ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންމެ ބިރުފުޅުގެންވަޑައިގަންނަވާ އެއްޗަކީ ކޮބާ؟

ފޮޓޯ: ޖެފްމެންގުއިން.ކޮމް

އަދަދު ނުކުރެވޭހައި ގިނަ ގުނަ ނިއުމަތްތައް އިންސާނާއަށް ދެއްވުމާއެކު، އެ ނިއުމަތްތަކުގެ ބޭނުން، އިންސާނާ ބޭނުން ގޮތަކަށް ކުރުމުގެ އިޚްތިޔާރު ދެއްވިއެވެ. އެއީ އިންސާނާއަށް ފައިދާހުރި ރަނގަޅު މަގާއި ގެއްލުން ހުރި ނުބައި މަގު ދެނެގަތުމުގެ ކުޅަދާނަކަން ދެއްވައި، ރަސޫލުން ފޮނުއްވައި ތެދުމަގު ބަޔާން ކޮށްދެއްވުމާއެކުގައެވެ.(ޝަމްސު: 8) އަދި ކިއެއްތަ؟ ނިޢުމަތްތަކުގެ ބޭނުން އެމީހަކު ހިތާވާ ގޮތަކަށް ހިފަން ދޫކޮށްލެއްވިނަމަވެސް، ހެޔޮ ގޮތާއި ނުބައި ގޮތް އެއްވަރު ނުވާނޭކަންވެސް ބަޔާންކޮށްދެއްވިއެވެ.

ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ. "(ކުރާ އަމަލުތައް) ބަލަހައްޓަވަން އޭނާގެ ކައިރީގައި ހާޒިރުވެ މަލާއިކަތަކު ނެތި، އޭނާއަކަށް އެއްވެސް ބަހެއް ނުބުނެވެއެވެ."(ޤާފު: 18) "އަދި ތިބާޔަށް އެކަމަކާމެދު އެނގުމެއްނުވާ ކަމަކަށް، ތިބާ ތަބަޢަ ނުވާށެވެ! ހަމަކަށަވަރުން، އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ އެއާމެދު ސުވާލު ކުރައްވާނޭ ކަމެއްކަމުގައިވިއެވެ."(އިސްރާ: 34) މި ދެއާޔަތުން ފާހަގަ ކުރެވޭގޮތުގައި؛ އިންސާނާގެ ހަށިގަނޑުގައިވާ ވަރަށް މުހިއްމު ގުނަވަނެއް ކަމުގައިވާ ދުލުގެ ވާހަކަ މި ދެއާޔަތުގައި އައިސްފައި އެބައޮތެވެ.

ޝައްކެއްނެތްގޮތުގައި އިންސާނުންނަށް ދެއްވާފައިވާ ގިނަގުނަ ނިއުމަތްތަކުގެތެރެއިން އެންމެ ބޮޑު އެއް ނިއުމަތަކީ ދުލުން ބަސްމޮށެ އުޅުމުގެ މަތިވެރި ނިއުމަތެވެ. އިންސާނުން ކުރާ އެއްވެސް އަމަލަކީ އެބައިމީހުންނަށް މަޖުބޫރުވެގެން ކުރާ އަމަލަކަށްނުވާ ފަދައިން، ﷲ ދެއްވާފައިވާ މި އަގުބޮޑު ނިއުމަތުގެ ބޭނުންވެސް ތަފާތު ގޮތްގޮތަށް އިންސާނާ ކުރަމުންދަނީ އޭނާޔަށް އެއްވެސް މަޖުބޫރު ކަމެއްނެތިއެވެ. އިންސާނާ އޭނާގެ ދޫ ބޭނުންކުރަނީ އެއްގޮތެއްގައި ﷲ އަށް ކުއްތަންވުމަށްޓަކައެވެ. ނުވަތަ އެކަލާނގެއަށް އުރެދި، ޝައިތާނާގެ ރުހުން ހޯދުމަށްޓަކައެވެ!

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ރުޖޫއަވާއިރު، ﷲ އިންސާނާއަށް ދަރުމަ ކުރައްވާފައިވާ ނިއުމަތް ތަކުގެތެރެއިން، "ދުލަށް" ޚާއްޞަ ކަމެއް ދެއްވާފައިވާތަން ފެނެއެވެ. މިގޮތުން، ﷲ ގެ އޯގާވަންތަކަމުން އެންމެހައި ފާފަތަކުން ސަލާމަތްކުރައްވާފައިވާ މާތް ނަބިއްޔާ - ޞައްލަﷲ ޢަލައިހި ވަސައްލަމަ - ، އެކަލޭގެފާނު އެ އެއްޗަކާމެދު އެންމެ ބިރުފުޅުގެންވަޑައިގަންނަވާ އެއްޗަކީ އެކަލޭގެފާނުގެ ދޫފުޅު ކަމުގައި ހަދީސް ކުރައްވާފައިވެއެވެ. سُفْيَانُ بن عَبد اللّه الثَّقَفِي ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތިމަން ދެންނެވީމެވެ. އެ އެއްޗަކާމެދު ކަލޭގެފާނު އެންމެ ބިރުވެތިވެވަޑައިގަންނަވާ އެއްޗަކީ ކޮބައިތޯއެވެ؟ (މީގެ ޖަވާބު ދެއްވުމުގެގޮތުން) އެކަލޭގެފާނު އެކަލޭގެފާނުގެ ދޫފުޅުގައި ހިއްޕަވައި (އެ އެއްޗަކީ) މިއީ އެވެ." ހަދީސް ކުރެއްވިއެވެ.(ތިރުމިޒީ: 2334/8)

އަދި އެމީހެއްގެ ދޫ ރައްކާތެރި ކުރުމަށް ޖާމިނުވާ މީހާއަށް، (ﷲ) ސުވަރުގެ ދެއްވަވާނެކަމުގެ މައްޗަށް މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޖާމިނުވެވަޑައިގަންނަވާނެކަމަށް ހަދީސް ކުރައްވާފައިވެއެވެ.(ބުޚާރީ: 5993/20) އަދި ހަމަ މިޔާއެކު، ދުލަކީ އިންސާނާގެ އެންމެހައި ގުނަވަންތައް އޭގެ މައްޗަށް ބަރޯސާވެގެންވާ ގުނަވަނެއްކަމުގައި ހަދީސްގައި އައިސްފައިވެއެވެ. أَبُوْ سَعِيْدُ الْخُدْرِي - رضي الله عنه - ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސް ކުރެއްވިއެވެ. "އާދަމުގެ ދަރިޔާ ހެނދުނު ތެދުވާހިނދު، އޭނާގެ ހުރިހާ ގުނަވަންތައް ނިކަމެތިކަމާއެކު ދުލަށް ބުނެތެވެ. އަހަރެމެންނަށްޓަކައި الله އަށް ތަޤުވާވެރިވާށެވެ! ފަހެ އަހަރެމެން ބަރޯސާވެގެންވަނީ ތިބާގެ މައްޗަށެވެ. ތިބާ ސީދާވެގެންވާނަމަ އަހަރެމެން (ވެސް) ސީދާވެގެންވާހުށީމެވެ. އަދި ތިބާ ސީދާ މަގުން ކަސިޔާރުވެއްޖެނަމަ އަހަރެމެންވެސް ކަސިޔާރުވެދާހުއްޓެވެ."(ތިރުމިޒީ: 2331/8)

އަދި ދުލަކީ އަހަރެމެން ހީކުރާވަރަށް ވުރެ ބޮޑަށް އެއަށް ރައްކާތެރިވާންޖެހޭ ގުނަވަނެއްކަމާއި، މި ގުނަވަނަށް ރައްކާތެރިވުމަކީ ސަލާމަތްކަމާއި އަމާންކަމަށް އޮތް މަގެއްކަމުގައިވެސް ހަދީސްގައި އައިސްފައިވެއެވެ. عُقْبَة بْنِ عَامِر ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ތިމަން ދެންނެވީމެވެ. އޭ الله ގެ ރަސޫލާއެވެ! ސަލާމަތްކަން ލިބުން ވަނީ ކޮންކަމެއްގައިތޯއެވެ؟ އެކަލޭގެފާނު ހަދީސް ކުރެއްވިއެވެ. "ތިބާގެ ދޫ ހިފަހައްޓާށެވެ! (އެބަހީ: ދޫ ރައްކާތެރިކުރާށެވެ!) އަދި ތިބާގެ ގެ ތަނަވަސްކުރާށެވެ! (އެބަހީ: ދިރިއުޅުން ތަނަވަސްކުރާށެވެ.) އަދި ތިބާޔަށް ކުރެވިފައިވާ ފާފަތަކާމެދު ރޮއި ހިތާމަކުރާށެވެ!"(ތިރުމިޒީ: 2406)

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން އެނގޭ ގޮތުގައި ދުލާމެދު ސަމާލުކަން ދޭންޖެހެނީ ދެ ކަމަކަށްޓަކައެވެ. އެއީ ދުލުން ފާފަވެރި އަމަލުތަކެއް ކުރެވިދާނެކަމާމެދުގައި ސަމާލުވުމާއި، ދުލުގެ ބޭނުން ހެޔޮ ގޮތުގައި ކުރުމާމެދު ސަމާލުކަން ދިނުމެވެ. ފުރަތަމަ ގޮތުގެ މިސާލަކީ؛ ދޮގުހެދުމާއި، ޣީބަ ބުނުމާއި، ދެބައޮޑުވުމާއި، ދޮގު ހެކި ދިނުމާއި ހަޑި ހުތުރު އެއްޗެތި ކިޔުންފަދަ ކަންކަމުގައި ދޫ ބޭނުން ކުރެވިދާނެ ކަމާމެދު ސަމާލުވުމެވެ. އަދި ދެވަނަ ގޮތުގެ މިސާލަކީ؛ ﷲ ގެ ޒިކުރު ކުރުމާއި، ޤުރުއާން ކިޔެވުމާއި، ހެޔޮކަންތައްތަކަށް އަމުރުކޮށް ނުބައިކަންތައްތައް މަނާކުރުމާއި އަދި އަނިޔާ ލިބިފައިވާ ފަރާތްތަކަށް ނަސްރު ދިނުމުގައި ދޫ ބޭނުންކުރުން ފަދަ ކަންކަމާމެދު ސަމާލުވުމެވެ.

އާނއެކެވެ! މާތް ނަބިއްޔާ - ޞައްލަﷲ ޢަލައިހި ވަސައްލަމަ - އެކަލޭގެފާނުގެ ދޫފުޅާމެދު ބިރުފުޅުގެންވަޑައިގަންނަވާއިރު، އަހުރެމެން، އަހުރެމެންގެ ދުލާމެދު ބިރުވެތިވުން މާބޮޑަށް އައުލާވެގެން ވޭނޫންހެއްޔެވެ؟

ގުޅޭ ޓެގު
comment ކޮމެންޓް