އަޒުހާން މަރުވެފައި އޮއްވާ ފެނިއްޖެ

ހުޅުމާލޭ ދެވަނަ ފިޔަވަހިން ގެއްލިގެން ހޯދަމުން އަންނަ ހ. ބޮނޑިކަނދޮޅުގޭ، މުޙައްމަދު އަޒުހާން، 27، މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އޭނާގެ ހަށިގަނޑު ފެނިފައި ވަނީ ހުޅުމާލޭ ވޯޓާ ތީމް ޕާކް ކުރިމަތީ އޮންނަ ހުސްބިމުންނެވެ.

ހުޅުމާލޭ ވޯޓާތީމް ޕާކް ސަރަހައްދުގައި މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް ހަސަން ސައީދު ވިދާޅުވީ އެ ސަރަހައްދުން އަޒުހާން ކަމަށް ޝައްކުކުރެވޭ މީހެއް ހަށިގަނޑު ފެނުނީ މިއަދު 17:45 ހާއިރު ކަމަށެވެ.

ސައީދު ވިދާޅުވީ ވޯޓާ ތީމް ޕާކުގެ ކުރިމަތީގައި އޮތް ހުސް ބިން ބަލާ ފާސްކުރުމަށް ނިންމީ އަޒުހާން ހޯދަމުންދިޔަ އިރު، ފުލުހުންނަށް ލިބުނު މައުލޫމާތާއި ސީސީޓީވީ ފޫޓޭޖްތަކަށް ބަލާ، އޭނާ އެ ހިސާބުން ގެއްލިފައި އަދި ފެންނަންޖެހޭ ހިސާބަކުން ނުފެނުމުންކަމަށެވެ.

"ހުސްބިން ސާޗްކުރި އިރު އަޅުގަނޑުމެނަށް ތަންކޮޅެއް ހައިލީ ޑިކޮމްޕޯސްޑް ސްޓޭޖެއްގަ އޮތް ބޮޑީއެއް ފެނިފަ ވަނީ،" ސައީދު ވިދާޅުވިއެވެ.

ނޫސްވެރިން ކުރި ސުވާލަށް ޖަވާބުދެއްވަމުން އޭނާ ވިދާޅުވީ އަޒުހާންގެ ހަށިގަނޑު މިހާރު އޮތް ހާލަތައް ބަލާ ހަށިގަނޑުގައި ޒަޚަމެއް ހުރިތޯ ނުވަތަ ނެތްތޯ ދެނެގަންނަން އުދަގޫކަމަށެވެ.

މުހައްމަދު އަޒުހާން މަރުވެފައި އޮއްވާ ފެނުނު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަނީ --- ސަން ފޮޓޯ/ އަލީ ޝާމިން

"އަޅުގަނޑުމެން މި ބަލަނީ ކުރިއަށްއޮތްތާ ޕޯސްޓްމޯޓަމަށް ފޮނުވޭނެކަމަށް. އާއިލާއަށް ވެސް އިންނާނެ ރިކުއެސްޓް ކޮށްފަ ޕޯސްޓްމޯޓަމެއް ކުރިއަށް ގެންދާނެކަމަށް،" އޭނާ ވިދާޅުވިއެވެ.

އަޒުހާން ގެއްލުމާއި އިތުރު ބަޔަކާ ނުވަތަ ގޭންގަކާ ގުޅުމެއްވާކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައި ނުވާކަމަށް ސައީދު ވިދާޅުވިއެވެ. އަދި އަޒުހާންގެ ފޯނު ފެނިފައި ނުވާކަމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހަށިގަނޑު ފެނުނު ސަރަހައްދު ވެސް އަދި ބަލައި ފާސްކުރެވިފައި ނުވާތީ އެކަމާގުޅޭ އިތުރު މައުލޫމާތު އަދި ދެވެން ނެތް ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ މާދަމާ އިރުއެރުމަށް ފަހު ސީން ޕްރޮސެސްކޮށް އަޅުގަނޑުމެނަށް ކޮންމެވެސް ވަރެއްގެ އިތުރު މައުލޫމާތެއް ލިބިގެންދާނެކަމަށް،" އޭނާ ވިދާޅުވިއެވެ.

އަޒުހާން ގެއްލިގެން ފުލުހަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ މަހުގެ 20ވަނަ ދުވަހުއެވެ. އުމުރުން 27 އަހަރުގެ އަޒުހާން ހޯދުމަށް ކުރި މަސައްކަތްތަކާ ގުޅޭގޮތުން ފުލުހުން މީގެކުރިން ނެރުނު ބަޔާނެއްގައި ވަނީ އެހާތަނަށް ބެލި ސީސީޓީވީ ފްޓޭޖްތަކަށް ބަލާއިރު، އޭނާ އެންމެފަހުން ފެނިފައި ވަނީ، ފޭސް އެކެއްގެ ރެޑްބުލް ދަނޑު ހިމެނޭ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތަކުން ކަމަށެވެ.

މުހައްމަދު އަޒުހާން މަރުވެފައި އޮއްވާ ފެނުނު ސަރަހައްދުގައި ފުލުހުންގެ ކާރެއް --- ސަން ފޮޓޯ/ އަލީ ޝާމިން

ފުލުހުން ބުނީ އެހާތަނަށް ބެލި ބެލުމުން އަޒުހާން ވަނީ ހުޅުމާލޭ ފޭސް އެކެއްގައި އޭނާ ހުރި ގެސްޓްހައުސްއިން ކާރެއްގައި ހިޔާ ފްލެޓްގެ 13 ވަނަ ޓަވަރަށްގޮސްފައިކަން އެނގިފައިވާ ކަމަށެވެ.

އެ ޓަވަރަށް އެރުމަށްފަހު އަޒުހާން ވަނީ ފަތިހު 04:53 ހާއިރު އެ ޓަވަރު ކައިރިން ހުދުކުލައިގެ ޓެކްސީއެއްގައި ފޭސް އެކެއްގައި އޭނާ ހުރި ގެސްޓްހައުސް ސަރަހައްދަށް އަނބުރާ ގޮސްފައި ކަމަށް އެ ބަޔާނުގައިވެއެވެ. އެގޮތުން އެ ދެ ކާރުގެ ޑްރައިވަރުން ހޯދިފައިވާއިރު އެންމެފަހުން އަޒުހާން އުޅުނީ ފޭސް އެކެއްގެ ރެޑްބުލް ދަނޑު ސަރަހައްދުގައިކަމަށް ވެސް ފުލުހުން ބުނެއެވެ.

comment ކޮމެންޓް