ފަތުރުވެރިކަމުގައި ރާއްޖެއަށް ކާމިޔާބު ލިބުނީ ކޮވިޑްގެ ބިރުވެރިކަމާއެކު ވެސް ކުރި މަސައްކަތުން: ތޮއްޔިބު

ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ހަފްލާގައި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ދިވެހީންނަށާއި ރާއްޖޭގެ ފަތުރުވެރިކަމަށް ލިބުނު ކާމިޔާބީއަކީ ކޮވިޑްގެ ބިރުވެރިކަމާއެކު ވެސް ކެރިގެން ހިތްވަރާއެކު ނުކުމެ ކުރި ބުރަ މަސައްކަތުގެ ނަތީޖާކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ހަފުލާގައި ތޮއްޔިބު ވިދާޅުވީ ފަތުރުވެރިކަމުގެ ކާމިޔާބު 50 އަހަރު ފާހަގަކުރާއިރު ނިމިދިޔަ ތިން އަހަރަކީ އެ 50 އަހަރާ ނުބައްދަލު ތިން އަހަރުކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަން ހުއްޓުމަކަށް އައި ކޮވިޑުގެ ހާލަތުން ކާމިޔާބުކަމާއެކު އަރައިގަނެވުނީ ސަރުކާރުގެ އިސްވެރިންގެ ނިންމުންތަކުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮވިޑުން ރައްކާތެރިވުމަށް އެޅުނު ހަރުދަނާ ފިޔަވަޅުތަކާއެކު ރައްޖޭގެ ބޯޑަރު އެހެން ގައުމުތަކަށްވުރެ ކުރިން ހުޅުވުނު. ކޮވިޑްގެ ބަލިމަޑުކަމާއެކު ވެސް ފަތުރުވެރިކަން ކުރިއަށްގެންދެވިދާނެކަން މުޅި ދުނިޔެއަށް ދައްކައިދެވުނު،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްއެމްޕީއާރުސީގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގާތުން ބައްލަވާކަމަށެވެ. ނަމަވެސް ވޭތުވެދިޔަ ތިން އަހަރު، އަދި ވަކިން ޚާއްސަކޮށް ކޮވިޑްގެ ދުވަސްވަރު މާކެޓިން މަސައްކަތްތަކަށް ރައީސް ޚާއްސަ ސަމާލުކަމެއް ދެއްވި ކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

ކޮވިޑްގެ އާލަމީ ވަބާއިން އަރައިގަނެވުނު ނަމަވެސް އަދިވެސް ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް ގިނަ ގޮންޖެހުނަތަކެއް ހުރިކަން ތޮއްޔިބު ފާހަގަކުރެއްވިއެވެ. އެގޮތުން އެންމެ ބޮޑު އެއް ގޮންޖެހުމަކީ މުހިންމު ބައެއް މާކެޓްތައް އަދިވެސް ބަންދުވެފައިވުންކަމަށް އޭނާ ވިދާޅުވިއެވެ.

ތޮއްޔިބު ވިދާޅުވީ ލީޑިން ޑެސްޓިނޭޝަންގެ މަގާމް މިހާރު ހާސިލްކުރެވިއްޖެކަމަށެވެ. ދެން ކުރަން ޖެހޭނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބާނީން ވިދާޅުވި ފަދައިން އެ މަގާމުގައި ދެމިތިބުމުގެ މަސައްކަތްކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެއީ ފަސޭހަކަމެއް ނޫންކަމަށް ވެސް އޭނާ ވިދަޅުވިއެވެ.

"އެމްއެމްޕީއާރުސީގެ ޓީމު މި ތިބީ އެގޮތުގައި މަސައްކަތުގައި ދެމިތިބުމަށް ތައްޔާރުވެގެން. ރާއްޖޭގެ ޓުއަރިޒަމްގެ ބާނީން އަޅުގަނޑުމެނަށް ދެއްވި މިޝަން ހާސިލްކުރުމަށް ކުރެވެންއޮތް ހުރިހާ މަސައްކަތެއް ތިބޭފުޅުންނާއެކު ކުރުމަށް ކެރިގެން ކުރިމަތިލުމަށް ތައްޔާރުވެގެން،" ތޮއްޔިބު ވިދާޅުވިއެވެ.

comment ކޮމެންޓް