ރަޝިޔާ، ނިއުކްލިޔާ ހަތިޔާރުގެ ބޭނުންކޮށްފާނެކަމުގެ ބިރަކީ ހަގީގީ ބިރެއް: އެމެރިކާ

ޖެކް ސްލީވަން

ވޮޝިންޓަން (1 އޮކްޓޯބަރު 2022): ޔުކްރެއިން ހަނގުރާމައިގެ ހާލަތު ބަދަލުވަމުންދާ ގޮތަކުން ރަޝިޔާ، ނިއުކްލިޔާ ހަތިޔާރުގެ ބޭނުންކޮށްފާނެކަމުގެ ބިރަކީ ހަގީގީ ބިރެއް ކަމަށާއި އެބިރަށް ބަލައިގެން އެކަމާ ކުރިމަތިލުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާކަމަށް އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުސްތަޝާރު ޖޭކް ސުލިވަން ވިދާޅުވެއްޖެއެވެ.

ސުލިވަން ވިދާޅުވިގޮތުގައި ޔޫރަޕްގެ ގައުމުތަކުގައި ރުކުރުވާލާފައިވާ އެމެރިކާގެ އަސްކަރީ ބާރުތައް ތިބީ ތައްޔާރީ ހާލަތެއްގައެވެ. ޔޫރަޕްގެ އެތައް ގައުމެއްގައި އެމެރިކާގެ ދޮޅު ލައްކައެއްހާ ސިފައިން ބަރުހަތިޔާރާއެކު ތިބެއެވެ. އަދި ޔޫރަޕްގެ ބައެއް ގައުމުތަކުގައި އެމެރިކާއިން ނިއުކްލިޔާ ހަތިޔާރު ރައްކާކޮށްފައިވެސް ވެއެވެ. މިކަން ރަޝިއާ ސިފަކުރަނީ ޔޫރަޕް އެމެރިކާގެ އިސްތިއުމާރާއި ކޮންޓްރޯލްގެ ދަށުގައިވުން ކަމުގައެވެ.

ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިންއާއި އެގައުމުގެ އެހެން އިސް ބައެއް މަސްއޫލުވެރިންވަނީ ޔުކްރެއިން ހަނގުރާމައިގެ އަލިފާންގަނޑަށް އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން އަޅަމުންގެންދާ ދަރުގެ ސަބަބުން ރަޝިއާގެ ގައުމީ ސަލާމަތަށް ނުރައްކާވަ ހާލަތެއް ކުރިމަތިވެއްޖެނަމަ ނިއުކްލިޔާ ހަތިޔާރު ބޭނުން ކުރަންޖެހިދާނެކަމުގެ އިންޒާރު ދެއްވާފައެވެ.

އަދި ރަޝިއާގެ ބައެއްގެ ގޮތުގައި ހަދާފައިވާ ޔުކްރެއިންގެ ހަތަރު ސަރަހައްދުކަމަށްވާ ލުޣާންސްކް، ދޮނިއެސްކް، ޒަބަރޫޖިއާ، އަދި ޚަރްސޮން އަލުން އަނބުރައި ޔުކްރެއިންގެ ކޮންޓްރޯލްގެ ދަދަށް ގެންދަން ހުޅަނގުގެ އެހީގައި އެގައުމުން މަސައްކަތް ކުރުމަކީވެސް ނިއުކްލިޔާ ބޭނުންކުރަންޖެހިދާނެކަމެއްކަމަށް ރަޝިއާ ބުނެއެވެ.

ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިން ވަނީ ހުޅަނގުން މަސައްކަތްކުރަނީ ދުނިޔެއަށް ބާރާއި ނުފޫޒު ފޯރުވައިގެން ދުނިޔޭގެ ގައުމުތައް އެމެރިކާގެ މުށުތެރެއަށްލުމުގެ އިސްތިއުމާރީ މަގްސަދުގައި ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި ގަދަބާރުން ގައުމުތަކަށް އަރައިގަތުމަކީ ގަބޫލުކުރެވޭ ކަމެއް ނޫންކަމާއި އެއީ އދ.ގެ ޗާޓަރަށް ގޮންޖެހުންކަމަށް ބުނެ އެމެރިކާ އަޑުގަދަ ކުރާއިރު ބާރުގެ ބޭނުންކޮށްގެން އެންމެ ގިނައިން ގައުމުތަކަށް އަރައިގަނެ އެގައުމުތަކުގެ ލޫޓުވައި އެގައުމުތަކުގެ ރައްޔިތުން މަރައި ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވަނީ އެމެރިކާއި އިނގިރޭސިވިލާތްކަމަށް ޕޫޓިންވަނީ ސިފަކުރައްވާފައެވެ.

މީގެއިތުރުން ދެވަނަ ބޮޑު ހަނގުރާމައިގައި ގައުމުތައް ހަލާކުވުމުން އެމެރިކާއަށް ލިބުނު ފުރުސަތުގެ ބޭނުންކޮށްގެން އެމެރިކާ ދުނިޔޭގެ މާލީ ނިޒާމަށް އަތްގަދަކޮށް އެމެރިކާގެ ފައިސާކަމަށްވާ ޑޮލަރުގެ މައްޗަށް ބިނާކޮށްފައިވާ މާލީ ނިޒާމެއް އުފައްދައި އެނިޒާމުން ނާޖާއިޒު ފައިދާނަގައި އަދި އެމެރިކާއަށް ކިޔަމަން ނުވާ ގައުމުތަކަށް އަދަބު ދިނުމަށް ބޭނުންކުރާ ހަތިޔާރަކަށް އެމެރިކާއިން ޑޮލަރު ހަދާފައިވާކަމަށްވެސް ޕޫޓިންވަނީ ވިދާޅުވެފައެވެ.

މިއީ ނިމުމަކަށް ގެންނަންޖެހޭ ކަމެއްކަމަށާއި އެމެރިކާގެ އަޅުވެތިކަމުން ދުނިގެ ސަލާމާތް ވާންޖެހިފައިވާކަމަށް ކްރެމްލިންގައި ބޭއްވި ރަސްމިއްޔާތެއްގައި ޕޫޓިންވަނީ ވިދާޅުވެފައެވެ. ޕޫޓިންގެ މިވާހަކަތަކާ ގުޅިގެން އެމެރިކާ ވަނީ ވަރަށް ބޮޑަށް ރުޅިގަދަވެފައެވެ.

comment ކޮމެންޓް