ވިލިމާލޭ ފަރުގެ މައްސަލައިގައި އީޕީއޭގެ ބަސްއަހާނަން، ޕްރޮޖެކްޓް ލަހެއް ނުވާނެ: އެފްކޮންސް

ތިލަމާލެ ބުރިޖުގެ މަސައްކަތުގައި ބޭނުންކުރި ޕްލެޓްފޯމެއް ވިލިމާލޭ އިރުދެކުނު ފަރަށް އަރާފައި --- ސަންފޮޓޯ/ ނާއިލް ހުސައިން

ތިލަމާލެ ބުރިޖުގެ މަޝްރޫއުގައި ބޭނުންކުރަމުން ދިޔަ ޕްލެޓްފޯމެއް ވިލިމާލޭގެ ފަރަށް އެރި ނަމަވެސް މަޝްރޫއަށް މަޑުޖެހުމެއް ނާންނާނެ ކަމަށް، އެ މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ އެފްކޮންސް ކުންފުނިން ބުނެފިއެވެ.

މިދިޔަ އޯގަސްޓު މަހުގެ 28 ވަނަ ދުވަހު ވިލިމާލޭ އިރުދެކުނު ފަރަށް އެރި ޕްލެޓްފޯމް ނަގައި، އެތަން ސާފުކޮށް ނިމުނީ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އެ ހާދިސާގެ ސަބަބުން ވިލިމާލޭ ފަރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

އެފްކޮންސްގެ ޕްރޮޖެކްޓްސް ޑިރެކްޓަރު އާރް.ވީ.އާރް ކިޝޯރް "ސަން"އަށް ވިދާޅުވީ އެ ހާދިސާ ހިނގުމަށް މެދުވެރިވީ، ކުއްލިއަކަށް ރާޅުބޮޑުވެ، ކަނޑުގަދަ ވުމުގެ ސަބަބުން ކަމަށެވެ. އަދި މިކަމުގެ ސަބަބުން މުޅި ޕްރޮޖެކްޓުގެ ޓައިމްލައިންއަށް ބުރޫއަރާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި މަޝްރޫއު މި ކުރިއަށް ގެންދަނީ އެންމެ ފުރިހަމަ ސަލާމަތީ ފިޔަވަޅުތަކާއި އެންމެ ފެންވަރު ރަނގަޅު ޓެކްނޮލޮޖީއާއެކުގައި،" އޭނާ ވިދާޅުވިއެވެ.

ކިޝޯރު ވިދާޅުވީ އެ ހާދިސާގައި ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން ފަރުގައި ކޫރުންތަކެއް އެޅިފައިވާ ކަމަށެވެ. އަދި ޕްލެޓްފޯމުގައި ކޮނުމަށް ބޭނުންކުރާ އާލާތް ފަރުގެ ތެރެއަށް ވަދެ، ބައެއް ހިސާބުތަކަށް ގެއްލުން ވެފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވިލިމާލޭ ފަރަށް އެރި ޕްލެޓްފޯމުން ފަރަށް ލިބުނު ގެއްލުންތަކުގެ --- ފޮޓޯ/ އީޕީއޭ

ކިޝޯރު ވިދާޅުވީ ފަރަށް ލިބުނު ގެއްލުމާމެދު ކަންކުރުމުގައި އީޕީއޭއިން ދޭ ލަފަޔާއި އެއްގޮތަށް ކަންކުރާނެ ކަމަށެވެ.

"އީޕީއޭއާ ގުޅިގެން އަޅުގަނޑުމެން ކުރި އިންވެސްޓިގޭޝަނެއް ވަރަށް ފަހުން ނިމިއްޖެ. އަޅުގަނޑުމެން ޔަގީންކަން ދެން އީޕީއޭއާއި، އަދި ސަރުކާރުގެ އެހެން މުއައްސަސާތަކާ އެކު މިކަން ހައްލުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނަން" ކިޝޯރު ވިދާޅުވިއެވެ.

ކިޝޯރު ވިދާޅުވީ ސާފުކުރުމުގެ މަސައްކަތަށް އެހާ ގިނަ ދުވަސް ނެގީ އެ ދުވަސްވަރު މޫސުން ވަރަށް ބޮޑަށް ގޯސްވުމުން ކަމަށެވެ.

"އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ ޑައިވަރުންނާއި، މެރިން ކްރޫގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް. އެކަން ކަށަވަރުކޮށްގެން އަޅުގަނޑުމެން އެ މަސައްކަތް ކުރީ. އެ މަސައްކަތް ކުރި އިރުވެސް މޫސުން ވަރަށް ގޯސް," އޭނާ ވިދާޅުވިއެވެ.

ކިޝޯރު ވިދާޅުވީ މިފަދަ ހާދިސާއެއް ތަކުރާރު ނުވާނެކަން ޔަގީން ކުރުމަށްޓަކައި، ކަނޑުމަތީގެ މަސައްކަތްތައް ކުރާއިރު، މޫސުމާ ގުޅޭ ރިޕޯޓުތަކުގެ މައްޗަށް އިތުރަށް ސަމާލުވާން ފަށާފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ކުންފުނީގެ މާހިރުން އަންނަނީ އެ [މޫސުމާ ގުޅޭ] ރިޕޯޓުތައް އިތުރަށް ބަލައި، އެބޭފުޅުންގެ އިމްޕުޓް ދެމުން," އޭނާ ވިދާޅުވިއެވެ.

ތިލަމާލެ ބްރިޖުގެ ސާވޭގެ މަސައްކަތް ކުރަމުންދާ ސަރަހައްދު -- ސަން ފޮޓޯ/ ނާއިލް ހުސައިން

ތިލަމާލެ ބްރިޖުގެ މަސައްކަތް ސަރުކާރުން އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ކުންފުންޏާ ހަވާލުކޮށް، ކަމާ ބެހޭ އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ 26 ވަނަ ދުވަހުއެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މި އަހަރުގެ އޯގަސްޓު މަހު، އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، އެ މަޝްރޫއުގެ ބިންގާވަނީ އަޅުއްވާފައެވެ.

އެފްކޮންސް އިން މީގެ ކުރިން ވަނީ އަންނަ އަހަރުގެ ޖުލައި މަހު މާލެއާއި ވިލިނގިލި ގުޅާލައި، ދެ ރަށް ދޭތެރޭގައި ބްރިޖުން ދަތުރުކުރަން ފެށޭނެ ކަމަށް ބުނެފައެވެ. އަދި 2024 ވަނަ އަހަރު ބުރިޖުގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެ މަޝްރޫއުގެ ދަށުން މާލެ އަދި ވިލިމާލޭގެ ލޭންޑް އިންޓާޗޭންޖް ތަކުގައި ސިގްނަލައިޒްޑް ޖަންކްޝަން ގާއިމް ކުރާނެއެވެ. އަދި ގުޅީފަޅާއި ތިލަފުށީގައި ބުރުމަގުތަކެއް ގާއިމު ކުރާނެއެވެ. އޭގެ އިތުރުން ކޮންމެ ރަށެއް ވެސް ބްރިޖްއާ ގުޅޭ ކަންމަތީގައި ބަސް ޓާމިނަލް ބެހެއްޓުމަށް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުންނެވެ.

comment ކޮމެންޓް