ޓެލެގްރާމް ޕްރިމިއަމްގެ ސަބްސްކްރިޕްޝަން ފީ އިންޑިއާގައި ދެބައިކުޅަ އެއްބައި ކުޑަކޮށްފި

ޓެލެގްރާމް ޕްރިމިއަމްގެ ސަބްސްކްރިޕްޝަން ފީ އިންޑިއާގައި ދެބައިކުޅަ އެއްބައި ކުޑަކޮށްފިއެވެ.

އިންޑިއާގެ ޔޫޒަރުންނަށް ހޮނިހިރު ދުވަހު ފޮނުވި މެސެޖެއްގައި ޓެލެގްރާމުން ބުނެފައި ވަނީ ޕްރިމިއަމް ސަބްސްކްރިޕްޝަން އެ ގައުމުގައި ޑިސްކައުންޓާއެކު ލިބޭނެ ގޮތް ހަދައިދެމުންދާ ކަމަށެވެ. އެގޮތުން ސަބްސްކްރިޕްޝަނަށް ކޮންމެ މަހަކު ދައްކަން ޖެހޭ އަގު 469 އިންޑިއާ ރުޕީސް (5.74 ޑޮލަރު)އިން 179 އިންޑިއާ ރުޕީސް (2.2 ޑޮލަރު)އަށް ދަށްކުރަން ނިންމާފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.

އެހެން ގައުމުތަކުގައި ޓެލެގްރާމް ޕްރީމިއަމް ސަބްސްކްރިޕްޝަންގެ އަގު އުޅެނީ ކޮންމެ މަހަކަށް 4.99 ޑޮލަރާއި 6 ޑޮލަރާ ދެމެދުގައެވެ.

އިންޑިއާގައި ޓެލެގްރާމް ބޭނުން ކުރާ މީހުންގެ އަދަދު 120 މިލިއަނަށް އަރާ އިރު އެގައުމަކީ އެ އެޕްގެ އެންމެ ބޮޑު އެއް މާކެޓެވެ. އެއާއެކު ޓެލެގްރާމް ވެފައި ވަނީ ދެކުނު އޭޝިއާގައި ވަޓްސްއެޕަށް ފަހު އެންމެ މަގުބޫލު މެސެޖިން އެޕަށެވެ.

ޓެލެގްރާމް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެ ގިނައިން ޑައުންލޯޑް ކުރި ފަސް އެޕްގެ ތެރޭގައި މި އަހަރު ހިމެނިފައެވެ.

ޓެލެގްރާމުން ބުނާ ގޮތުގައި އެ އެޕް އިޝްތިހާރު ކުރުމަށް އަދި މިހާތަނަށް ދުވަހަކުވެސް ފައިސާ ހޭދަކޮށްފައިނުވެއެވެ. އަދި އެ އެޕަށް ފާއިތުވި އަހަރުތަކުގައި ލިބިފައިވާ ކުރިއެރުމަކީ ޓެލެގްރާމް ބޭނުންކުރާ ޔޫޒަރުންގެ ފަރާތުން ލިބުނު ސަޕޯޓެއްގެ ސަބަބުން ލިބުނު ކުރިއެރުން ކަމަށް އެ ކުންފުނިން ބުންޏެވެ.

ޓެލެގްރާމް ބޭނުން ކުރާ މީހުންގެ އަދަދު 700 މިލިއަނަށް އަރާ އިރު އެ ކުންފުނިން ޕްރިމިއަމް ސަބްސްކްރިޕްޝަންގެ ފުރުސަތު ހުޅުވާލީ އެ ކުންފުނީގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ޓަކައެވެ.

ޕްރީމިއަމް ކަސްޓަމަރުންނަށް 1،000 ޗެނަލް ފޮލޯ ކުރުމުގެ ގާބިލްކަމާއި، ހަތަރު ޖީބީގެ ބޮޑެތި ފައިލްތައް ފޮނުވުމުގެ ފުރުސަތު ލިބެއެވެ. އަދި ޕްރިމިއަމްގައި ޑައުންލޯޑް ސްޕީޑް އަވަސްވާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު