ރަޝިއާއިން އަނެއްކާވެސް އދ.ގެ ސަލާމަތީ މަޖިލީހުގެ ވީޓޯ ބާރު ބޭނުންކޮށްފި

ރަޝިއާއިން ޔޫކްރޭނަށް ދިން މިސައިލް ހަމަލާއެއްގައި ގެއްލުން ލިބިފައިވާ ސަރަހައްދެއް -- ފޮޓޯ/ އޭއެފްޕީ

ޔޫކްރޭނުގެ ހަތަރު ސަރަހައްދެއް ރަޝިއާގެ ބާރުގެ ދަށަށް ގެންގޮސް، ރަޝިއާގެ ބައެއްގެ ގޮތުގައި ކަނޑައެޅުން ކުށްވެރިކުރާ އދ.ގެ ސަލާމަތީ މަޖިލީހުގެ ޑްރާފްޓް ގަރާރެއް ރަޝިއާއިން ވީޓޯކޮށްފިއެވެ.

ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޔޫރަޕުގައި ހިނގި ބިން ފޭރުމުގެ އެންމެ ބޮޑު އެއް ޖަރީމާ ރަޝިއާއިން މިދިޔަ ހަފުތާގައި ހިންގާފައިވާއިރު، ދުނިޔޭގެ ގިނަ ގައުމުތަކުން ވަނީ ރަޝިއާގެ އަމަލުތައް ކުށްވެރިކޮށްފައެވެ.

ޔޫކްރޭނުގެ ހަތަރު ސަރަހައްދެއްގައި ރަޝިއާއިން އިންތިޚާބުތަކެއް ބާއްވައި، އެ ސަރަހައްދުތަކުގައި ދިރިއުޅޭ އާންމުންގެ ގިނަ ބަޔަކު ބޭނުން ވަނީ ރަޝިއާއާ ގުޅުމަށް ކަމަށް ވޯޓުތަކުގެ ނަތީޖާއިން ވަނީ ދައްކާފައެވެ. މިއާއެކު، އެ ހަތަރު ސަރަހައްދަކީ ރަޝިއާގެ ބައެއްގެ ގޮތުގައި އެ ގައުމުގެ ރައީސް ޕޫޓިން ވަނީ ކަނޑައަޅުއްވާފައެވެ.

އެއީ ޔޫކްރޭންގެ ބިމުގެ 15 ޕަސެންޓު ހިއްސާ ކުރާ ލުޣާންސްކް އާއި ދޮނިއެސްކް އާއި ޒަބަރޫޖިއާ އާއި ޚަރްސޮން އެވެ.

ރަޝިއާގެ މި އަމަލު ކުށްވެރިކޮށް އދ.ގެ ސަލާމަތީ މަޖިލީހަށް އެމެރިކާއިން ހުށަހެޅި ގަރާރު ރަޝިއާއިން ވީޓޯކޮށްފައިވާއިރު، އިންޑިއާއާއި ޗައިނާއިން ވަނީ ވަކި ކޮޅަކަށް ވޯޓު ދޭން ބޭނުންނުވާކަމަށް ބުނެފައެވެ.

ޔޫކްރޭނުގައި ތިބި ރަޝިއާ ސިފައިން ވަގުތުން ވަގުތަށް ޔޫކްރޭނުން ފޭބުމަށް އެމެރިކާއިން ހުށަހެޅި ގަރާރުގައި ވަނީ ގޮވާލާފައެވެ.

އެ ގަރާރާ ދެކޮޅަށް ޗައިނާއިން ވޯޓު ނުދިނުން ވެގެން ދިޔައީ ރަޝިއާގެ އަމަލުތަކާމެދު ޗައިނާއިން ދެކޭގޮތް ހާމަވެގެން ދިޔަ ކަމަކަށެވެ. އެގޮތުން އެމެރިކާއާ އެއްކޮޅަށް ވޯޓު ނުދިނުމުން ޗައިނާ އޮތީ "ވަކި ފަރާތަކަށް ނުޖެހޭ ގޮތަށް"ކަން ހާމަވާ ކަމަށް ކަމާ ބެހޭ މާހިރުން ވިދާޅުވެއެވެ.

ރަޝިއާއިން ޔޫކްރޭނުގެ ހަތަރު ސަރަހައްދަކަށް ވެރިވެފައިވާއިރު، އެ ސަރަހައްދުތަކުގެ ދިފާއުގައި ކުރަން ޖެހުނު ކޮންމެ ކަމެއްވެސް ކުރާނެކަމަށް ރަޝިއާއިން ވަނީ ބުނެފައެވެ.

ރަޝިއާ-ޔޫކްރޭން ހަނގުރާމަ ވަރަށް ހައްސާސް ދަނޑިވަޅެއްގައި އޮތްއިރު، ޔޫކްރޭނަށް އެހީވުމަށާއި ރަޝިއާއާ ދެކޮޅަށް ފާޅުގައި ނުކުތުމަށްވެސް ބައެއް ގައުމުތަކުން ފަސްޖެހެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް