ޖޯޖް ކޯބިން: ހަނި ފުރުސަތަކުން، ރާއްޖޭގެ ފަތުރުވެރިކަން އުފަންކުރުމުގެ އެހީތެރިޔާ

ޖޯޖް ކޯބިން ރާއްޖެއަށް ކުރިދަތުރުގައި އޭނާގެ ދަރިފުޅު ޖޯޖިއާއާ އެކު ---

ދޮންވެލި ތުނޑިތަކާއި، ސާފު މޫދާއި، ކުލަގަދަ ކަނޑުގެ ދިރުންތަކާއެކު، ރާއްޖެއަކީ މިއަދު ދުނިޔޭގެ އެއްވަނަ ފަތުރުވެރިކަމުގެ މަންޒިލެވެ.

މި ހުރިހާ ކަމެއް ފެށެނީ މީގެ 50 އަހަރުކުރިން، އިޓަލީއަށް ނިސްބަތްވާ ދަތުރުވެރިޔަކަށް އިންޑިއާ ކަނޑުގެ ޗާޓުން، އުކާލެވިފައިވާ ތިކިތަކެއް ފާހަގަކުރެވުނު ހިސާބުންނެވެ.

އަހަރަކީ 1971ވަނަ އަހަރެވެ. ޖޯޖް ކޯބިން އަަކީ އޭރު ޑައިވް ކުރުމުގެ ދަތުރުތަކަށް ހާއްސަ ޓްރެވަލް އޭޖެންޓެކެވެ. މުޅިން އާ، ތަފާތު މަންޒިލެއް ހޯދައިދިނުމަށް އޭނާގެ ހިދުމަތް ހޯދަމުން ދިޔަ މީހުން އެދުނު އެދުމުގެ މަތިން ކުރި މަސައްކަތުން އޭނާގެ ލޮލުގައި އަޅައިގަތީ ސްރީލަންކާގެ ހުޅަނގު ދެކުނުގައި އޮތް ރަށްތަކެކެވެ. އޭނާގެ ޚިޔާލުގައި މިއީ ރަނގަޅު މަންޒިލަކަށް ވެދާނެއެވެ.

އެކަމަކު، އެ ރަށްތަކާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ އެކަކު ވެސް ނެތެވެ. ކޯބިން ކުރި މަސައްކަތުން ވެސް އެނގުނު ވަރަކީ ރާއްޖޭގެ އެމްބަސީއެއް އިނގިރޭސިވިލާތުގައި ހުންނަކަން އެކަންޏެވެ. އެއާއެކު ވެސް އޭނާ ރާއްޖެ ދިޔުމުގެ ގަސްދުގައި ކޮޅުނބަށް ދިޔައެވެ. ތަނާ ކައިރި ހިސާބެއް ކަމުން، އެމްބަސީއެއް ހުންނާނެ ކަމުގެ އުންމީދުގައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ބާނީ، ޖޯޖް ކޯބިން ރާއްޖެ އައުމުގެ ތެރެއިން --- ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ

ކޮޅުނބުގައި ހުރި ރާއްޖޭގެ އެމްބަސީން އޭނަޔާ ދިމާވީ މިހާރުގެ ހެލްތު މިނިސްޓަރު އަހްމަދު ނަސީމާއެވެ. ނަސީމަކީ އޭރު އެމްބަސީގައި މަސައްކަތް ކުރަމުން އައި މުވައްޒަފެކެވެ. ޖެހިގެން އައި ދުވަހު، ކޯބިން ރާއްޖެއަށް ފުރީ ކަނޑުމަގުންނެވެ.

މާލެއާ ބޯޓު ގާތްވަމުން ދިޔައިރު ކޯބިންއަށް އޭނާގެ ކަނާއަތް ފަރާތުން ފެނުނީ ކުޑަކުޑަ އިމާރާތަކާއެކު ހުޅުލޭގައި އޮތް އެއާޕޯޓެވެ. ވާތް ފަރާތުން ފެނުނީ ވެރިރަށް މާލެއެވެ.

