އެމްއެންޔޫ ފޮތް މައުރަޒު ހުޅުވާ، ހިލޭއެހީގެ ދަށުން ފުރަތަމަ ލިޔުނު ދެ ފޮތް ނެރެފި

އެމްއެންޔޫ ފޮތް މައުރަޒު ހުޅުވާ، ލިޔުންތެރިންނަށް ދިން ހިލޭއެހީގެ ދަށުން ލިޔުނު ފުރަތަމަ ދެ ފޮތް ނެރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ފޮތް މައުރަޒު ހުޅުވާ، މިދިޔަ އަހަރު އެ ޔުނިވާސިޓީން ލިޔުންތެރިންނަށް ތައާރަފްކުރި ހިލޭ އެހީގެ ދަށުން ފުރަތަމަ ލިޔުނު ދެ ފޮތް މިއަދު ނެރެފިއެވެ.

މިކަމަށްޓަކާ އެމްއެންޔޫގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދެވެ. މި ރަސްމިއްޔާތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމް ހަސަނާއި، އެމްއެންޔޫގެ ޗާންސެލަރު ޑރ. ހަސަން ހަމީދާއި ޑެޕިއުޓީ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒް އާދަމްގެ އިތުރުން ޔުނިވާސިޓީގެ އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ރައީސް ނަޝީދު ނެރެދެއްވާފައި ވަނީ ކުޑަކުދިންނަށް ޚާއްސަކޮށް އެމްއެންޔޫ ދަރިވަރުންގެ އަމީރު ލީލާ އަހުމަދު ލިޔުއްވި "ދަރުމަވެރި ރުއް" އަދި "ވެލާ ފިނޮޅު"އެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ލީލާ ވިދާޅުވީ ފޮތެއް ނެރުމަކީ އޭގެ ތެރޭގައި ވަރަށް ދިގުދެމިގެންދާ މަރުހަލާތަކެއް ހިމެނޭ ކަމެއް ކަމަށެވެ. ނަމަވެސް އެމްއެންޔޫއިން ލިޔުންތެރިންނަށް ތައާރަފްކުރި ހިލޭ އެހީގެ ދަށުން އެކަންކަން ވަރަށް ފަސޭހަވެގެން ދާނެކަމަށް އޭނާ ވިދާޅުވިއެވެ.

"...ފޮތް ލިޔާ މީހާގެ ސިކުނޑީގަ އޮތް އެއްޗެއް ކުރަހާދޭ މީހާއަކީ ވަރަށް މުހިންމު މީހެއް. އެއީ ހޯދަން ވަރަށް އުނދަގޫ މީހެއް. މިދިޔަ އަހަރު އެމްއެންޔޫއިން ތައާރަފްކުރި ބުކް ރައިޓިން ގްރާންޓުގެ ދަށުން އަޅުގަނޑުމެނަށް އެމްއެންޔޫގައި މަސައްކަތްކުރާ ވަރަށް ގިނަ ކުރެހުންތެރިން ފެނިއްޖެ. އެއީ އަޅުގަނޑުމެން، ލިޔާމީހުނަށް ވީ ވަރަށް ބޮޑު ފަސޭހައެއް،" ލީލާ ވިދާޅުވިއެވެ.

އެމްއެންޔޫ ފޮތް މައުރަޒު ހުޅުވާ، ލިޔުންތެރިންނަށް ދިން ހިލޭއެހީގެ ދަށުން ލިޔުނު ފުރަތަމަ ދެ ފޮތް ނެރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އޭނާ ވިދާޅުވީ އެމްއެންޔޫއިން ލިޔުންތެރިންނަށްދޭ ހިލޭ އެހީގެ ސަބަބުން ބަސްދެކެ ލޯބިވާ އަދި ބަސް ކުރިއަރުވަން މަސައްކަތްކުރާ ގިނަ ފޮތް ލިޔުންތެރިން އުފެދޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

