ޑެންގީ ޖެހިގެން އަށް އަހަރުގެ ކުއްޖަކު މަރުވެއްޖެ

މަރުވެފައިވަނީ އުމުރުން އަށް އަހަރުގެ އަންހެން ކުއްޖެއް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޑެންގީ ޖެހިގެން އުމުރުން އަށް އަހަރުގެ ކުއްޖަކު މަރުވެއްޖެއެވެ.

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު އަޙްމަދު ފައިސަލް މިއަދު "ސަން"އަށް ވިދާޅުވީ މަރުވެފައިވަނީ އުމުރުން އަށް އަހަރުގެ އަންހެން ކުއްޖެއް ކަމަށެވެ. އެއީ މި އަހަރު ޑެންގީ ޖެހިގެން މަރުވި ދެވަނަ ކުއްޖާ ކަމަށް ވެސް ޑރ. ފައިސަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ދުވަސްކޮޅު ޑެންގީ ފެތުރުން އިތުރުވެފައިވާ ކަމަށެވެ. އަދި މިހާރުވެސް ތިން މީހަކަށް ޑެންގީ ޖެހިގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދާ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. މީގެ ކުރިން މި އަހަރު ތެރޭ އެ ބަލީގައި މަރުވެފައި ވަނީ އުމުރުން އެއް އަހަރުވެސް ނުވާ ތުއްތު ކުއްޖެކެވެ.

ފާއިތުވި ޖުލައި އަދި އޯގަސްޓު މަހު ތިން ބައްޔެއް ޖެހުނު މީހުން އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފައިވާއިރު އެ ބަލިތަކުގެތެރޭގައި ޑެންގީ ވެސް ހިމެނެއެވެ.

އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހު ޑެންގީގެ 21 ކޭސް ރިޕޯޓު ކޮށްފައިވާއިރު ހަމަ އެ އަހަރުގެ އޯގަސްޓު މަހު ޑެންގީގެ ނުވަ ކޭސް ރިިޕޯޓުކޮށްފައިވެއެވެ.

ނަމަވެސް މިދިޔަ އަހަރާ ބަލާއިރު މި އަހަރުގެ އެ ދުވަސްތަކުގައި ޑެންގީ ޖެހުނު މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މި އަހަރުގެ ޖުލައި މަހު ޖުމުލަ 322 ކޭސް ރިޕޯޓުކޮށްފައިވާއިރު މިދިޔަ އޯގަސްޓު މަހު ޑެންގީގެ 268 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ.

މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމަށާއި މަދިރި ލޯޝަން އަދި މޮސްކިޓޯ ރެޕެލެންޓް ބޭނުންކޮށް، ފަތިސް ގަޑީގައާއި ހަވީރު އިރުއޮއްސޭ ވަގުތުގައި ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް އެޗްޕީއޭއިން މީގެ ކުރިން ވެސް އިލްތިމާސްކޮށްފައިވެއެވެ. އަދި ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކާނުލުން މުހިންމު ކަމަށް އެ އޭޖެންސީން ބުނެފައިވެއެވެ.

ޑެންގީ ޖެހިއްޖެ ނަމަ އަރާމު ކުރުމާއި ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުމާއި ޕެރެސެޓެމޯލް ބޭނުން ކުރުމަކީ ގޭގައި ދެވިދާނެ ފަރުވާތަކެވެ. އަދި ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަ ނަމަ، ނުވަތަ ދިޔާއެއްޗެހި ބޭނުން ނުކުރެވޭ ނަމަ ނުވަތަ މާ ބޮޑަށް ވަރު ދެރަވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

comment ކޮމެންޓް