ފޭދޫން 298 ގޯތި ދޫކުރަނީ

އައްޑޫ ސިޓީ ފޭދޫ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގިނަ އަހަރުތަކަކަށް ފަހު އައްޑޫ ސިޓީ ފޭދޫން 298 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

ފޭދޫ، މަގުއްދޫ އަވަށު ކައުންސިލް މެންބަރު އައިމިނަތު ސަލްމާ މިރޭ "ސަން"އަށް ވިދާޅުވީ ކައުންސިލުން ފުރަތަމަ އެކުލަވާލި ލޭންޑް ޔޫސް ޕްލޭންގެ ދަށުން ދޫކުރަން ނިންމީ 320 ގޯތި ކަމަށެވެ.

ނަމަވެސް އެ ލޭންޑް ޔޫސް ޕްލޭން، ޕްލޭނިން މިނިސްޓްރީއަށް ފޮނުވުމުން ގްރީން ޒޯންތަކެއް ކަނޑައަޅަން ޖެހޭތީ ބައެއް ސަރަހައްދުތަކުން ގޯތި ނަގަން މިނިސްޓްރީން އޮތީ އަންގައިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

"ތިން ފަހަރެއްގެ މަތިން ލޭންޑްޔޫސް ޕްލޭން އިސްލާހުކޮށްފަ ފޮނުވިން. އެއީ އެކި ކަހަލަ ސަބަބުތަކާހުރެ އެކި ކަހަލަ ބަދަލުތައް ޕްލޭންއަށް ގެންނަން ޖެހޭތީ،" އޭނާ ވިދާޅުވިއެވެ.

ސަލްމާ ވިދާޅުވީ އެ ރަށުގެ ލޭންޑް ޔޫސް ޕްލޭން މިހާރު ފާސްކޮށްފައިވާ ކަމަށެވެ. އެންމެ ފަހުން ލޭންޑް ޔޫސް ޕްލޭން ހުށަހަޅައިގެން ފަސް ދުވަސް ތެރޭގައި ޕްލޭނިން މިނިސްޓްރީން ފާސްކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފާސްވެފައިވާ ލޭންޑް ޔޫސް ޕްލޭނަށް ބަލައި، ކައުންސިލްގެ ދައުރު 2026ގައި ނިމުމުގެ ކުރިން 298 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށާއި ގޯތި ދޫކުރަން ހަމަޖެހިފައިވަނީ އެކި ފިޔަވަހިތަކަށް ބަހާލައިގެން ކަމަށް ސަލްމާ ވިދާޅުވިއެވެ.

"ލޭންޑް ޔޫސް ޕްލޭންގައި ވަނީ 75 ފްލެޓް އަޅަން ބިން ދޫކުރަން ވެސް ހިމަނާފަ،" އޭނާ ވިދާޅުވިއެވެ.

ގޯތި ދޫކުރުމަށް މިހާރު ކުރަމުން ދަނީ އިދާރީ މަސައްކަތް ކަމަށާއި އެކަން ނިމުނުހާ އަވަހަކަށް ގޯތި ދޫކުރަން އިއުލާނުކުރާނެ ކަމަށް ސަލްމާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ފޭދޫގައި ގޯތި ދޫނުކުރާތާ އަހަރުތަކެއް ވެއްޖެއެވެ. އަދި މިފަހަރު ގޯތި ދޫކުރުމުން ރައްޔިތުން ކުރި ދިގު އިންތިޒާރަށް ނިމުން އަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސަލްމާ ވިދާޅުވީ ލޭންޑް ޔޫސް ޕްލޭން ހެދުމަށް ކައުންސިލުގެ މުވައްޒަފުން ކުރި މަސައްކަތް ފާހަގަކުރައްވައި، އެ މަސައްކަތަށް ދެ މަސް ދުވަހަށް ވުރެ ގިނަ ދުވަސް ހޭދަވި ކަމަށް ވިދާޅުވެފައެވެ.

އެ ކައުންސިލުން ލޭންޑް ޔޫސް ޕްލޭންގެ މަސައްކަތް އަމިއްލައަށް ކުރީ އެކަން އެންމެ ފުރަތަމަ ހަވާލުކުރި ކުންފުނިން އެ މަސައްކަތް ނުނިންމައި ލަސްވުމުގެ ސަބަބުންނެވެ.

comment ކޮމެންޓް