ސްޕައިޑަމޭންއަށް އޮޑިޝަން ކުރިން: ޓައިގާ

ބޮލީވުޑްގެ ގިނަ ބަޔަކަށް ކަމުދާ އެންމެ ރީތި ހަށިގަނޑުގެ ވެރިޔާ ޓައިގާ ޝްރޮފް ސްޕައިޑަމޭން އަށް ވެސް އޮޑިޝަން ކުރި ކަމަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި އޭނާ ބުނެފިއެވެ.

ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް ކަމުދާ ސުޕަހީރޯ ސްޕައިޑަމޭން އަށް ބިނާ ކޮށް ނެރޭ ސްޕައިޑަމޭން ސީރީޒްއަކީ 2002 އިން ފެށިގެން ރިލީޒްކުރަމުން އަންނަ ސީރީޒެކެވެ. ހޮލީވުޑް އެކްޓަރުންގެ ތެރެއިން ޓޮމް ހޮލަންޑް އާއި ޓޮބީ މެގުއާ އަދި އެންޑްރޫ ގާފީލްޑް ފަދަ އެކްޓަރުން މި ސީރީޒްގެ އެކި ފިލްމުތަކުގައި ސްޕައިޑަމޭންގެ ރޯލުން ފެނިފައިވެއެވެ. އަދި 2021ގައި ރިލީޒްކުރި "ސްޕައިޑަ-މޭން: ނޯ ވޭ ހޯމް"ގައި ވެސް މި އެކްޓަރުން ވަނީ ބައިވެރިވެފައެވެ. އަދި ސްޕައިޑަ-މޭންގެ މާވެލް ކޮމިކްސް އިންޑިއާ ވާޝަން އެއްވެސް ނެރެފައިވެއެވެ.

ކަނެކްޓް އެފްއެމް ކެނެޑާއަށް ދިން އިންޓަވިއުއެއްގައި ޓައިގާ ބުނީ، ސްޕައިޑަމޭން އަށް އޮޑިޝަން ކުރިކަމަށާއި އޭނާގެ ޓޭޕުތަކާއި ޝޯރީލްތައްވެސް ޕްރޮޑިއުސަރުންނަށް ފޮނުވި ކަމަށެވެ.

"އެމީހުން ތިބީ ވަރަށް ކަމުގޮސްފަ އަހަރެންގެ ޓޭޕުތައް ފެނިފަ. އަހަރެން ބުނިން އަހަރެން ކާސްޓުކޮށްގެން ވީއެފްއެކްސްއަށް ކުރާ ހަރަދު ސަލާމަތްވާނޭ. ސްޕައިޑަމޭންގެ ގިނަ ސްޓަންޓުތައް އަހަންނަށް ހެދޭނޭ،" ޓައިގާ ދިން އިންޓަވިއުގައި ބުނެއެވެ.

އޮޑިޝަން ކުރީ ސްޕައިޑަމޭންގެ ކޮން ފިލްމަކަށްކަން ޓައިގާ ނުބުނާއިރު އޭނާ ވަނީ "ސްޕައިޑަމޭން: ފާ ފްރޮމް ހޯމް (2017)" ގެ ފިލްމުގެ ސްޕައިޑަމޭންގެ ކެރެކްޓާއަށް ޑަބް ކޮށްފައެވެ.

ޓައިގާ އެންމެ ފަހުން ސްކްރީނުން ފެނުނީ "ހީރޯޕަންތީ 2" އިން ތާރާ ސުތާރިޔާ އާއި ނަވާޒުއްދީން ސިއްދީގީ އާއެކުއެވެ.

comment ކޮމެންޓް