"އެވަގުތު އަހަރެން ބުނިން މިއީ ސުވަރުގެއޭ. އެއީ އަހަންނަށް އެބަ ފެނޭ ރީތި ގޮނޑުދޮށްތަކާ އެކު ހުރި ބައިވަރު ރަށްތައް," އޭނާ ކިޔައިދިނެވެ.

އެދަތުރުގައި އޭނާގެ ހުރުމާއި ކެއުން ހަމަޖައްސައިދިނީ ނަސީމެވެ. ނަސީމާ އެކު ގިނަ ރަށްތަކަކަށް އޭނާ ދަތުރުކުރިއެވެ. އަދި އޭނާގެ ފުށުން ކޮލިގޭ މުހައްމަދު އުމަރު މަނިކާއި، ޗަންޕާ ހުސައިން އަފީފް، އޭނައަށް ތައާރަފުވިއެވެ.

"ނަސީމް އެހި އަހަރެން ކައިރީ ކޮން ރަށެއްހޭ އެންމެ ރަނގަޅުވާނީ [ފަތުރުވެރިން ބައިތިއްބަން]. އަހަރެން ބުނިން ކުރުނބާ [ވިހަމަނާފުށި] ރަނގަޅުވާނެޔޭ އެއާޕޯޓާ ކައިރި ރަށެއް ވީމަ," ކޯބިން ކިޔައިދިނުމެވެ.

އެ ހިސާބުން އެ ހަތަރު މީހުން ގުޅިގެން ފަތުރުވެރިކަމުގެ ވިޔަފާރި ފެށުމަށް އެއްބަސްވެވުނެވެ.

އޭގެ އަށް މަސް ފަހުން ރާއްޖެއަށް ފުރަތަމަ ފަހަރަށް ފަތުރުވެރިންގެ ގުރޫޕެއް އައެވެ. ވިއްސަކަށް މީހުންގެ އެ ގުރޫޕުގައި ގިނައީ އިޓަލީވިލާތުގެ ނޫސްވެރިންނެވެ.

ކޯބިން ބުނި ގޮތުގައި އޭނަޔަށް ކުރަން ޖެހުނު ހަމައެކަނި ކަމަކީ އެ މީހުން ރާއްޖެއަށް ގެނައުމެވެ. އެމީހުންގެ އެހެން ހުރިހާ ކަމެއް އޭނާގެ ދިވެހި އެކުވެރިން ހަމަ ޖެއްސިއެވެ. ދަތުރުގެ އިންތިޒާމުތައް ހަމަޖެހުނުލެއް ފުރިހަމަކަމުން ކޯބިން ވެސް ހުރީ ހައިރާންވެފައެވެ.

އެ އަހަރުގެ އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހު ރާއްޖޭގެ ފުރަތަމަ ޓޫރިސްޓު ރިސޯޓު، ކުރުނބާ ވިލެޖް، ވިހަމަނާފުށީގައި ހުޅުވިއެވެ.

އެ ދުވަހަށް މިއަދަށް މި ފުރެނީ 50 އަހަރެވެ. މިއަދު ރާއްޖެއަކީ 100އަށް ވުރެ ގިނަ ރިސޯޓާއި، 800އަށް ވުރެ ގިނަ ގެސްޓްހައުސް، އަދި 100އަށް ވުރެ ގިނަ ސަފާރީ ބޯޓާއެކު، އެތައް އެވޯޑުތަކެއް ހާސިލުކުރަމުން އަންނަ ފަތުރުވެރިކަމުގެ މަންޒިލެކެވެ.

ރާއްޖެއަށް އެ ސިނާއަތުގެ ސަބަބުން ވަނީ އުމްރާނީ، އިގުތިސާދީ އަދި އިޖުތިމާއީ ގޮތުން ގިނަ ތަރައްގީތަކެއް އައިސްފައެވެ.

ފާއިތުވި 50 އަހަރު މި ސިނާއަތަށް އައި ތަރައްގީ ސިފަކޮށްދިނުމަށް "އާދަޔާޚިލާފު" ނޫން ބަހެއް ކޯބިންގެ ހިތަކަށް ނުގެނެވުނެވެ.

comment ކޮމެންޓް