ހާލަންޑުގެ ރެކޯޑް ހެޓްރިކާއެކު މެންޗެސްޓާ ސިޓީން، މެންޗެސްޓާ ޔުނައިޓެޑް ލަދުގަންނަވާލައިފި

އާދަޔާ ޚިލާފް ފޯމެއްގައި ހުރި ހާލަންޑުގެ ރެކޯޑް ހެޓްރިކާއެކު މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް މެންޗެސްޓާ ސިޓީގެ ފެންވަރުދައްކާލައިފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި މިރޭ މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު ސިޓީ ކާމިޔާބުކުރީ 3-6 ގެ ނަތިޖާއަކުންނެވެ. މެޗުގައި ތިން ލަނޑު ޖަހައި އާލިން ބްރައުޓް ހާލަންޑް ހެޓްރިކް ހެދިއިރު މިއީ ޕްރިމިއާ ލީގުގެ ތާރީޚްގައި ކުޅުންތެރިއަކު އަމިއްލަ ދަނޑުގައި ވިދިވިދިގެން ތިން މެޗުގައި ހެޓްރިކް ހެދި ފުރަތަމަ ފަހަރެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގޯލް ހުޅުވާލަދިނީ އަށްވަނަ މިނެޓް ތެރޭގައި ސިލްވާ ނެގި ހުރަހަކުން ފިލް ފޯޑެންއެވެ. ސިޓީގެ ލިޑް ފުޅާކޮށްދިނީ މި ސީޒަނުގައި އާދަޔާ ޚިލާފް ފޯމެއްގައި ހުރި ހާލަންޑެވެ. މެޗުގެ 34 ވަނަ މިނެޓް ތެރޭގައި ކެވިން ޑެ ބުރޭނާ ނަގައިދިން ހިތްގައިމު ކޯނަރެއް ހާލަންޑް ބޮލުން ގޯލުގެ ތެރެއަށް ވައްދާލީ މެންޗެސްޓާ ޔުނައިޓެޑްގެ އެއްވެސް ކުޅުންތެރިއަކަށް ފުރުސަތު ނުދީއެވެ.

ސިޓީގެ ތިންވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ ހާލަންޑެވެ. ޕެނަލްޓީ އޭރިއާ ބޭރުން ގޯލް ކުރިމައްޗަށް ޑެބްރޭނާ ހުރަސްކޮށްލި ބޯޅަ ހާލަންޑް ގޯލްގެ ތެރެއަށް ފޮނުވާލީ މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުންތެރިންނަސް އެއްވެސް ފުރުސަތެއް ނުދީއެވެ. މެޗުގައި ފެނިގެންދިޔަ ސިޓީގެ ހަތަރު ވަނަ ލަނޑު 44 ވަނަ މިނެޓް ތެރޭގައި ޖަހައިދިނީ ފޯޑެން އެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ އިރުކޮޅެއް ނުވެ މެންޗެސްޓާ ޔުނައިޓެޑުގެ އެންޓޮނީ ވަނީ ލަނޑެއް ޖަހައި އެޓީމަށް އުއްމީދު އާކޮށްދީފައެވެ. ނަމަވެސް އެންޓޮނީ ލަނޑު ޖެހިތާ އިރުކޮޅެއް ނުވެ ހާލަންޑް ވަނީ މިމެޗުގައި އޭނާ ޖެހި ތިންވަނަ ލަނޑު ޖަހައި ހެޓްރިކް ހަދާފައެވެ. މިއީ ހާލަންޑް ލީގްގައި ޖެހި 14 ވަނަ ލަނޑެވެ. ސިޓީގެ ހަވަނަ ލަނޑު ޖަހައިދިނީ 72 ވަނަ މިނެޓް ތެރޭގައި ހާލަންޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި ފޯޑެން އެވެ.

މެޗުގައި ދެން މެންޗެސްޓާ ޔުނައިޓެޑުން ޖެހި ދެ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުން އެންތަނީ މާޝިއަލްއެވެ.

މެޗަށްފަހު ޕްރިމިއާ ލީގް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، 21 ޕޮއިންޓާއެކު އެއްވަނައިގައި އާސެނަލް އުޅޭއިރު އެއް ޕޮއިންޓް ފަހަތުން މެންޗެސްޓާ ސިޓީ އުޅެނީ ދެވަނައިގައެވެ. މިރޭގެ މެޗުން ބަލިވި މެންޗެސްޓަރ ޔުނައިޓެޑް އުޅެނީ 12 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައެވެ.

comment ކޮމެންޓް