ދުނިޔެ ހައިރާން ކޮށްލާ ފެންވަރުގެ އިމާރާތްތަކާއި އާކިޓެކްޗާގެ އުފެއްދުންތައް ދައްކާލުމަށް ދުބާއީ އަކީ ހަމަ އެއްވަނައެވެ. ހަނދު ފަޅިއެއްގެ ސިފައިގެ އިމާރާތަކުން ފެށިގެން ދުނިޔޭގެ އެންމެ އުސް އިމާރާތް ވެސް ހުރީ ދުބާއީގައެވެ. މިފަހަރު ދުބާއީ އިން ހަދަން އުޅެނީ ހަނދެކެވެ.
މޫން ވޯލްޑް ރިޒޯޓްސް ނަމަކަށް ކިޔާ ކުންފުންޏަކުން މިފަހަރު ދުބާއީގައި އަޅަން މަސައްކަތް ކުރަނީ ހަނދެއްގެ ސިފައިގެ ބޮޑު އިމާރާތެކެވެ.
ހަނދުގައި ހުންނަ ވަޅުގަނޑަށް ދާންދެއް އެ އިމާރާތުގެ ބޭރުގައި ފެންނަން ހުންނާނެއެވެ. ހަނދުހެން ވައްކޮށް ހަދާ އެ އިމާރާތުގެ އުސްމިނުގައި 735 ފޫޓު ހުންނާނެއެވެ. އެ އިމާރާތް ނިމުމުން އެ އެ އިމާރާތުގެ ސާކަމްފަރެންސްގައި 2،024 ފޫޓު ހުންނާނެއެވެ.
މި ޕްރޮޖެކްޓް ހިންގާ މޫން ވޯލްޑް ރިޒޯޓްސްގެ ކޯފައުންޑާ މައިކަލް އާރު ހެންޑަސަން ހާމަކޮށްފައިވާގޮތުގައި މިހާރު މަސައްކަތް ކުރަމުން އަންނަނީ އެ އިމާރާތް އަޅާނެ ތަނެއްގެ ލައިސަންސް ހޯދުމަށެވެ. އަދި އެ ތަނަށް އިންވެސްޓް ކުރާނެ ބައެއް ވަރަށް އަވަހަށް ލިބޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.
އެ ޕްރޮޖެކްޓަކީ ފަސް ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ. ހެންޑަސަން ބޭނުން ވަނީ އެތަނަކީ ލަގްޒަރީ ހޮޓެލަކަށް ހަދާށެވެ. އަދި ލަގްޒަރީ ހޮޓަލެއްގެ ހުރިހާ ހިދުމަތެއް އެތަނުން ލިބޭނެ ކަމަށް ހެންޑަސަން ބުނެއެވެ.
މުޅި އިމާރާތުގެ އިންޓީރިއާ ބިނާކޮށް ޑިޒައިން ކޮށްފައި ހުންނާނީ ސްޕޭސް ޝިޕް ތީމަށް ކަމަށް އޭނާ ފާހަގަކުރިއެވެ.
އޭނާ ގަބޫލުކުރާގޮތުގައި އެ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅުގައި ފެށޭނެއެވެ. އަދި 2027 ގައި އެ ހޮޓެލް ހުޅުވޭނެ ކަމަށް އޭނާ ބުނެއެވެ.