ތިނަދޫގައި 200ހައުސިން ޔުނިޓް އަޅަން ސްރީލަންކާ ކުންފުންޏަކާ ހަވާލުކޮށްފި

ގދ. ތިނަދޫގައި 200 ހައުސިން ޔުނިޓު އެޅުމަށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ

ގދ. ތިނަދޫގައި ޑިޒައިން އެންޑް ބިލްޑު އުސޫލުން 200 ހައުސިން ޔުނިޓު އަޅަން ސްރީލަންކާގެ ކުންފުންޏަކާ ސަރުކާރުން ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގް ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ އިން އެ މަސައްކަތް ހަވާލުކުރީ ސްރީލަންކާގެ ސިއެރާ ސްޓާ ޖޮއިންޓް ވެންޗާ އާއެވެ. މިއަދު އޮތް ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރަތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން ޑިޕާޓްމަންޓްގެ ޑިރެކްޓާ ޖެނެރަލް އަޙްމަދު ވިޝާން ނަސީމެވެ. އަދި ސިއެރާ ކޮންސްޓްރަކްޝަން އާއި ސްޓާ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެމްއެޗްޕީ ޕްރަސާދު އެރަތުނާއެވެ.

ފަސްސަތޭކަ ސާޅީސް ދުވަސް ތެރޭ ނިންމާގޮތަށް އެ މަޝްރޫއު ސިއެރާއާ ހަވާލުކުރީ 254 މިލިއަން ރުފިޔާއަށެވެ. އަދި އެ މަޝްރޫއަށް ޚަރަދުކުރަނީ ސަރުކާރުގެ މިއަހަރުގެ ޕީއެސްއައިޕީ ބަޖެޓުންނެވެ.

އެ މަޝްރޫގެ ދަށުން ބިނާކުރާ ހައުސިން ޔުނިޓުތަކުގައި 700 އަކަފޫޓު ހުންނާނެއެވެ. އަދި ކޮންމެ ޔުނިޓެއްގައި ހިމެނޭނީ ތިން ކޮޓަރިއާއި، ތިން ފާޚާނާއާއި، ސިޓިންރޫމް، ކާގެ، ބަދިގެ، ލޯންޑަރީ އަދި ސްޓޯ ރޫމެކެވެ.

މީގެއިތުރުން ހައުސިން ޔުނިޓުތަކުގައި ދިރިއުޅޭ މީހުނަށް ހިތްފަސޭހަ މާހައުލެއް ގާއިމްކުރުމަށްޓަކައި ޔުނިޓުތައް ވަށައިގެން އަލިކުރާނެއެވެ. އަދި ޕާކަކާއި ވެހިކަލް ޕާކުކުރާ ސަރަހައްދެއް ވެސް އެ ސަރަހައްދުގައި ގާއިމްކުރަން ވަނީ ނިންމާފައެވެ.

comment ކޮމެންޓް