މި ދެ ފޮތް ލިޔުމުގެ ޚިޔާލު އުފެދިގެން އައި ގޮތް ހިއްސާކުރަމުން ލީލާ ވިދާޅުވީ ފޮތެއް ލިޔުމުގެ ޚިޔާލު އޭނާއަށް އައީ 2020ގައި ކޮވިޑުގެ ސަބަބުން ކުޑަކުއްޖަކާއެކު ގޭގައި ބަންދުވާން ޖެހުމުން ކަމަށެވެ. އެހެންކަމުން ދެ މީހުން މަޝްވަރާކޮށް ނިންމީ ތިމާވެއްޓާ ގުޅޭ ފޮތެއް ލިޔަން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއީ ތިމާވެށި ރައްކާތެރިކުރަން މަސައްކަތްކުރާ މީހުން ވަރަށް ނުފެނޭ،" ލީލާ ވިދާޅުވިއެވެ.

އެހެންކަމުން މި ފޮތަކީ މުޖުތަމައުއަށް ނުކުންނަ ކުޑަ ކުދިންނަށް ކޮންމެވެސް އިބުރަތެއް ލިބޭނެ ފޮތަކަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ދިވެހި ރާއްޖެއަކީ ފޮތުގެ ސަގާފަތެއް މާބޮޑަށް އޮތްތަނެއް ނޫން ކަމަށެވެ. އެހެންކަމުން ގައުމެއް ބިނާކުރުމުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ ވިސްނުމަކާއި ތަސައްވަރެއް ނެތުމުންކަމަށް ރައީސް ވިދާޅުވިއެވެ.

ކެޕްޝަން. އެމްއެންޔޫ ފޮތް މައުރަޒު ހުޅުވާ، ލިޔުންތެރިންނަށް ދިން ހިލޭ އެހީގެ ދަށުން ލިޔުނު ފުރަތަމަ ދެ ފޮތް ނެރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

"އަޅުގަނޑުމެންގެ ހިތްތަކަށް ކަންކަން ގެނެސް އެކަންކަން އަޅުގަނޑުމެނަށް ތަސައްވަރު ނުކުރެވި ސިފަނުކުރެވެނީ ފޮތް ކިއުމުގެ މަސައްކަތް އަޅުގަނޑުމެނަށް ނުކުރެވޭތީ،" އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން އެމްއެންޔޫއިން ފޮތް ލިޔުމަށް ވިސްނަވާ ވިސްނުމަކީ މިވަގުތު ރާއްޖެއަށް ހިލަ ބަނދަރަށްވުރެ ނުވަތަ އެއާޕޯޓަށް ވުރެ މުހިންމުކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ބޮޑު ހިލަ ބަނދަރަކަށް އެބަދޭ 50މިލިއަން. މިކަމަށް އެކަމު މި ދަނީ އެއް މިލިއަން. ބޮޑު ހިލަ ބަނދަރެއް އަޅުގަނޑުމެން އެބަ ހަދާ 27މީހުން ދިރިއުޅޭ ރަށެއްގައި ވެސް. މީ އެކަމު މުޅި ދިވެހި އުންމަތް ވާހަކަ ދައްކާ ބަސް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި މަޝްހޫރު ރޭޑިއޯ ޝަޚުސިއްޔަތު ނަޖުމާ ޙުސައިން (ނަޖުމާއްތަ) ވަނީ މިއަދު ނެރުނު ދެ ވާހަކައިގެ ތެރެއިން ވާހަކައެއް ކިޔައިދީފައެވެ.

އެމްއެންޔޫ ފޮތް މައުރަޒުގެ މަގުސަދަކީ ދިވެހި ލިޔުންތެރިންގެ ހުނަރު އާންމުންނަށް ދައްކާލުމުގެ ފުރުސަތު ތަނަވަންކޮސްދިނުމާއި ފޮތް ލިޔުމަށް ބޭނުންވާ ލިޔުންތެރިންނަށް ފުރުސަތު ފަހިކޮށްދިނުމެވެ.

މިއަދު ހުޅުވި ފޮތް މައުރަޒުގައި 22 ފަރާތަކުން ބައިވެރިވެ، ދިވެހި ލިޔުންތެރިންގެ 14،00އަށްވުރެ ގިނަ ފޮތް ވަނީ ވިއްކަން ބަހައްޓާފައެވެ.

comment ކޮމެންޓް