އުކުޅަހުގެ މަގުތަކުގައި ތާރު އަޅަން 59 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި

އއ. އުކުޅަހުގެ މަގު ހެދުމަށް އެމްޓީސީސީއާ ހަވާލުކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އއ. އުކުޅަހުގެ މަގުތައް ތަރައްގީކުރުމުގެ ގޮތުން އެ މަގުތަކުގައި ތާރުއަޅަން 59 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

އެ މަަޝްރޫއޫ އެމްޓީސީސީއާ ހަވާލު ކުރުމަށް މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއޯއޯ އަދަމް އާޒިމެވެ.

އުކުޅަހުގެ މަގުތަކުގައި ތާރުއެޅުމުގެ އެއްބަސްވުމުގެ ދަށުން ޖުމްލަ 2.68 ކިލޯ މީޓަރުގެ މަގުގައި ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ.

ހަމައެއާއެކު، މަގުތަކުގައި ފެން ހިންދާ ނިޒާމް ގާއިމުކޮށް، މަގުތަކުގައި މަގު ބައްތި ވެސް އެ އެއްބަސްވުމުގެ ދަށުން ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

އއ. އުކުޅަހުގެ މަގު ހެދުމަށް އެމްޓީސީސީއާ ހަވާލުކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އުކުޅުހުގައި މިހާރު މަގުތައް އޮތް ގޮތާ މެދު އެ ރަށު ރައްޔިތުންގެ ކަންބޮޑުވުން ގިނައެވެ. އެގޮތުން އުކުޅަހުގެ ކައުންސިލް މެމްބަރު މުހައްމަދު ހުސްނީ މިއަދު "ސަން"އަށް ވިދާޅުވީ، ބޯކޮށް ވާރޭވެހޭ ނަމަ މަގުތަކުގައި ފެން ބޮޑުވާ ކަމަށެވެ.

ކުނި މެނޭޖު ކުރުމަށާއި، އެއްގަމު އުޅަނދު ދުއްވުމާއި ހިނގާބިނގާވެ އުޅެންދަތިވާ ވަރަށް މަގުތަކުގެ ހާލަތު މިހާރު ގޯސްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އާއްމުންނަށް ވަރަށް އަނިޔާވެސް ލިބޭ މަގުތައް އެހެން އޮތީމަ. ވިއްސާރަ ވެހޭ ދުވަހަކުވެސް ހަމަ ވެއްޓި އަނިޔާވެސް ލިބޭ. ދެން އަނެއްކަ ޓޫރިސްޓުން ގިނައިން އަންނަ ރަށަކަށް ވެސް ވާތީ އެމީހުންނަށް ވެސް އުނދަގޫ އެބަވޭ މިހާރު މަގުތައް ހުންނަ ގޮތުން،" އޭނާ ވިދާޅުވިއެވެ.

ހުސްނީ ވިދާޅުވީ މަގުތަކުގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. ވަރަށް ގިނަ ދުވަސް ވަންދެން ބޭނުންވެފައިވާ މައްސަލައަކަށް ހައްލެއް ލިބެން އުޅޭ ކަމުގެ އުއްމީދު ވެސް އާލާ ވެއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމަކީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށި އަދި އެ މަސައްކަތް އެއްކޮށް ނިމޭނެ ކަމުގެ ޔަގީންކަން ވެސް އިތުރުވާ ކަމެކެވެ.

މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ގިނަ މަޝްރޫއުތައް ކުރިއަށްގެންދަނީ އެމްޓީސީސީންނެވެ.

comment ކޮމެންޓް