ނައިރާ ލާފައިހުރީ ފްލޯރަލް ޓޮޕަކާއި ޖީންސްއެކެވެ. އޭނާގެ އިސްތަށިގަނޑު އޮތީ ދޫކޮށްލާފައެވެ. ކޮށްފައިވަނީ ލުއި މޭކަޕެކެވެ. އަލަށް މާކިންގެ އާއިލާ މީހަކާ ދިމާވާތީ އޭނާ ހުރީ ކުޑަކޮށް ނުތަނަވަސްވެފައިކަން އެ މޫނުމަތިން ހާމަވަމުން ދިޔައެވެ.

ނައިރާ އައިސް ކާރަށް އަރާ އިށީނުމަށްފަހު، އޭނާ ވެސް ފަހަތަށް ބަލައިލިއެވެ.

"ހައި..." ނައިރާ ހިނިތުންވެލިއެވެ.

"ކޮންތާކަށް ދާނީ؟" މާކިން ސުވާލުކޮށްލިއެވެ.

"ހުޅުމާލޭން ކޮންމެވެސް ތާކަށް އޯކޭތަ؟" މިޝްޔާ ސުވާލުކޮށްލިއެވެ.

"ހުޅުމާލެ ސަޅި ވާނެ..." ނައިރާވެސް ބުނެލިއެވެ. މާކިން ކާރު ދުއްވައިލިއެވެ. ބޭރުމަގަށް އެޅިއިރުވެސް މިޝްޔާ އެއްވެސް ވާހަކައެއް ނުދައްކާ އިންނަން ފެށުމުން މާކިން ވާހަކަ ދެއްކިއެވެ.

"ނައިރާއާ ދިމާނުވާއިރު ހީވަނީ މިޝޫގެ އަނގަ ވަރަށް ގަދަވާނެހެން. ދިމާވީމަ އެއްޗެއް ވެސް ބުނަން ނުކެރުނީތަ؟" މާކިން ލާނެއްގޮތަކަށް ބުނެލުމާއެކު، ނައިރާގެ ގާތަށް ހިނިއަންނަ ގޮތްވިއެވެ.

"ނޫނޭ. އެއީ ދޮންބެމެން ދެމީހުންނަށް ޕްރައިވެސީ ދެނީއޭ... ދެމީހުން ވާހަކަ ދައްކަބަލަ!" މިޝްޔާ ދޫދޭން ބޭނުންނުވެ ހުރެ ބުނެލިއެވެ.

"ޕްރައިވެސީ؟" މާކިން ލޯގަނޑުން މިޝްޔާއަށް ބަލައިލިއެވެ.

ގައިގަނޑަކަށް ވިއްސަކަށް މިނެޓްގެ ދަތުރަކަށްފަހު، ހުޅުމާލެ ދެވިއްޖެއެވެ. މާކިން މިސްރާބުޖެހީ ހުޅުމާލޭ ބީޗް ސައިޑުގައި ދާދިފަހުން ހުޅުވި ހިތްގައިމު ރެސްޓޯރެންޓަކާ ދިމާލަށެވެ. އެ ހިސާބަށް ގޮސް ކާރު ޕާކުކޮށްލުމަށްފަހު، އޭނާ ކާރުން ފޭބުމުން ނައިރާއާއި މިޝްޔާވެސް ކާރުން ފޭބިއެވެ. ތިން މީހުން ގޮސް ހިތްގައިމު ބޮޑު އެ ރެސްޓޯރެންޓްގެ ތެރެއަށް ވަތްއިރު ފުދޭވަރަކަށް މީހުން ގިނައެވެ. ހުސް މޭޒެއް ހޯދައިލަމުން ތިންމީހުން އިށީނދެލިއެވެ. ވެއިޓަރު މެނޫ ގެނެސްދިނުމުން މާކިން އެއަށްބަލަހައްޓައިގެން އިނދެފައި ވާހަކަ ދެއްކިއެވެ.

"ދެން ދެމީހުން ހަމަ ވާހަކަ ދައްކަން ވީއޭ..." މާކިން އެހެން ބުނެލުމުން ނައިރާ ހިނިތުންވެލިއެވެ. އޯޑަރު ދިނުމުން ކާއެއްޗެހި ގެންނަންވެސް ފުދޭވަރަކަށް ގިނައިރުވީ މީހުން ގިނަ ކަމުންނެވެ. ކައިގެން ވާހަކަ ދައްކަން އެތައްއިރަކު ތިބުމަށްފަހު، އެމީހުން މާލެ އަންނަން ނައްޓައިލިއިރު އެގާރަ ގަޑި ބައިވަނީއެވެ. ނައިރާ ގެއަށް ލާފައި މާކިންއާއި މިޝްްޔާއާއި ދެމީހުން އެމީހުން ގެއާ ދިމާލަށް މިސްރާބުޖެހއިެވެ.

"ކަަމުދޭ މިޝޫ؟" މާކިން ސުވާލުކޮށްލުމުން މިޝްޔާއަށް މާކިން އެ މާނަ ކުރީ ކިހިނެއްކަމެއް ނޭނގުނެވެ. އެހެންކަމުން އޭނާއަށް ބުމަ އަރުވައިލެވުނެވެ.

"މިބުނީ ނައިރާ ކަމުދޭހޭ؟ " މާކިން ތަފްސީލްކޮށްލަދިނެވެ.

"އާނ. ކަމުދޭ ވަރަށް. ދެން އަވަހަށް މެރީ ކުރޭ..." މިޝްޔާ ބުނެލިއެވެ.

"އެހާ ލަހެއް ނުކުރާނަމޭ... މިފަހަރު ބައްޕަ އައިމަ ބައްޕަގެ ޚިޔާލެއްވެސް ހޯދައިލާނަން..." މާކިން ބުނެލިއެވެ.

ގެއަށް އައިސް ކާރު މަޑުކޮށްލުމާއެކު، މިޝްޔާ ފޭބިއެވެ. އޭނާ ހުރީ ހިތްހަމަ ޖެހިފައެވެ. އެރޭގެ ހާދިސާއަށްފަހު އޭނާ ގެ ހިތަށް ހަމަޖެހުމެއް ލިބުނީ އަދި ކިރިޔާއެވެ. އެ ޚިޔާލުތަކުން އޭނާއަށް ވަމުން ދިޔަ އުނދަގޫތައް ސަކަރާތްޖަހާ ވާހަކަ ދައްކައިލާ ހެދުމުން ފަނޑުވެއްޖެއެވެ.

ގެއަށް ގޮސް އެއްޗެހި ބަދަލުކޮށްގެން މިޝްޔާ އެނދުގައި އޮށޯވެލިއެވެ. އޭނާ ފޭސްބުކަށް ވަދެލީ ފޫހިވެގެންނެވެ. ނާޒިލްގެ ޕްރޮފައިލް ހުޅުވައިލެވުނީ ކިއްވެކަމެއް ނޭނގުނެވެ. އެ ޕްރޮފައިލް ހުޅުވައިލުމަށްފަހު، އޭނާ އެތައް އިރަކު އެ ފޮޓޯގަނޑަށް ބަލަހައްޓައިގެން އޮތެވެ. ހިތުގެ ތެޅުން ކޮންމެވެސް ވަރަކަށް ބާރުވަމުންދާ އިޙްސާސްއާއެކު އޭނާގެ ހަށިގަނޑުގައި މީގެ ކުރިން ނުއުފެދޭ ޖަޒުބާތުތަކެއް ހޭލައިގެންފިއެވެ. ބުނެދޭން ނޭނގުނު އެ އިޙްސާސްގެ ސަބަބުން މިޝްޔާއަށް އޭނާގެ މެއާ ދިމާލުގައި އަތް އަޅައިލެވުނެވެ. އެ ބަދަލުތައް އޭނާއަށް އަންނަނީ ކީއްވެހެއްޔެވެ؟ ދުވަހަކު އެހެން ފިރިހެނަކަށް ނުކުރެވޭ އިތުބާރު އޭނާއަށް ނާޒިލްއަށް ކުރެވުނީ ކީއްވެހެއްޔެވެ؟ އެކަކަށްވެސް ނޭނގޭ އެ ހަޤީގަތް އެއްވެސް ޖެހިލުމެއްނެތި ނާޒިލްގެ ކައިރީގައި އޭނާއަށް ހާމަކުރެވުނީ ކީއްވެހެއްޔެވެ؟ މިޝްޔާ އޭނާގެ އަމިއްލަ ހިތާ ސުވާލުކުރަމުން ދިޔައެވެ. އެއިން އެއްވެސްސުވާލެއްގެ ޖަވާބެއް އޭނާގެ އަތަކު ނެތެވެ. އެހެންނަމަވެސް އޭނާއަށް ޔަޤީންވާ އެއްކަމެއް ވެއެވެ. އެހެން މީހަކާ މެދު ދުވަހަކު ނުވިސްނޭ ވަރަށް ނާޒިލްއާ މެދު ވިސްނޭކަމެވެ. ނާޒިލްގެ އެ ފިރިހެންވަންތަކަމަށް އޭނާގެ ހިތް ލެނބެމުން ދިޔަކަމެވެ. އެއީ އޭނާގެ އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ.

