގެ ޚަލީފާ ޢުމަރު ރަޟިޔަﷲ ޢަންހު ނަޞާރާއިންގެ އެންމެ މުޤައްދަސް ފައްޅި "ޙިމާޔަތް ކުރައްވައި ސަލާމަތް ކުރެއްވި ގޮތުގެ" ވާހަކައެވެ!

ބައިތުލްމަޤްދިސް ޙިމާޔަތް ކުރެއްވުން

ނަމާދުފުޅުން އަވަދި ވެވަޑައިގަތުމަށް ފަހު ޚަލީފާ ޢުމަރު ޕެޓްރިއާރކް ސޮފްރޯނިއަސްގެ އަރިޔަހުން އެދިވަޑައިގަތީ "އަލްޙަރަމުއް ޝަރީފް" ނުވަތަ "ޓެމްޕަލް މައުންޓް" ގެ ސަރަޙައްދު ބައްލަވައިލައްވާން ބޭނުންފުޅު ކަމުގައެވެ.

"އަލްޙަރަމުއް ޝަރީފް" ނުވަތަ "ޓެމްޕަލް މައުންޓް" އެވެ ކިޔާ ސަރަޙައްދަކީ ނަބީ ސުލައިމާން ޢަލައިހިއްސަލާމް، ﷲ ގެ އަމުރުފުޅަށް މަޝްހޫރު "ބައިތުލްމަޤްދިސް" މިސްކިތްކޮޅު ބިނާ ކުރެއްވި ސަރަޙައްދެވެ. ޔަހޫދީން އެ މިސްކިތްކޮޅަށް ކިޔައިއުޅޭ ނަމަކީ "ހައިކަލް ސުލައިމާން" އެވެ. އިނގިރޭސި ލިޔުންތަކުގައި ޢާއްމުކޮށް ކިޔާ ގޮތުން "ސޮލޮމޮންސް ޓެމްޕަލް" ނުވަތަ "ފަރސްޓް ޓެމްޕަލް" އެވެ. މުސްލިމް ބައެއް މުއައްރިޚުންގެ ބަސްފުޅުގައި، ހައިކަލް ސުލައިމާން ބިނާ ކުރެވުނީ އިންސާނީ ނަސްލަށް ބަފައިކަލުނަށަވި މާތް ސާހިބާ އާދަމް ޢަލައިހިއްސަލާމް ބިންމަތީގައި އެންމެ ފުރަތަމަ މިސްކިތްކޮޅު މައްކާގައި ބިނާ ކުރެއްވުމަށް ފަހު، ދެވަނަ މިސްކިތްކޮޅު ބިނާ ކުރެއްވި މަޤާމުގައެވެ. މުސްލިމުން "މަސްޖިދުލް އަޤްޞާ" އެވެ ކިޔަނީ ޙަޤީޤަތުގައި އާދަމްގެފާނާއި ސުލައިމާންގެފާނު ބިނާ ކުރެއްވި ދެ މިސްކިތްކޮޅަށް ނިސްބަތް ވެވޭ ގޮތުންނެވެ.

ނަބީ ސުލައިމާން ޤުދުސްގެ ބިމުގައި، އާދަމްގެފާނު މިސްކިތްކޮޅު ހުރި މަޤާމުގައި އައު މިސްކިތްކޮޅެއް ބިނާ ކުރެއްވި ކަމަށް ބެލެވެނީ ނަބީ ޢީސާ ޢަލައިހިއްސަލާމް ދުނިޔެއަށް ވަޑައިގަތުމުގެ ގާތްގަނޑަކަށް 960 އަހަރު ކުރީންނެވެ. އެ މިސްކިތްކޮޅު ސަލާމަތުން ހުރީ ގާތްގަނޑަކަށް 370 އަހަރު ވާންދެނެވެ. ޔަހޫދީންގެ ތެރޭގައި ނަބީ ބެއިކަލުންނަށް އުރެދުމާއި، ވަޙީ ބަސްފުޅަށް ބަދަލު ގެނައުމާއި، ދީން ފަސާދަ ކުރުމުގެ ކަންތައްގަނޑު ބޮޑު ވެ މުޅި ދައުލަތާއި މުޖުތަމަޢު ފާސިދު ވެފައި އޮއްވައި، ޢީސާއީ މީލާދުގެ ގާތްގަނޑަކަށް 590 އަހަރު ކުރީން ބާބިލީން ފަލަސްޠީނު ހިފުމަށް ފަހު އެ މިސްކިތްކޮޅު ތަޅައި ބިމާހަމަ ކޮށްލީއެވެ. އޭގެ ގާތްގަނޑަކަށް ބައި ޤަރުނު ފަހުން، ފާރިސީ އަންބަރާޠޫރު ކޫރުޝް އަޢުޡަމް ބާބިލީން ބަލި ކުރައްވައި، ޔަހޫދީންނަށް ޤުދުސްގައި އަމަންއަމާންކަމާ އެކު ދިރިއުޅުމުގެ މަގު ތަނަވަސް ކޮށްދެއްވައި، ހައިކަލް ސުލައިމާން ދެވަނަ ފަހަރަށް ބިނާ ކޮށްދެއްވިއެވެ. އިނގިރޭސި ލިޔުންތަކުގައި ޢާއްމުކޮށް ކިޔާ ގޮތުން، މިއީ "ސެކަންޑް ޓެމްޕަލް" އެވެ.

ކޯރަޝް އަޢުޡަމް ބިނާ ކުރެއްވި ދެވަނަ ހައިކަލް ސުލައިމާން ޤަރުނުތަކެއް ވާންދެން ހުއްޓެވެ. އެތަން ހަލާކު ކޮށްލީ ރޯމަނުންނެވެ. އެއީ ޢީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ 63 އަހަރު ކުރީން އެމީހުން ފަލަސްޠީނު ހިފައި ޤުދުސް ވެސް އެމީހުންގެ އަނިޔާވެރި އަންބަރާޠޫރިއްޔާގެ ބާރުގެ ދަށަށް ގެންދިޔަ ފަހުންނެވެ. އެމީހުން ޤުދުސް ހިފުމަށް ފަހު، އެންމެ ފުރަތަމަ ހައިކަލް ސުލައިމާނަށް ގޯނާއެއް ކޮށްފައެއް ނުވެއެވެ. ނަމަވެސް ޤުދުސްގެ ޔަހޫދީން ތަކުރާރުކޮށް ރޯމަން ވެރިކަމާ ދެކޮޅަށް ބަޣާވާތް ކުރަމުން ގެންދާތީ، ޢީސާ ޢަލައިހިއްސަލާމް ދުނިޔެއަށް ވަޑައިގެންނެވިތާ 70 އަހަރު ފަހުން، އެމީހުން ޔަހޫދީ އާބާދީއާ ދެކޮޅަށް ވަރުގަދަ ޢަސްކަރީ އޮޕަރޭޝަނެއް ހިންގައި، ޔަހޫދީންގެ އެތައް ހާސް ބަޔަކު ކަތިލައި، އެމީހުންގެ ގެދޮރުތަކާއި ދަނޑުފަނގުތައް އަންދައި ސުންނާފަތި ކޮށް، މަރު ނުވެ ސަލާމަތުން ޤުދުސާއި ފަލަސްޠީނުގައި ތިބިހައި ޔަހޫދީން ރޯމަނުންގެ ވެރިކަމުގެ ދަށުގައި އޮތް ޔޫރަޕާއި އުތުރު އެފްރިކާގެ އެކިއެކި ސަރަޙައްދުތަކަށް ގެންގޮސް ހެދުމަށް ފަހު، ހައިކަލް ސުލައިމާން ވެސް ތަޅައި ސުންނާފަތި ކޮށްލިއެވެ. ޢިމާރާތުން ހަލާކު ނުވެ ހުރީ، ތަނުގެ ހުޅަނގު ފަރާތު ފާރުން ބައެކެވެ. އެ ބައި މިހާރު ވެސް އެބަހުއްޓެވެ. އިނގިރޭސި ލިޔުންތަކުގައި "ވެސްޓަރން ވޯލް" ކިޔާ ތަނަކީ އެއީއެވެ.

ހައިކަލް ސުލައިމާން ތަޅައި ސުންނާފަތި ކުރުމަށް ފަހު، ރޯމަނުން ޤުދުސްގެ އަހުލުވެރީންނަށް އަންގައި އަމުރު ކުރީ ޝަހަރުގެ ގޮނޑެއްގެ ގޮތުގައި އެ ބިން ބޭނުން ކުރުމަށެވެ. އެއިރުއްސުރެ، މީލާދީން 637 ވަނަ އަހަރާ ހަމަޔަށް – ގާތްގަނޑަކަށް 570 އަހަރު ވާންދެން – އެ ބިން އޮތީ ޤުދުސްގެ ބޮޑު ގޮނޑުގެ ގޮތުގައެވެ. މުޅި ސަރަޙައްދުގައި އޮންނަނީ އެކި ބާވަތްބާވަތުގެ ކުނިބުންޏެވެ. މީލާދީން ގާތްގަނޑަކަށް 621 ގައި، އަޅުގަނޑުމެންގެ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އިސްރާ އާއި މިޢުރާޖުގެ ދަތުރުފުޅުގައި، އިތުރު އެކަލޭގެފާނު ރަސޫލުން ނަބީންގެ ޖަމާޢަތާއިގެން އެ ބިމުގައި އިމާމު ވެ ނަމާދުފުޅު ކުރެއްވެވި އިރު ވެސް އެ ތަނުގައި އޮންނަނީ އެ ގޮނޑެވެ. ރޯމަނުން ނަޞާރާ ދީނަށް ވަނުމަށް ފަހު ވެސް، ނަޞާރާއިން ޔަހޫދީންނާ މެދު ގެންގުޅޭ ޢަދާވާތްތެރިކަމާއި ދުޝްމަންކަމުގެ ތެރެއިން، އެ ބިން ހަމަ ގޮނޑެއްގެ ގޮތުގައި ބޭއްވީއެވެ.

ޚަލީފާ ޢުމަރު ރަޟިޔަﷲ ޢަންހު ޕެޓްރިއާރކް ސޮފްރޯނިއަސްގެ އަރިޔަހުގައި މި ދަންނަވާ ބިން – އަލްޙަރަމުއް ޝަރީފް – ބައްލަވައިލައްވާން އެދިވަޑައިގަންނަވާ ވާހަކަ ވިދާޅުވުމުން، ސޮފްރޯނިއަސް ޖެހިލުން ވެވަޑައިގަތުމާ އެކު، ނަޞާރާ ރޯމަނުންގެ ވެރިކަމުގެ ދަށުގައި އެ ބިމުގެ ޙާލަތު އޮތް ގޮތް ވިދާޅުވެދެއްވިއެވެ. އެހިނދު ޢުމަރުގެފާނު ނުހަނު ބޮޑަށް ޙައިރާންފުޅު ވެވަޑައިގެން، ތިޔަހެން ހަދާން ހެޔޮ ވާނީ ކިހިނަކުންހޭ އައްސަވައި، ވަގުތުން އެންމެ ބެއިފުޅުންނާއިގެން ވަޑައިގަތީ އެ ބިމަށެވެ. އެތަން އޮތް ޙާލަތު ފެނިވަޑައިގެން އެކަލޭގެފާނުގެ ލޯފުޅުން ކަރުނަފޮދު އޮހޮރުނެވެ. އަދި ދެ ކަކޫފުޅު ބިންމަތީގައި ޖައްސަވައި އެ ބިމަށް އަދަބު އިޙުތިރާމު އަދާ ކުރެއްވެވުމަށް ފަހު، އެންމެ ފުރަތަމަ ވެސް ޚުދު އެކަލޭގެފާނުގެ އަތްޕުޅުން އެ ބިމުގައި އޮތް ކުނިބުނި ނަންގަވައި ސާފު ކުރުމުގެ މަސައްކަތް ފެއްޓެވިއެވެ. މިތަން ދެކެވަޑައިގެން މުސްލިމުންގެ ލީޑަރުން ވެސް ވަގުތުން އެ މަސައްކަތުގައި ބައިވެރި ވެވަޑައިގަތެވެ. އާދެ، ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞަޙާބީންނެވެ. އެ ބެއިފުޅުންނާ ތަބަޢަ ވެވަޑައިގެން އިސްލާމީ ލަޝްކަރުގެ އެންމެހައި މުޖާހިދުން ވެސް އެ މަސައްކަތުގައި ބައިވެރި ވެއްޖެއެވެ. ސޮފްރޯނިއަސް އާއި އޭނާގެ އަރިޔަހުގައި ތިއްބެވި ނަޞާރާއިންގެ ލީޑަރުން ލަދުވެތިކަމާ އެކު، މަންޒަރު ބައްލަވާން ތިއްބެވިއެވެ.

