މާބަނޑު މީހުންނަށް ހާއްސަ ބްރޭންޑެއް އާލިއާ އުފައްދަނީ

އާލިއާގެ މެޓާނިޓީ ލައިނުން ހެދުމެއް ލައިގެން —- ފޮޓޯ/ ޕިންކް ވިލާ

ބޮލީވުޑްގެ މިހާރުގެ އެންމެ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ އާލިއާ ބަޓް، މާބަނޑު މީހުންނަށް ހާއްސަ އަންނައުނު ވިއްކާ ބްރޭންޑެއް ލޯންޗު ކުރަން ތައްޔާރުވެއްޖެއެވެ.

މީގެ ދެ އަހަރެއް ކުރީން އާލިއާ ވަނީ ތުއްތު ކުދިންނަށް ހާއްސަ އަންނައުނު ވިއްކާ ބްރޭންޑެއް އުފައްދާފައެވެ. ނަމަވެސް އަމިއްލަ ދަރިއެއް ނެތްއިރު ކުޑަކުދިންނަށް ހާއްސަ ލައިނެއް އޭރު އުފެއްދީ ކީއްވެތޯ ގިނަ ބަޔަކު ސުވާލުކުރިއެވެ.

މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރާ އާލިއާ ކައިވެނި ކުރި ފަހުން މިހާރު އެ ދެމަފިރިން އިންތިޒާރު ކުރަމުން އަންނަނީ ދެ މީހުންގެ ފުރަތަމަ ދަރިއަށެވެ. އާލިއާ ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިފަހަރު އޭނާ އުފައްދާ ބްރޭންޑާ ބެހޭ ގޮތުން، ކުރިން ގޮތަށް މީހުން ސުވާލު ނުކުރާނެ ކަމަށެވެ.

އާލިއާ ބުނިގޮތުގައި އޭނާގެ ކުންފުނިން މާބަނޑު މީހުންނަށް ތައްޔާރުކުރާ އަންނައުނަކީ ހަށިގަނޑަށް ފަސޭހަ އަދި ބަލާލަން ރީތިވާނެ ހެދުންތަކަށް ވާނެއެވެ. އަދި ބަނޑުބޮޑުވުމާއެކު މީހާގެ ހަށިގަނޑަށް ބަދަލު އައި ނަމަވެސް މީހާގެ ސްޓައިލް ގެއްލުވާލައި އެ ސްޓައިލް ބަދަލު ކުރަން ކޮންމެހެން ނުޖެހޭ ކަމަށް އާލިއާ ބުންޏެވެ.

އާލިއާ ބުނީ އެ ބްރޭންޑް އުފެއްދުމުގެ މަސައްކަތް ފެށުނީ އޭނާގެ އަމިއްލަ ސްޓައިލް ރީތިކޮށްލަން އުޅުމުގެ ތެރޭގައި ކަމަށެވެ. އަދި މިހާރު އޭނާގެ ހެދުންތައް ވެފައިވަނީ ލާން ފަސޭހަ ބަލައިލަން ރީތި ހެދުންތަކަށް ކަމަށް އޭނާ ބުންޏެވެ. އެހެންވީމާ އާންމުންނަށް ވެސް އެފަދަ އަންނައުނު ލިބޭނެ ގޮތް ހަދައިދޭން ބޭނުންވެގެން އަމިއްލަ ބްރޭންޑެއް އުފެއްދީ ކަމަށް އޭނާ ބުންޏެވެ.

އާލިއާގެ ބްރޭންޑުގެ ހެދުމެއް އޭނާ ލައިގެން ހުންނަ މަންޒަރު ފެންނަ ފޮޓޯއެއް އޭނާ ވަނީ ހިއްސާކޮށްފައެވެ.

View this post on Instagram

A post shared by Alia Bhatt

comment ކޮމެންޓް