އޮސްޓްރޭލިއާގެ މުވާސަލާތީ ކުންފުނި އޮޕްޓަސްގެ 10 މިލިއަން ކަސްޓަމަރުންގެ މައުލޫމާތު ވަގަށް ނަގައިފި

އޮޕްޓަސްގެ ޗީފް އެގްޒެކެޓިވް ކެލީ ބަޔާ ރޮސްމަރިން – ފޮޓޯ: އޭބީސީ ނިއުސް

އޮސްޓްރޭލިއާގެ މުވާސަލާތީ ކުންފުނި އޮޕްޓަސްގެ ގާތްގަނޑަކަށް 10 މިލިއަން ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ވަގަށް ނަގައިފިއެވެ.

ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި އެއީ އޮސްޓްރޭލިއާގެ ތާރީހުގައި ވެސް އެހާ ގިނަ ބައެއްގެ ޒާތީ މައުލޫމާތު އެއް ފަހަރާ ވަގަށް ނެގި ފުރަތަމަ ފަހަރެވެ.

އޮޕްޓަސްއިން ހާމަކޮށްފައިވާ ގޮތުގައި އެ ހާދިސާ ހިނގިކަން އެކުންފުންޏަށް ކަށަވަރުވީ މިދިޔަ ހަފުތާގައެވެ. ނަމަވެސް މައުލޫމާތު ވަގަށް ނަގާނެ ކަމުގެ އިންޒާރު މި ހަފުތާގައި ވެސް ލިބިފައިވެއެވެ. އެގޮތުން އެ ކުންފުނީގެ އިތުރު ޑޭޓާތައް ހެކް ކުރާނެކަމަށާއި، އިތުރު ސައިބާ ހަމަލާތައް ދޭނެކަމުގެ އިންޒާރު ހެކަރުންގެ ދީފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.

އެ ހާދިސާއާ ގުޅިގެން، އޮސްޓްރޭލިއާގައި ޑޭޓާ އާއި ޕްރައިވެސީ ބެލެހެއްޓޭ ގޮތާ ބެހޭ ގޮތުން ވެސް މުހިންމު ސުވާލުތަކެއް ވަނީ އުފެދިފައެވެ.

ސިންގަޕޫރު ޓެލެކޮމިއުނިކޭޝަންސް ލިމިޓެޑުގެ ބެލެނިވެރިކަމުގެ ދަށުގައިވާ ކުންފުނި އޮޕްޓަސްއަކީ އޮސްޓްރޭލިއާގައި ޓެލެކޮމިއުނިކޭޝަން ޚިދުމަތް ފޯރުކޮށްދޭ ދެވަނައަށް އެންމެ ބޮޑު ކުންފުންޏެވެ.

އެ ކުންފުނިން ބުނީ ހެކަރުން ވަގަށް ނެގި މައުލޫމާތުގެ ތެރޭގައި އެ ކުންފުނީގެ މިހާރުގެ ކަސްޓަމަރުންނާއި ކުރީގެ ކަސްޓަމަރުންނާ ބެހޭ މައުލޫމާތު ވެސް ހިމެނޭ ކަމަށެވެ. އެގޮތުން އެމީހުންގެ ނަމާއި އުފަން ދުވަހާއި ގޭގެ އެޑްރެހާއި ފޯނާއި އީމެއިލް ކޮންޓެކްޓްތަކާއި ޕާސްޕޯޓާއި ޑްރައިވިން ލައިސަންސް ނަންބަރުތައް ވަގަށް ނަގާފައިވެއެވެ. އެހެންނަމަވެސް ކަސްޓަމަރުންގެ ފައިސާ ދެއްކުމާ ބެހޭ މައުލޫމާތާއި އެކައުންޓް ޕާސްވޯޑްތައް ހެކަރުންނަށް ހޯދިފައި ނުވާކަން އޮޕްޓަސްއިން ފާހަގަކުރިއެވެ.

ހެކަރުން ނެގި މައުލޫމާތުގެ ތެރެއިން ޕާސްޕޯޓް ނުވަތަ ލައިސަންސް ނަންބަރު ނެގި މީހުން އަދަދު ގާތްގަނޑަކަށް 2.8 މިލިއަނަށް އަރާއިރު އެ މައުލޫމާތު މަކަރާއި ހީލަތުގެ ކުށްތަކަށް އަރައިގަތުމަށް އެ މައުލޫމާތު ބޭނުންކުރުމުގެ ނުރައްކާ އޮތް ކަމަށް އޮސްޓްރޭލިއާ ސަރުކާރުން ބުންޏެވެ.

އޮޕްޓަސް އިން ބުނީ އެމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށާއި ފުލުހުންނާއި މާލީ އިދާރާތަކާއި ސަރުކާރުގެ ރެގިއުލޭޓަރުންނަށް އެކަން އަންގާފައިވާ ކަމަށެވެ.

އެ ހަމަލާ ދީފައި ވަނީ އޮސްޓްރޭލިއާއިން ބޭރުން ކަމަށް ލަފާކުރެވޭ ކަމަށް އޮސްޓްރޭލިއާގެ މީޑިއާތަކުން ބުނެއެވެ.

އެ މައްސަލައާ ގުޅިގެން އޮޕްޓަސްގެ ޗީފް އެގްޒެކެޓިވް ކެލީ ބަޔާ ރޮސްމަރިން ވަނީ ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފައެވެ. އަދި މިހަމަލާއަކީ ސޮފިސްޓިކޭޓެޑް (ޒަމާނީ) ހަމަލާއެއް ކަމަށް ވިދާޅުވެ، އެ ކުންފުނީގެ ސައިބާ ސެކިއުރިޓީ ވަރަށް ވަރުގަދަ ވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު