ބަންޑުން ޖަހާލި ބޯޓުގައި ތިބި އެންމެން މާލެ ގެނެސްފި

ޓުޓްކޮރިން އިން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް މޫސުން ގޯސްވެ، ބަންޑުން ޖަހާލި ބޯޓުން ކަނޑުވި ފަޅުވެރިންގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައި--- ފޮޓޯ/ އެމްއެންޑީއެފް

އިންޑިއާގެ ޓުޓްކޮރިން އިން ބުދަ ދުވަހު ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް މޫސުން ގޯސްވެ، އިއްޔެ ބަންޑުން ޖަހާލި ބޯޓުން ކަނޑުވި އެންމެން ރޭ މާލެ ގެނެސްފިއެވެ.

ކ. ކާށިދޫގެ އިރުން 30 ނޯޓިކަލް މޭލް ބޭރުން ބަންޑުން ޖަހާލި ބޯޓުގައި ތިބި އިންޑިއާ ހަތް މީހުންގެ ތެރެއިން ހަ މީހުން މާލެ ގެނެސްދީފައި ވަނީ އެ ބޯޓު އަޑިއަށް ދިޔަ ސަރަހައްދުން ދަތުރުކުރަމުންދިޔަ "އެމްވީ ބަރަދުވާޖް" ނަމަކަށް ކިޔާ ބޯޓެއްގައި، ރޭ 11:45 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އެމްއެންޑީއެފް އިން ބުނީ އިންޑިޔާއަށް ނިސްބަތްވާ އެ ހަ ފަޅުވެރިން މާލެ ގެނެވުނުއިރު އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

ޖުމުލަ ހަތް މީހުންނާއެކު ދަތުރުކުރި އެ ބޯޓުން އެކަކު ގެއްލުނު ކަމަށް އެމްއެންޑީއެފްއިން އިއްޔެ ވަނީ މައުލޫމާތު ދީފައެވެ.

އެ މީހާ ހޯދުމުގެ މަސައްކަތްކުރަމުން ދަނިކޮށް، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ "ހަކުރާ" ލޯންޗަށް އެ މީހާ ފެނިފައިވަނީ އިއްޔެ ހަވީރު 05:25 ހާއިރު ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

އެ މީހާ އިއްޔެ ވަނީ އައިޖީއެމްއެޗްއަށް ގެންގޮސްފައެވެ.

އެމްއެންޑީއެފް އިން ބުނީ ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކުން އެ މީހުންނާ ގުޅުންހުރި ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް