ގެއްލިގެން ހޯދަން އިއުލާން ކުރި ޒުވާނާ ހުރީ މަހަށް ގޮސް

ގެއްލިގެން ހޯދަނިކޮށް ފެނުނު ޒުވާނާ-- ފޮޓޯ: ފުލުހުން

އައްޑޫ ސިޓީން ވީނުވީއެއް ނޭނގި ގެއްލިގެން, ފޮޓޯއާއެކު ހޯދަން ރޭ އިއުލާން ކުރި ޒުވާނާ އުޅުނީ ދޯންޏެއްގައި މަހަށް ގޮސްގެން ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ގެއްލިގެން ހޯދަން އިއުލާން ކުރީ އުމުރުން 28 އަހަރުގެ އުބައިދުﷲ ހަސަން ނަމަކަށް ކިޔާ ޒުވާނެކެވެ.

ފުލުހުން އޭނާ ހޯދަން ކުރި އިއުލާންގައި ބުނެފައިވަނީ އޭނާ ގެއްލިގެން ރިޕޯޓްކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 8:00ގައި ކަމަށެވެ.

ނަމަވެސް ފުލުހުން ފަހުން ބުނީ އޭނާއާ ގުޅިއްޖެ ކަމަށާއި އޭނާ ހުރީ މަސް ދޯންޏެއްގައި ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ހުޅުމާލެއިން ގެއްލިގެން ހޯދަމުންދިޔަ ޒުވާނަކު މަރުވެފައި އޮއްވާ އިއްޔެ ހަވީރު ވަނީ ފެނިފައެވެ. އެއީ ހ. ބޮނޑިކަނދޮޅުގޭ، މުޙައްމަދު އަޒުހާން، 27، އެވެ. އޭނާގެ ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން ވަނީ ނިންމާފައެވެ.

comment ކޮމެންޓް