ރާއްޖޭގެ 50ވަނަ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރާ އިރު، މި ސަރުކާރުގެ މަސައްކަތުން ހުޅުވި އެއްވެސް ރިސޯޓެއް ނެތްކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
"ސަން"އާ ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ މި ސަރުކާރު ފާހަގަވެފައި ވަނީ ކަމެއް ފައްޓާއިރު ނުވަތަ ތަނެއް ހުޅުވާއިރު ރިބަން ކަނޑާ ބޮޑެތި ރަސްމިއްޔާތުތައް ބާއްވާ ސަރުކާރެއްގެ ގޮތުގައި ކަމަށެވެ.
އޭނާ ވިދާޅުވީ މި ސަރުކާރު އައިފަހުން ހުޅުވާފައިވާ ރިސޯޓްތަކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ތަރައްގީކުރަން ހަވާލުކުރި ރަށްތައް ކަމަށެވެ.
"އެ ރިސޯޓުތައް ދޫކުރި ތާރީޚަށް ބެއްލެވިއަސް ރިސޯޓުތަކުގެ މަސައްކަތް ފެށި ތާރީޚަށް ބެލިއަސް އެނގޭނެ އެކަން،" ސައީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފަތުރުވެރިކަން ކުރިއަރުވައި ފުޅާކުރުމަށް ވެސް މި ސަރުކާރުން އެއްވެސް ކަމެއް ކޮށްފައިނުވާކަމަށެވެ. ނަމަވެސް ރައީސް ޔާމީނުގެ ސަރުކާރުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ޖީއެމްއާރްގެ އަތުން ނެގުމުން ދޭންޖެހުނު ބަދަލުގެ ފައިސާ ދައްކައި އެ އެއާޕޯޓު ތިންގުނަ ބޮޑުކޮށްފައިވާކަން ސައީދު ފާހަގަކުރެއްވިއެވެ.
"މި ސަރުކާރުން ހުޅުވުނީ ހޯރަފުށީ އެއާޕޯޓު އެކަނި. އެވެސް ހަގީގަތުގަ މި ސަރުކާރުގެ މަސައްކަތެއް ނޫން،" އޭނާ ވިދަޅުވިއެވެ.
ތިލަމާލެ ބްރިޖްގެ މަސައްކަތް ނިންމާނެ ތާރީޚު ސަރުކާރުން އިއުލާންކޮށްފައިވާއިރު، އެ ބްރިޖްގެ މަސައްކަތް ކުރިއަށްދާތަނެއް ނުފެންނަ ކަމަށް ސައީދު ވިދާޅުވިއެވެ.
"އެހެންވީމަ އެ ވިދާޅުވާ ތާރީޚަށް ބްރިޖްގެ މަސައްކަތް ނިންމޭނެތޯ އެއީ އުފެދޭ ސުވާލެއް،" ސައީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމްޑީޕީން އަބަދުވެސް މަސައްކަތްކުރީ ފަތުރުވެރިކަން ބޮއިކޮޓްކުރުމަށްކަމަށެވެ. އަދި އެ މަސައްކަތް 2017 ވަނަ އަހަރާ 2016ވަނަ އަހަރު ވެސް އެމްޑީޕީން ކުރިކަމީ ފެންނާންހުރި ހަގީގަތް ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް ވިދާޅުވިއެވެ.
"ޓުއަރިޒަމްގެ ޗެމްޕިއަނުންގެ މަގާމުހޯދަން އެމްޑީޕީގެ ހަނދާނަށް މި އަންނަނީ ވެރިކަމާ ހަވާލުވީމަ. އެނޫން ކޮންމެ ހާލަތަކީ އެމްޑީޕީން ފަތުރުވެރިކަން ސުންނާފަތިކުރަން ގޮވާ ގޮވުމެއް،" އޭނާ ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގައި 166 ރިސޯޓާއި، ދެ ޔޮޓް މެރީނާއާއި، 13 ޓޫރިސްޓް ހޮޓަލާއި، 721 ގެސްޓް ހައުސް ހިންގަމުން ދާކަމަށެވެ. އޭގެއިތުރުން ހޯމްސްޓޭ ހަތަރު ގެސްޓް ހައުސްއާއި، 147 ޓޫރިސްޓް އުޅަނދު މިވަގުތު ރާއްޖޭގައި ހިންގަމުން ދާކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިހާރުވެސް ރާއްޖޭގެ 20 އަތޮޅުގެ 105 ރަށެއްގައި ގެސްޓްހައުސްތައް ހިންގަމުންދާ ކަމަށެވެ. އަދި އިތުރު ރަށްރަށުގައި ވެސް ގެސްޓްހައުސްތައް ހުޅުވުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރައީސް ވިދަޅުވިއެވެ.