ފޯލްސް ބޮމުގެ އިންޒާރަކާއެކު އިންޑިއަން އެއާފޯސް އެލާޓަށް

މާހަން އެއާގެ ފްލައިޓެއް --- ފޮޓޯ/ ރޮއިޓާސް

އީރާނުން ޗައިނާއަށް ދަތުރުކުރަމުން ދިޔަ އީރާނުގެ އެއާލައިނެއް ކަމަށްވާ މާހަން އެއާގައި ބޮމެއް އޮތް ކަމުގެ އިންޒާރާއެކު އިންޑިއާގެ އެއާފޯސް އެލާޓަށް އަތުވެއްޖެއެވެ.

އޭ340 މަރުކާގެ މި ބޯޓުގައި ބޮމެއްވާ ކަމަށް ލިބުނު އިންޒާރަކީ ފޯލްސް އެލާޓެއްކަމަށް ފަހުން ވަނީ އެނގިފައެވެ.

ޗައިނާއަށް ދަތުރުކުރަމުން ދިޔަ މި ބޯޓުގައި ބޮމެއް އޮތްކަމުގެ މައުލޫމާތު ލިބުމާއެކު އިންޑިއަން އެއާފޯސްގެ ފައިޓާ ޖެޓުތައް ވަނީ އެ މަތިންދާބޯޓު ވަށާލާފައެވެ. ނަމަވެސް އީރާނުން އެއީ ފޯލްސް އެލާޓެއްކަމަށް ބުނުމާއެކު ފައިޓާ ޖެޓުތައް ވަނީ އެ ސަރަހައްދާ ދުރަށް ގޮސްފައެވެ.

"ޖޭޕޫރަށާއި ޗަންދިގަޅަށް ފްލައިޓް ޑައިވާޓްކުރުމަށް ޕައިލެޓުންނަށް އެންގިން. ނަމަވެސް އެ މީހުން އެއްބަހެއް ނުވި," އިންޑިއަން އެއާފޯސް އިން ބުންޏެވެ.

އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ނާސިރު ކަނާނީ ވިދާޅުވީ، އެ ހާދިސާއާގުޅޭ އެއްވެސް ތަފްސީލީ މައުލޫމާތެއް އަދި އެނގެން ނެތް ކަމަށެވެ.

ހަތަރު ސަތޭކަ ހަތްދިހަ ފަސް ފަސިންޖަރުން އުފުއްލުމުގެ ގާބިލުކަން ލިބިފައިވާ އޭ340 މަރުކާގެ އެ ބޯޓު ފަހުން ވަނީ ބޯޓުގެ މަންޒިލް ކަމުގައިވާ ޗައިނާގެ ގުއަންރޯއަށް ޖައްސާފައެވެ.

އީރާނުގައި އެ ގައުމުގެ ސަރުކާރާ ދެކޮޅަށް ހަމަނުޖެހުންތައް ހިންގަމުން އަންނައިރު، ގައުމުގެ ސުލްހަމަސަލަސްކަމަށް މިއީ ހައްސާސް ދަނޑިވަޅެކެވެ.

comment ކޮމެންޓް