ގައުމަށް ކުރިއެރުން ލިބޭނީ ޕްރައިވެޓް ސެކްޓާއިން ކުރާ މަސައްކަތުން: ނައިބު ރައީސް

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އާ ރަންވެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ނައިބު ރައީސް ފައިސަލް ނާސީމް ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ގައުމަށް ކުރިއެރުން ލިބޭނީ ޕްރައިވެޓް ސެކްޓާއިން ކުރާ މަސައްކަތުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭއާއި ސީޕްލޭން ޓާމިނަލް ބޭނުންކުރަން ފެށުން ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ގައުމުގެ ކުރިއެރުމުގަައި އަމިއްލަ ވިޔަފާރިތަކުގެ ދައުރު ބޮޑު ކަމަށާއި، އެހެންކަމުން އެއާޕޯޓެއް ހިންގުމުގައިވެސް ޕްރައިވެޓް ސެކްޓާއަށް ފަސޭހަވާނެ ގޮތް ވިސްނަންޖެހޭ ކަމަށެވެ.

"ޕްރައިވެޓް ފަރާތްތަކަށް ފަސޭހަވާނެ ގޮތަށް ކަންކުރުން އެއީ އަޅުގަނޑުމެން އެއާޕޯޓެއްގައި މިކުރާ ކަމަކީ ވެސް،" ފައިސަލް ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމާއި، ދަތުރުފަތުރުގެ ދާއިރާގައި އަމިއްލަ ވިޔަފާރިތަކުގެ ހިއްސާ ބޮޑުކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތަރައްގީއަކީ އެކަމުގައި މުޅި ދުނިޔެއަށް އޮތް މިސާލެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރުގެ ސިޔާސަތަކީ ވެސް ޕްރައިވެޓް ސެކްޓާ އެމްޕަވާ ކުރުން،" އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ނައިބު ރައީސްގެ ވާހަކަފުޅުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމަށް ހިންގާ މަޝްރޫއުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

ވެލާނާ އެއާޕޯޓުގެ އާ ރަންވޭއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ތަރައްގީކުރި ރަންވޭއެކެވެ. ޗައިނާގެ އެގްޒިމް ބޭންކުގެ ލޯނުއެހީގެ ދަށުން ހިންގި މި މަޝްރޫއުގެ މަސައްކަތް ކޮށްފައިވަނީ އެގައުމުގެ ބީޔޫސީޖީ ކުންފުނިންނެވެ. ރަންވޭ އެޅުމުގެ މަސައްކަތް 2017 ވަނަ އަހަރު ފެށިއިރު، 2018 ވަނަ އަހަރު ރަންވޭގެ މަސައްކަތް ނިންމައި އެ އަހަރުގެ ސެޕްޓެމްބަރުމަހުގެ 18 ވަނަ ދުވަހު ވަނީ ޓެސްޓް ފްލައިޓް ޖައްސާފައެވެ.

އާ ރަންވޭ ތަރައްގީކުރުމުގެ މަޝްރޫއަށް ގާތްގަނޑަކަށް 373 މިލިއަން ޑޮލަރު ނުވަތަ 5.7 ބިލިއަން ރުފިޔާ ޚަރަދުވެފައިވާއިރު، މި ރަންވޭ ތަރައްގީކޮށްފައިވަނީ އެއާބަސް މަރުކާގެ އެންމެ ބޮޑެތި A380 ބޯޓަށްވެސް ޖެއްސޭ ފެންވަރަށެވެ. އާ ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު ހުންނައިރު، ފުޅާ މިނުގައި 60 މީޓަރު ހުރެއެވެ.

އާ ރަންވޭގެ އިތުރުން، މިއަދު ވަނީ އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލް ވެސް ބޭނުންކުރަން ފަށާފައެވެ. މި ދެ މަޝްރޫއަކީ ވެސް ރައީސް ޔާމީންގެ ސަރުކާރުގައި ފެއްޓެވި އެއާޕޯޓް ޑިވެލޮޕްމެންޓް ޕްރޮޖެކްޓުގެ ދަށުން ހިންގި ދެ މަޝްރޫއެވެ. އަށްސަތޭކަ މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ)ގެ އެ މަޝްރޫއުގެ ދަށުން އާ ވީއައިޕީ ޓާމިނަލަކާއި، އާ ފަސިންޖާ ޓާމިނަލަކާއި، ފިއުލް ފާމެއް ވެސް ގާއިމުކުރުމަށް ހަމަޖެހިފައިވެއެވެ.

comment ކޮމެންޓް