އަލްޙަރަމުއް ޝަރީފްގެ ބިން ސާފު ކުރުމުގެ މަސައްކަތް ނިމުމުން، ޚަލީފާ ޢުމަރުގެ އަމުރުފުޅަށް އެ ބިމުގައި އަލުން ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އަޅުކަން ކުރެވޭ މިސްކިތެއް ބިނާ ކުރެވުނެވެ. އެ މިސްކިތް ފަހުން ބޮޑު ކުރެވެމުން ޒީނަތްތެރި ކުރެވެމުން އައިސް، މިހާރު "މަސްޖިދުލް ޤިބްލީ" އެވެ ކިޔޭ މިސްކިތަކީ އެއީއެވެ. ހަމަ އެހެންމެ، އަލްޙަރަމުއް ޝަރީފްގެ ސަރަޙައްދުގައި އުމަވީ ޚަލީފާ ޢަބްދުލްމަލިކް ބިން މަރްވާންގެ އަމުރުފުޅަށް ފަހުން އެހެން މިސްކިތެއް ވެސް ބިނާ ކުރެވުނެވެ. އެ މިސްކިތުގެ ނަމަކީ "މަސްޖިދު ޤުއްބަތުއް ޞަޚްރާ" އެވެ.

ޔަހޫދީންގެ ވާހަކަ

އަލްޙަރަމުއް ޝަރީފްގެ ސަރަޙައްދު ބައްލަވައިލައްވައި، އެތަނާ ބެހޭގޮތުން ކުރާން ވީ ކަންކަން ނިންމެވުމަށް ފަހު ދެން ޚަލީފާ ޢުމަރު ޕެޓްރިއާރކް ސޮފްރޯނިއަސްގެ އަރިޔަހުން އެދިވަޑައިގަތީ ޝަހަރުގެ ޔަހޫދީންގެ އިސް މީހުންނާ ބައްދަލު ކޮށްލެއްވުމަށެވެ. ޖަވާބުގައި ސޮފްރޯނިއަސް ދެންނެވިއެވެ. "ޝަހަރުގައި ޔަހޫދީން ނުއުޅެއެވެ." މި ޖަވާބާ ގުޅިގެން ވެސް ޚަލީފާ ޢުމަރު ވަރަށް ބޮޑަށް ޙައިރާންފުޅު ވެވަޑައިގެން، އެއީ ކީއްވެގެންތޯ އަދި މި ޝަހަރަކީ ޔަހޫދީންނަށް ވެސް މުޤައްދަސް ޝަހަރެއް ކަމުގައި ނުވޭތޯ ސުވާލު ކުރެއްވިއެވެ. ދެން ސޮފްރޯނިއަސް ރޯމަން ނަޞާރާއިންގެ ވެރިކަމުގައި ޔަހޫދީންނާ މެދު ކަންތައް ކުރެވުނު ގޮތް ވިދާޅުވެދެއްވިއެވެ. މީލާދީން 70 ވަނަ އަހަރު ރޯމަނުން ޤުދްސާއި މުޅި ފަލަސްޠީނުން ޔަހޫދީން ބޭރު ކޮށްލުމަށް ފަހު، ދެން އައި ޤަރުނުތަކުގައި މަޑުމަޑުން ޔަހޫދީން ފަލަސްޠީނަށް އައިސް، ކުދިކުދި އާބާދީތަކުގައި އުޅެމުން ދިޔަ ވާހަކަ ދެންނެވިއެވެ. އެންމެ ފަހުން ރޯމަނުންނާއި ފާރިސީންނާ ދެމެދު ކުރެވުނު ހަނގުރާމައިގައި ޤުދުސްގައި ތިބި ޔަހޫދީން ފާރިސީންނަށް އެހީތެރި ވުމުން، އެކަމުގެ އަދަބެއްގެ ގޮތުގައި ޤުދުސްގައި ދިރިއުޅެމުން ދިޔަ ވިއްސަކަށް ހާސް ޔަހޫދީންގެ އެންމެން ކަތި ލައި، އަނެއްކާވެސް ޝަހަރުން ޔަހޫދީން މުޅީން ހުސް ކޮށްލެވުނު ވާހަކަ ދެންނެވިއެވެ.

