އަފްޣާނިސްތާނުގައި ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 35އަށް އަރައިފި

އަފްޣާނިސްތާނުގައި މީހަކު އަމިއްލައަށް މަރުވެގެން ހަމަލާ ދިން ސަރަހައްދުގައި އަންހެނެއް -- އޭއެފްޕީ

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްއަށް މިދިޔަ ހުކުރު ދުވަހު ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 35އަށް މަރުވެއްޖެއެވެ.

އަމިއްލައަށް މަރުވެގެން މީހަކު އެ ހަމަލާ ދިނީ ކާބުލްގެ ހުޅަނގުގައި އޮންނަ ދަޝްތު-އޭ-ބަރުޗީގެ ކާޖް އެޑިއުކޭޝަން ސެންޓަރަށެވެ. އެހެންކަމުން އެ ހަމަލާގައި ގިނައިން މަރުވީ ކިޔަވަން ގޮސް ތިބި ޒުވާން އަންހެނުންނެވެ.

އެ ހަމަލާގައި 82 މީހަކަށް އެކިވަރުގެ ޒަޚަމްތައް ލިބިފައިވެއެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހުގައި އަފްޣާނިސްތާން ހިންގުމާ ހަވާލުވި ޠާލިބާނުން ވަނީ އެ ގައުމަށް ހަމަޖެހުމާއި ސުލްހަ ގެނައުމަށް ވައުދުވެފައެވެ. ނަމަވެސް މިސްކިތްތަކަށާއި އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް ގިނަ އަދަދެއްގެ ހަމަލާތައް ދެމުންދާތީ ޠާލިބާނަށް އެމީހުންގެ ވައުދު ފުއްދޭ ކަމާމެދު ގިނަ ބަޔަކު ވަނީ ޝައްކު އުފައްދާފައެވެ.

މިދިޔަ ހުކުރު ދުވަހު އަފްޣާނިސްތާނުގެ ސަރަހައްދަކަށް ނިސްބަތްވާ 50 އަންހެނުން ވަނީ އެފަދަ ހަމަލާތަކާ ދެކޮޅަށް އިހުތިޖާޖުކޮށްފައެވެ.

އިހުތިޖާޖު ނުކުރުމަށް ޠާލިބާނުން އެދިފައިވި ނަމަވެސް، ޝިއީންނަށް އަމާޒުކޮށް އާންމުކޮށް އެފަދަ ހަމަލާތައްދޭތީ އެ މީހުން ވަނީ ޝީއީންގެ ހައްގުތައް ހޯދައިދިނުމަށް ގޮވާލާފައެވެ.

"ޝިއާ މުސްލިމަކަށް ވުމަކީ ކުށެއް ނޫން،" އެ އިހުތިޖާޖުގެ ބައިވެރިއަކު ބުންޏެވެ.

ޠާލިބާނުން ވެރިކަމާ ހަވާލުވި ފަހުން އެ ގައުމުގައި އާންމުން ކުރާ އިހުތިޖާޖުތައް ގިނަވެފައިވާއިރު، އެއްވުންތައް ރޫޅާލުމަށް ޠާލިބާނުން ބާރުގެ ބޭނުން ކުރެއެވެ.

އަފްޣާނިސްތާނުގެ ވެރިކަމާ ޠާލިބާނުން ހަވާލުވި ނަމަވެސް، ޠާލިބާން ސަރުކާރު ބަލައިގަތުމަށް ދުނިޔޭގެ އެއްވެސް ގައުމަކުން އެއްބަސްވެފައެއް ނުވެއެވެ. އަދި އެމެރިކާއިން ވަނީ އަފްޣާނިސްތާނުގެ ސެންޓްރަލް ބޭންކުގެ އެތައް ބިލިއަން ޑޮލަރެއްގެ އެސެޓުތައް ފްރީޒްކޮށްފައެވެ.

މިއާއެކު، އަފްޣާނިސްތާނަށް އިންސާނީ ކާރިސާއަކާ ކުރިމަތިލާން ޖެހިފައިވާއިރު، ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީ އެ ގައުމުގެ ރައްޔިތުންނަށް ބޭނުންވެއެވެ.

comment ކޮމެންޓް