އެޓްލާންޓިކް ކަނޑުގައި އުފެދުނު ތޫފާން "އިއަން" ގެ ސަބަބުން އެމެރިކާއިން 24 މީހުން މަރުވެއްޖެ

ފްލޮރިޑާއަށް ލިބިފައިވާ ގެއްލުން

ފްލޮރިޑާ (2 އޮކްޓޯބަރު 2022) : އެޓްލާންޓިކް ކަނޑުގައި އުފެދުނު ބާރުގަދަ ތޫފާން "އިއަން" ގެ ސަބަބުން އެމެރިކާއިން 24 މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެ، މާއްދީ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ހަތަރު ވަނަ ކެޓަގަރީގެ ތޫފާނެއް ކަމަށްވާ "އިއަން" އެމެރިކާގެ ފްލޮރިޑާއަށް އަރާފައިވަނީ ގަޑިއަކު 230 ކިލޯމީޓަރުގެ ބާރުގަދަ ވަޔާއެކުގައެވެ. ވަޔާއެކު ބޯކޮށް ވާރޭ ވެހި ފްލޮރިޑާގެ ގިނަ ސަރަހައްދުތަކެއްގައި ވަނީ ފެންބޮޑުވެފައެވެ. ފްލޮރިޑާގެ މަސްއޫލުވެރިން ވިދާޅުވިގޮތުގައި ތޫފާނުގެ "އިއަން" ގެ ސަބަބުން 24 މީހުން މަރުވުމުގެ އިތުރުން ފްލޮރިޑާގެ އައްސޭރިފަށުގެ ސަރަހައްދު ތަކަށް ވަނީ މާއްދީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ތޫފާންގެ ސަބަބުން އެމެރިކާގެ އަވަށެއްގެ އުޅަނދުތައް ހަލާކުވެފައި--

މީގެތެރޭގައި އެއްގަމާއި ކަނޑުގެ އެތައް ސަތޭކަ އުޅަނދުތައް ހަލާކުވުމާއި ގެތަކާއި އިމާރާތްތައް ހަލާކުވުމާއި ކަރަންޓާއި މުވާސަލާތުގެ ނެޓްވާކުގެ ބޮޑުބައެއް ހަލާކުވުމާއި ރުއްގަސް ވެއްޓުމާއި މަގުތަކާއި ބްރިޖުތައް ހަލާކުވުން ހިމެނެއެވެ.

ތޫފާންގެ ސަބަބުން ފްލޮރިޑާގެ އިރުދެކުނު ކަނޑުގެ އައްސޭރިފަށަށް ބޯޓެއް ބަންޑުން ޖަހާލައި، 16 މީހަކު ގެއްލުމުން އެ މީހުން ހޯދުމަށް އެމެރިކާގެ ކޯސްޓްގާޑުން ކުރި މަސައްކަތުން އެ ބޯޓުގައި ދަތުރު ކުރި ދެ މީހެއްގެ މަރުވެފައިވާ ހަށިގަނޑު ފެނިފައިވެއެވެ. އަދި މަރުނުވެ ކަނޑުގައި ތިބި ނުވަ މީހަކު ވަނީ ސަލާމަތް ކޮށްފައެވެ. އިތުރު ދެ މީހަކު ވަނީ ފަތާފައި ފްލޮރިޑާއަށް އަރާފައެވެ.

ފްލޮރިޑާގެ އެތައް ސަރަހައްދެއްގައި އިންސާނުންނަށް ދިރިނޫޅެވޭ ވަރަށް ވަނީ ފެންބޮޑުވެފައެވެ. ފެންގަނޑު ހިއްކުމަށާއި ފެނުގެ ސަބަބުން އެކަހެރިވެ ހާލުގައި ޖެހިފައިވާ މީހުން ސަލާމަތް ކުރުމަށް ފްލޮރިޑާގެ ކަމާބެހޭ ފަރާތްތަކުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

ފްލޮރިޑާގައި ފެންބޮޑުވެފައި

މި ތޫފާނުގެ ސަބަބުން މަރުވި މީހުންގެ އަދަދު 24 އަށް އަރާފައިވިޔަސް އެ އަދަދު ތިން ގުނައަށް އިތުރުވުމަކީ އެކަށީގެންވާ ކަމެއްކަމަށް މަސްއޫލުވެރިން ވިދާޅުވެއެވެ. އެއީ އެތައް ބަޔަކު ގެއްލިފައިވާތީއެވެ.

ތޫފާން "އިއަން" އެމެރިކާގެ އެހެން ދެ ސްޓޭޓެއްކަމަށްވާ ސައުތް ކެރޮލައިނާއާއި ނޯތު ކެރޮލައިނާއަށް ވެސް އަރައި އެ ދެ ސްޓޭޓަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މިހާރު ތޫފާނު "އިއަން" ގެ ބާރު ކުޑަވެފައިވީ ނަމަވެސް އަދިވެސް އެ ތޫފާނުގެ ވައި ހުރީ ގަޑިއަކު 140 ކިލޯމީޓަރުގެ ބާރުމިނުގައެވެ.

މިއީ ތާރީޚުގައި ވެސް އެމެރިކާއަށް އެރި އެންމެ ފަނާކުރަނިވި އެއް ތޫފާނަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ތޫފާނުގައި ލިބުނު ގެއްލުން އާރާސްތު ކުރުމަށް އެތަކެއް މަހެއް ނަގާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ތޫފާނުގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިއާ ފޮނުއްވާފައެވެ.

ތޫފާނުގައި "އިއަން" ގެ ސަބަބުން ލިބުނު ގެއްލުންތައް މުޅިން ކަށަވަރުވުމުން އެމެރިކާގެ ފެޑްރަލް ސަރުކާރުގެ އެހީ ގެއްލުން ލިބުނު ސްޓޭޓްތަކަށް ފޯރުކޮށްދޭނެކަމުގެ ޔަގީންކަންވެސް ބައިޑެން ވަނީ ދެއްވާފައެވެ.

comment ކޮމެންޓް