އިންޑިއާއިން ކަރެކްޝަނަށް ލޯންޗެއް ހަދިޔާކޮށްފި

ކަރެކްޝަނަލް ސާވިސްއާ ލޯންޗް ހަވާލު ކުރުން-- ފޮޓޯ / ފޮރިން މިނިސްޓްރީ

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް ލޯންޗެއް ހަދިޔާކޮށްފިއެވެ.

މި އުޅަނދު ހަވާކޮށްފައިވަނީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުގެ ތެރެއިން ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި އުޅަނދު ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްދެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުނޫ މަހާވަރެވެ. އުޅަނދާ ހަވާލުވީ ކޮމިޝަނާ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅެއެވެ.

މިއީ ކަރެކްޝަންސްގެ ގާބިލުކަން އިތުރުކުރުމަށާއި ދަތުރުފަތުރުގެ މައްސަލަތައް ހައްލު ކުރުމަށް އެހީތެރިވެދިނުމަށް އިންޑިއާގެ ހިލޭ އެހީގެ ތެރެއިން ހާއްސަކޮށްފައިވާ އަށް މިލިއަން ޑޮލަރު ބޭނުންކޮށްގެން ހަދިޔާކުރި ލޯންޗެކެވެ. އެ މަޝްރޫއުގެ ދަށުން މީގެ ކުރިން އެއްގަމު އުޅަނދުތަކެއް ކަރެކްޝަންސްއާ ހަވާލުކޮށްފައިވެއެވެ.

މި މާލީ އެހީތެރިކަން ފޯރުކޮށްދީފައި ވަނީ 2019 ވަނަ އަހަރުގެ މާޗް މަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ދީފައިވާ 106 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުންނެވެ.

މި ހިލޭ އެހީގެ މަގްސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިޖްތިމާއި އަދި އިގްތިސާދީ ތަރައްގީގެ މަޝްރޫއުތައް ހިންގުމެވެ. މި ހިލޭ އެހީގެ ދަށުން ހިންގާ މަޝްރޫއުތައް ކުރިއަށް ގެންދާނީ ރާއްޖޭގެ އިދާރާތަކުންނެވެ.

comment ކޮމެންޓް