ގުރައިދޫ މަރުކަޒުގެ މައްސަލަ: އަޅަން ޖެހޭ ފިޔަވަޅުތައް ވަނީ ވަގުތުން އަޅާފައި

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދު ވާހަކަދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަރުވާދިނުމަށް ސަރުކާރުން ކ. ގުރައިދޫގައި ހަދާފައިވާ މަރުކަޒާ ގުޅޭ ގޮތުން, ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން ނެރުނު ރިޕޯޓާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތަށް އަޅާފައިވާ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.

އެޗްއާރްސީއެމުން ގުރައިދޫ މަރުކަޒަށް މިދިޔަ މާޗު މަހުގެ ހަ ވަނަ ދުވަހުން ފެށިގެން އަށް ވަނަ ދުވަހުގެ ނިޔަލަށް ވަނީ މޮނިޓަރިން ޒިޔާރަތެއް ކޮށް، ރިޕޯޓެއް އެކުލަވާލައިފައެވެ.

ގުރައިދޫ މަރުކަޒާ ގުޅިގެން އެޗްއާރުސީއެމްގެ ރިޕޯޓުގައި ވަނީ 2008 ވަނަ އަހަރުން ފެށިގެން ރަނގަޅު ކުރަން އަންގައިފައިވާ އެތައް ކަމެއް އަދިވެސް ރަނގަޅު ނުކުރާ ކަމަށެވެ. އަދި އެ މަރުކަޒުން ލިބެން ޖެހޭ އަސާސީ ގިނަ ހިދުމަތްތައް ނުލިބޭ ކަމަށް އެ ރިޕޯޓުގައިވެއެވެ.

ހަމައެއާއެކު މަރުކަޒުން ފަރުވާ ހޯދާ މީހުންނާ މެދު އެ ތަނުގެ ބައެއް މުވައްޒަފުން ނުވަތަ ކެއާ ވޯކަރުން ލާއިންސާނީ އިހާނެތި އަމަލުތައް ހިންގާ ކަމަށް އެ ރިޕޯޓުން ހާމަވެއެވެ. އަދި ބައެއް ބަލި މީހުން އަނެއް ބައި ބަލި މީހުންނަށް ޖިންސީ ގޯނާ ކުރާ ކަމަށް ވެސް ރިޕޯޓްގައިވެއެވެ.

https://sun.mv/169181

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އެޗްއާރުސީއެމްގެ އެ ރިޕޯޓު ނެރެފައިވަނީ މި އަހަރުގެ ޖުލައި މަހުގެ 26ވަނަ ދުވަހުކަމަށެވެ.

އެ ރިޕޯޓް އެޗްއާރުސީއެމްގެ ވެބްސައިޓުގައި އާއްމުކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އެ ރިޕޯޓު މީޑިއާތަކަށް އާއްމުވެފައިވަނީ އިއްޔެއެވެ.

އެޗްއާރުސީއެމްގެ އެ ރިޕޯޓާ ގުޅިގެން މިއުވާން ވިދާޅުވީ ސަރުކާރުގެ ސަމާލުކަމަށް އެ ރިޕޯޓުގައި ހުރި މައްސަލަތައް އައުމާއެކު ޖެންޑާ މިނިސްޓްރީ މެދުވެރިކޮށް ވަގުތުން ވަގުތަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

އެ ރިޕޯޓް މީޑިއާތަކުގައި އިއްޔެ އާއްމުވި ނަމަވެސް އެ ރިޕޯޓަކީ ކުރީގެ ރިޕޯޓެއް ކަމަށާއި އެ ރިޕޯޓުގައި ހުރި ކަންކަމަށް ސަރުކާރުން އެޓެންޑުވެފައިވާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

"އިއްޔެ މީޑިއާތަކުން ރިޕޯޓު ކުރި އެ ރިޕޯޓު މުޅިއަކުން މިހާރުގެ ހާލަތަލަށް ރިފްލެކްޓެއް ނުކުރާނެ. އެއީ އޭރު އެޗްއާރުސީއެމްގެ ރިކޮމެންޑޭޝަންތަކާ އެއްގޮތަށް ވަރަށް ގިނަ ބަދަލުތަކެއް ވާނީ މިހާރު އެ މަރުކަޒަށް ގެނެވިފަ،" އޭނާ ވިދާޅުވިއެވެ.

ނަމަވެސް ގެނައި ބަދަލުތަކުގެ ތަފްސީލުތަކެއް މިއުވާން ވިދާޅެއް ނުވެއެވެ.

ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ 1976 ވަނަ އަހަރުގެ ޖޫން މަހުގެ ހަ ވަނަ ދުވަހު ގާއިމު ކުރި މަރުކަޒެކެވެ.

އެ މަރުކަޒަކީ ދިވެހި ރައްޔިތުންގެ ތެރެއިން ޖިސްމާނީ ގޮތުންނާއި،
ނަފްސާނީގޮތުންނާއި، ސިކުނޑީގެގޮތުން ހުރި ނުކުޅެދުންތެރިކަމެއްގެ ސަބަބުން ބަލަދުވެރިން ނުވަތަ ބެލެނިވެރިންނަށް ނުވަތަ
އެނޫން ބަޔަކަށް ވެސް ސަލާމަތާއި ރައްކާތެރިކަމާއެކު މުޖްތަމައުގައި އެމީހުން ގެންގުޅެންދަތި މީހުންނާއި، ކުދިން ބަލަހައްޓާ މަރުކަޒެކެވެ.

ހަމައެއާއެކު އެ މަރުކަޒުގައި އުމުރުން ދުވަސްވުމުގެ ސަބަބުން ސަލާމަތާއި ރައްކާތެރިކަމާއެކު މުޖުތަމައުގައި އެކަނި އުޅެން ދަތިވުމުގެ އިތުރުން އެމީހުންގެ ބަލަދުވެރިއަކު ނުވަތަ ބެލެނިވެރިއަކު ނުވަތަ އަޅާލާނެ ޔާރެއް، އިޔާރެއްނެތުމާއެކު، ޒަރޫރީކަންކަން އަމިއްލަޔަށް ފުއްދައިގަތުމަށް ނުކުޅެދިފައިވާ މީހުން ސަލާމަތާއި ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ގާއިމުކުރި މަރުކަޒެކެވެ.

އެ މަރުކަޒަކީ ދައުލަތުގެ ބެލެމުގެދަށުގައި މިފަދަ ފަރާތްތައް މަރުކަޒުކުރެވިގެން ބަލަހައްޓަމުންގެންދާ ހަމައެކަނި މަރުކަޒެވެ.

comment ކޮމެންޓް