މި ވާހަކަ އައްސަވައި ޚަލީފާ ޢުމަރު ހިތާމަފުޅު ކުރައްވައި ވިދާޅުވިއެވެ. "ތިޔައީ އެއްވެސް ގޮތަކުން ކަން ކުރުން އެކަށީގެންވާ ގޮތެއް ނޫނެވެ." ދެން އެކަލޭގެފާނު އެކަލޭގެފާނުގެ އަރިޔަހުގައި ހުންނެވި ޔަހޫދީ ނަސްލަށް ނިސްބަތް ވާ މުސްލިމެއް ކަމުގައި ވާ ކަޢްބުލް އަޙްބާރަށް އަމުރުފުޅު ކުރެއްވީ މުސްލިމުންގެ ބާރުގެ ދަށުގައި އޮތް ބިންތަކުގައި ދިރިއުޅޭ ޔަހޫދީންގެ ތެރެއިން، ޤުދުސަށް އައިސް ޤުދުސްގައި ވަޒަންވެރި ވެގެން އުޅޭނޭ ޔަހޫދީންގެ 80 ޢާއިލާ ހޯއްދެވުމަށެވެ. އަދި އެމީހުންނަށް ޤުދުސްގައި ވަޒަންވެރި ވެގެން ދިރިއުޅުމެއް ފެށުމަށް ބޭނުން ވާ ހުރިހައި އެހީތެރިކަމެއް ދެއްވުމަށެވެ. މި އަމުރުފުޅާ އެއްގޮތަށް، ލަސްތަކެއް ނުވެ ޔަހޫދީންގެ ކުޑަކުޑަ އާބާދީއެއް ވެސް ޝަހަރުގައި ޤާއިމު ކުރެވުނެވެ.

މި ވާހަކަތަކަކީ އިސްލާމީ ތާރީޚުގައި ތަފްޞީލާ އެކު ހުރި ވާހަކަތަކެވެ. ނަމަވެސް މި ޒަމާނުގައި މި ތާރީޚަކީ ޙަޤީޤަތަށް ދަންނަވަންޏާ "ފޮރުވައިލެވިފައި" ވާ ތާރީޚެވެ.

ދާދި ފަހުން ޔުނައިޓެޑް ސްޓޭޓްސްގެ މަޝްހޫރު މުއައްރިޚެއް ކަމުގައި ވާ ޑރ. ރޯއި ކެސެގްރާންޑް، ދި އޮސްޓިން ސްކޫލުގައި ދެއްވި ތަޤުރީރެއްގައި މި ޙާދިސާ ތަފްޞީލީ ގޮތެއްގައި ވިދާޅުވެދެއްވުމަށް ފަހު، މިއީ "ހުޅަނގުގެ ތާރީޚު ފޮތްތަކުން ފޮހެލެވިފައި ވާ" ޙަޤީޤަތްތައް ކަމުގައި ވިދާޅުވިއެވެ. ސުވާލަކީ، އަޅުގަނޑުމެން މުސްލިމުންގެ ތާރީޚު ފޮތްތަކުން މި ރިވެތި ދާސްތާނުގެ ވާހަކަ ފޮހެލެވިފައި ނުވޭހެއްޔޭ، މިއެވެ! ހުޅަނގުގެ މުޤައްރަރުތަކާ އެއްގޮތަށް، ހުޅަނގުގެ ފޮތްތަކުން، ހުޅަނގު ރުހޭނޭ ގޮތްގޮތަށް އަޅުގަނޑުމެންގެ ދަރީންނަށް "ކިޔަވައިދިނުމަށާއި" ހުޅަނގުގެ އިމްތިޙާނުތައް ހައްދައި، ހުޅަނގުގެ ކޮލެޖުތަކާއި ޔުނިވަރުސިޓީތަކަށް އެކުދީން ފޮނުވުމަށް އަޅުގަނޑުމެން ދީވާނާ ވެފައި ތިބި ވަރުން، މި ވާހަކަތައް އަޅުގަނޑުމެންގެ ދަރީންނަށް ވެސް ވަނީ އަޅުގަނޑުމެންގެ އަތްތަކުން ފޮރުވައިލެވިފައި ނުވޭތޯއެވެ؟ ޚުދު އަޅުގަނޑުމެންގެ ރާއްޖޭގެ މަދަރުސާތަކުން ކިޔަވައިގެން "މޮޅު ވެގެން" ނުކުންނަ ދަރީންނަށް މި ވާހަކަތައް ކިޔަވައިދެވިފައި ވޭތޯއެވެ؟

ގުޅޭ ޓެގު
comment ކޮމެންޓް