އޭސީ މިލާން ބަލިކޮށް ޗެލްސީ އެއްވަނައަށް

ޔޫއެފާ ޗެމްޕިއަންސް ލީގުގައި އޭސީ މިލާން ބަލިކޮށް ޗެލްސީން ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ރޭ މިލާންގެ އަމިއްލަ ދަނޑުގައި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 2-0ގެ ނަތީޖާއަކުންނެވެ.

ޗެލްސީން ލީޑު ނެގީ މެޗުގެ 21 ވަނަ މިނިޓްގައި ޖޯޖީނިއޯ ޖެހި ޕެނަލްޓީންނެވެ. އެ ޕެނަލްޓީއަަކީ ޓޮމޯރީ އޭރިއާ ތެރެއިން ޗެލްސީގެ މޭސަން މައުންޓަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.

އެ ފައުލާ ގުޅިގެން ޓޮމޯރީއަށް ވަނީ ރަތް ކާޑު ދައްކައިފައެވެ. އެހެންކަމުން މެޗުގެ ބޮޑުބައި މިލާނަށް ކުޅެން ޖެހުނީ ކުޅުންތެރިއަކު މަދުކޮށެވެ.

އޭގެ ފަސް މިނެޓު ފަހުން މިލާނަށް ވަނީ ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެ ޓީމުގެ ކުޅުންތެރިއަކު އޭރިއާ ތެރެއަށް ނަގައިދިން ހުރަސް އޮލީވިއާ ޖިރޫޑް ބޮލުން ފޮނުވާލި ނަަމަވެސް އެ ބޯޅަ ގޯލާ ސީދާނުވިއެވެ.

ޗެމްޕިއަންސް ލީގުގައި ޗެލްސީއާއި މިލާން ބައްދަލުކުރި މެޗުގެ ތެރެއިން--- ފޮޓޯ/ ޗެލްސީ

މެޗުގެ 34 ވަނަ މިނެޓުގައި މައުންޓު ތަނަވަސްކުރި ފުރުސަތެއްގެ ބޭނުން ހިފައިގެން ޕިއޭ އެމެރިކް އޮބާމަޔަން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ.

އެ ދެ ޓީމު މިދިޔަ ހަފްތާގައި ވެސް ވަނީ ކުރިމަތިލައިފައެވެ. އިނގިރޭސި ވިލާތުގައި ކުޅުނު އެ މެޗު ޗެލްސީން ކާމިޔާބުކުރީ 3-0ގެ ނަތީޖާއަކުންނެވެ.

ޗެލްސީއާއި މިލާނާއެކު ގްރޫޕް އީގައި ހިމެނުނު ލެއިޕްޒިގް އަދި ޑިނަމޯ ޒަގްރެބް ވެސް ރޭ ވަނީ ކުޅެފައެވެ. އެ ދެ ޓީމުގެ ކުރިމަތިލުން ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

އެ މެޗުތަކުގެ ނަތީޖާއިން ގްރޫޕް ތާވަލުގެ އެއްވަނަ ޗެލްސީއަށް ލިބެނީ ހަތް ޕޮއިންޓާއެކުއެވެ. އަދި ރެޑްބުލް ސަލްޒްބާގަށް ލިބުނު ހަ ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ދެ ވަނައިގައެވެ. ހަތަރު ޕޮއިންޓާއެކު މިލާން ތިންވަނައިގައި އޮތްއިރު ތާވަލުގެ ފުލުގައި އޮތް ޒެގްރެބަށް ވެސް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.

comment ކޮމެންޓް