****

ނާޒިލް ބޭރުގައި އުޅެފައި އައިސް ގެއަށް ވަތްއިރު އޭނާގެ މަންމަ ހައިފާ ބޮޑުކޮޓަރީގައި ހުރި ސޯފާތަކުން ސޯފާއެއްގައި އިށީނދެގެން ޓީވީއިން އަންނަމުން ދިޔަ ކޮންމެވެސް ޑްރާމާއަކަށް ގެއްލިފައި އިނެވެ. ނާޒިލް ގެއަށް ވަތްތަން ފެނުމާއެކު އޭނާ ނާޒިލްއަށް ގޮވައިލިއެވެ.

"ކީކޭ މަންމާ..." ނާޒިލް އައިސް ސޯފާގައި އިށީނދެލުމާއެކު ހައިފާ ވަރަށް ފުން ނަޒަރަކުން ނާޒިލްގެ މޫނުމައްޗަށް ބަލައިލިއެވެ. އެމޫނުމަތިން ކަމެއް ސިއްރުކުރަމުން ދިޔަ އަސަރުތައް އޭނާއަށް ފެންނަމުން ދިޔައެވެ.

"ދަރިފުޅު ހާދަ ކަންބޮޑުވެފަހެން ހީވެޔޭ.. އަނެއްކާ ކަމެއްވީތަ؟" ޓީޥީގެ އަޑު ކުޑަކޮށް މަޑުކޮށްލުމަށްފަހު، ހައިފާ ނާޒިލްއަށް ބަލައިލަމުން ސުވާލުކޮށްލިއެވެ.

"ނޫނޭ މަންމާ... މިދުވަސްކޮޅު ހަމަ ބިޒީކަމުން މާ ބޮޑަށް ސްޓްރެސްވަނީ" ނާޒިލް ބުނެލިއެވެ. އެވަގުތުވެސް ހަޤީގަތް ހާމަކޮށްލަން ނާޒިލް ޖެހިލުންވިއެވެ. މަންމަގެ ކުރިމަތީގައި އެ ވާހަކަ ބުނާނެހާ ހިތްވަރެއް އޭނާގެ ނެތެވެ.

"ކައިފިންތަ؟ ކާން ހައިދައިދޭންޥީތަ؟" ހައިރާ ސުވާލުކޮށްލިއެވެ.

"ނޫނޭ މަންމާ... ބޭރުން ކައިގެން މިއައީ..."ނާޒިލް ބުނެލިއެވެ. އެއަށްފަހު، އޭނާ ސިޑިއާ ދިމާލަށް މިސްރާބުޖެހިއެވެ. ކޮޓަރިއަށް ވަނުމަށްފަހު، އެއްޗެހި ބަދަލުކޮށްގެން އައިސް އެނދުގައި އޮށޯވެލުމަށްފަހު، އޭނާ ފޯނު ނަގާ ބަލައިލިއެވެ. ދެ ވިސްނުމެއްގައި އޮތުމަށްފަހު އޭނާ މިޝްޔާއަށް މެސެޖްކޮށްލިއެވެ. އެ ހާދިސާއަށްފަހު މިޝްޔާގެ ޙާލު ވީހާވެސް ގިނައިން ބަލަން ނާޒިލް ހުރީ ނުހަނު ބޭނުންވެފައެވެ. މިޝްޔާއަށް ވަނީ ނަފްސާނީ ގޮތުން ބޮޑެތި އަސަރުތަކެއްކޮށްފައިކަން އޭނާއަށް އެނގެއެވެ.

