ލަވަކިޔާ ޝޯތަކުން އަހަރެންނަށް ފުރުސަތެއް ނުލިބުނު: ކަޕިލް

ކަޕިލް ޝަރުމާ--

ލަވަކިޔުމާ ގުޅޭ އެކި ރިއަލިޓީ ޝޯތަކަށް ގޮސް މަޝްހޫރު ކޮމީޑިއަން، ކަޕިލް ޝަރުމާ އެކި ފަހަރު މަތިން ރިޖެކްޓުވި ކަމަށް އޭނާ ބުނެފިއެވެ.

'ދަ ކަޕިލް ޝަރުމާ ޝޯ' ގައި ވެސް އޭނާ އަންނަނީ ލަވަކިޔުމުގެ ހުނަރު ދައްކަމުންނެވެ. މެއިން ހޮސްޓުގެ ގޮތުގައި އިނދެ، ޝޯއަށް އަންނަ އެކި ފަންނާނުންނާއެކު އޭނާ ލަވަކިޔާފައިވާއިރު އެ ތަރިންގެ ތައުރީފު ވެސް އޭނާއަށް ވަނީ ލިބިފައެވެ.

އެންމެފަހުން ބޭއްވި އެޕިސޯޑްގައި އިންޑިއަން އައިޑަލް 13ގެ ޖަޖުން ކަމަށްވާ، ނޭހާ ކައްކަރު އާއި ވިޝާލް ޑަޑްލާނީ އަދި ހިމޭޝް ރޭޝަމިޔާ ވަނީ ބައިވެރިވެފައެވެ.

އެ އެޕިސޯޑްގައި ވާހަކަދައްކަމުން، ކަޕިލް ބުނީ އެކިފަހަރުމަތިން ލަވަކިޔާ ރިއަލިޓީ ޝޯތަކަށް އޭނާ ދިޔަކަމަށާއި ކޮންމެ ޝޯއަކުން ވެސް ރިޖެކްޓުވީ ކަމަށެވެ. އެގޮތުން އިންޑިއަން އައިޑަލްއަށް ދިއުމުންވެސް ޝޯ އަކަށް ނުހޮވުނުކަމަށް އޭނާ ބުންޏެވެ. އެހެންނަމަވެސް، ޕަންޖާބު ޝޯ އެއް ކަމަށްވާ 'އާވާޒް ޕަންޖާބް ދީ' އިން އޮޑިޝަންގައި ޝޯޓްލިސްޓުވި ކަމަށް ކަޕިލް ބުންޏެވެ.

ކަޕިލް މިހެން ބުނުމާއެކު އިންޑިއަން އައިޑަލް ޖަޖުން ވެސް ތިބީ ހައިރާން ވެފައެވެ. އޭނާގެ ލަވަކިޔުމަށް ޖަޖުން ވެސް ވަނީ ތައުރީފްކޮށްފައެވެ.

އޭނާ އިތުރަށް ބުނީ، އެ ދުވަސްވަރު ކޮމެޑީ ޝޯއަކަށް ހޮވުނު ކަމަށާއި އެ ޝޯއިން އޭނާއަށް މަގުބޫލުކަން ލިބި އޭގެ ފަހުން އޭނާއަށް ކާމިޔާބު ލިބުނު ކަމަށެވެ. އެއީ ރިއަލިޓީ ޝޯ 'ލާފްޓާ ޗެލެންޖް'އެވެ.

ކަޕިލް ޝަރުމާ ދަނީ ބޮލީވުޑްގެ އެކި ފިލްމުތަކުން ވެސް ފެންނަމުންނެވެ. އެގޮތުން، އެންމެ އަވަހަށް ދެން ފެންނާނީ ނަންދިތާ ދާސްގެ 'ޒްވިގާޓޯ' އިންނެވެ. މި ފިލްމުގައި އޭނާއާއެކު ޝަހާނާ ގޮސްވާމީ އާއި ތުޝާރު އަޗަރިޔާ ފެންނާނެއެވެ.

comment ކޮމެންޓް