ނާޒިލް މެސެޖް ފޮނުވައިލީ މިޝްޔާ ކިހިނެއްތޯ އަހާފައެވެ. އިރުކޮޅެއްނުވެ އޭނާ ރަނގަޅުކަމަށް ބުނެ މިޝްޔާ މެސެޖެއްކޮށްލުމާއެކު ނާޒިލް ބުނީ އުނދަގޫވާނަމަ އޭނާއާ ހިއްސާކުރުމަށެވެ. މިޝްޔާ އާއެކޭ ބުނެ ހިނިތުންލެފާއި އިން އެމޮޖީއެއް ފޮނުވައިލިއެވެ. ނާޒިލްގެ ތުންފަތް މައްޗަށް ބޭއިޚްތިޔާރުގައި ހިނިތުންވުމެއް ވެރިވިއެވެ.

އޭނާއަށް މިޝްޔާ އާ މެދު ވިސްނެއެވެ. ކަންބޮޑުވެއެވެ. އެ އަންހެން ކުއްޖާގެ ތުންފަތް މަތިން ބައެއްފަހަރު ހިނިތުންވުން ފެނުނު ނަމަވެސް އެހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވާ ހިތާމަ އޭނާއަކަށް ސިއްރެއް ނުވެއެވެ. މިޝްޔާ ވަނީ ބަލިކަށިވެފައެވެ. އެކަމުން އަރައިގަންނަން ވަގުތު ބޭނުންވާނެކަން ނާޒިލްއަށް ވެސް އެނގެއެވެ. އޭނާ ހުރީ ހުރިހާ ގޮތަކުން ވެސް މިޝްޔާއަށް އެހީތެރިވާން ނިންމައިގެންނެވެ. އޭނާ ހާސްވަނީ އޭނާގެ ހިތުގައި އުފެދެން ނުޖެހޭ އިޙްސާސްތަކެއް ހޭލަމުން ދާކަހަލަ އިިޙްސާސްއެއް އޭނާއަށް ކުރެވޭތީއެވެ. މިޝްޔާއާ މެދު އޭނާގެ ހިތުގައިވަނީ ހަމައެކަނި ހަމްދަރުދީ ނޫންހެން އޭނާއަށް ހީވެއެވެ. އެ އިޙްސާސްތައް ހަމްދަރުދީއަށް ވުރެ ފުނެވެ. ނާޒިލް ބިރުގަންނަނީ އެހެންވެގެންނެވެ.

*****

ޖެހިގެން އައި ހަފްތާގައި ރިފްއަތު މާލެ އަތުވެއްޖެއެވެ. މާލެ އައިސް އޮފީސްކަމެއްގައި އޭނާ މާކިންއާއެކު ގިނަ ވަގުތު ހޭދަކުރީ އޮފީހުގައެވެ. މިޝްޔާގެ ސެޝަން އޮތުމުން ކުޑަ ބްރޭކެއް ނަގައިގެން މާކިން މިސްރާބުޖެހީ ގެއިން މިޝްޔާ ބަލައެވެ. މިޝްޔާ ގޮވައިގެން އައިސް ހޮސްޕިޓަލާ ކައިރީގައި ކާރު ޕާކުކޮށްލުމަށްފަހު، މާކިން ފައިބަން އުޅުމުން މިޝްޔާ ވާހަކަ ދެއްކިއެވެ..

"ދޮންބެ އޯކޭ އޭ ނަޔަސް. އަހަރެން އެކަނި ގޮސްލަފާނަން. ނިމުނީމަ ގުޅާލާނަން..." މިޝްޔާ ބުނެލިއެވެ. މާކިން ވިސްނަން އިރުކޮޅަކު އިނެވެ. އެރޭގެ ހާދިސާއަށްފަހު، އަނެއްކާވެސް އެމީހާގެ ކުރިމައްޗަށް މިޝްޔާއަށް އެރިދާނެތީ މާކިން ހާސްވިއެވެ.

"މިޝޫ..."

"އިޓްސް އޯކޭ އޭ... ދަނީ އިނގޭ..." ކާރުން ފޭބުމަށްފަހު، މިޝްޔާ އަތުން ހަނާއަޅައިލިއެވެ. މާކިން ދިޔައީ މިޝްޔާ ހޮސްޕިޓަލަށް ވަތްފަހުންނެވެ. އަތް ދަބަސް ތެރެއަށް ލާފައި އޮތް ފޯނު ނަގަން މަސައްކަތް ކުރަމުން މިޝްޔާ ހިނގަމުން ދިޔައިރު އިރުއިރުކޮޅަކާ އޭނާ ކުރިމަތި ބަލައިލައެވެ. ލިފްޓާ ދިމާލަށް ދިޔަ މިޝްޔާގެ ގައިގައި އެހެން އައި މީހަކު އަޅައިގަތުމާއެކު އޭނާ ނުވެއްޓުނީ ކިރިޔާއެވެ.

"ސޮރީ..." ދެމީހުންނަށްވެސް މާފަށް އެދެވުނީ އެކުއެކީގައެވެ.

ކުރިމަތީގައި ހުރި އަންހެން ކުއްޖާއަށް ބަލައިލުމަށްފަހު، މިޝްޔާ ހިނިތުންވެލިއެވެ. ރީމާއަށް މިޝްޔާ ފެނުމާއެކު އެއީ ނާޒިލްއާއެކު ހުރި އަންހެން ކުއްޖާކަން އެނގުނެވެ. ނާޒިލް ބުނެފައިވާގޮތުން އެއީ އޭނާގެ އަންހްނުންނެވެ. މިޝްޔާ ރީމާ ފަސްދީ ހިނގައިގަތުމާއެކު ރީމާ މިޝްޔާއަށް ގޮވައިލިއެވެ.

"އެކްސް ކިއުޒް މީ" ރީމާގެ އަޑާއެކު މިޝްޔާ ހުއްޓި ފަހަތް ބަލައިލިއެވެ.

"އަހަރެންތަ؟" މިޝްޔާ ސުވާލުކޮށްލުމާއެކު، ރީމާ ބޯ ޖަހައިލިއެވެ.

ކޮން ނަމެއްތަ ކިޔަނީ؟" ރީމާ ސުވާލުކޮށްލިއެވެ.

"މިޝްޔާ" މިޝްޔާ ޖަވާބު ދިނެވެ. އޭނާ ހުރީ ވާނުނާ ނޭނގިފައެވެ.

އަހަންނަކީ ރީމާ... ތީ... ތީ ނާޒިލްގެ އަންހެނުން ދޯ.." ރީމާ އެ ސުވާލު ކޮށްލީ ޔަޤީންކޮށްލުމުގެ ބޭނުމުގައެވެ. ނާޒިލް އެހެން ބުނި ނަމަވެސް އޭނާގެ ހިތް އެ ވާހަަކަ ގަބޫލުނުކުރަނީއެވެ.

"އަންހެނުންނޭ..." ވާނުވާ ނޭނގިހުރެ މިޝްޔާއަށް ބުމަ އަރުވައިލަމުން ސުވާލުކޮށްލެވުނެވެ.

"އާނ. ނާޒިލް ބުނި އެހެން... ނޫންތަ އަނެއްކާ؟" ރީމާގެ އެ ސުވާލާއެކު މިޝްޔާއަށް ބުނާނެ އެއްޗެއް ނޭނގި ހިނދުކޮޅަކު ހުރެވުނެވެ.

*****

މިޝްޔާ ގޮސް ނާޒިލްގެ ކޮޓަރީގައި ޓަކި ޖަހައިލުމަށްފަހު، އެތެރެއަށް ވަދެލިއެވެ. ނާޒިލްއަށް ވެސް މިޝްޔާ ފެނުމާއެކު ގޮނޑިން ތެދުވެވުނެވެ. އޭނާ ސޯފާއާ ދިމާލަށް ހިނގައިގަތުމުން ވެސް މިޝްޔާ އެހުރި ގޮތަށް ހުންނަން ފެށުމުން ނާޒިލް ފަހަތަށް އެނބުރިލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު