މޫކޭ ވިދާޅުވަނީ އަމީނީ މަގު މަޝްރޫއު ނިމޭއިރު ރީތި ބޮޑެތި ގަސްތަކެއް ހުންނާނެ ކަމަށް

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި މޫކޭ ވާހަކަ ދައްކަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް ނިމޭއިރު އެ މަގުގައި ރީތި ބޮޑެތި އަދި ރައްކާތެރި ގަސްތަކެއް ހުންނާނެ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

އަމީނީ މަގުގައި ހުރި ގަސްތައް ކަނޑާތީ އެކަން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުގު އިތުރުން ސިވިލް ކޯޓަށް ވެސް މިހާރު ވަނީ މައްސަލަ ހުށަހަޅާފައެވެ.

"ހިޔާ ދޭ ބޮޑެތި ގަސް އެ މަގުގައި ހުންނާނެ. އެކަމަކު މިހާރަށް ވުރެ ތަރުތީބުން ވީލް ޗެއާއަށް ވެސް އެކްސެސް ލިބޭ ގޮތަށް ދުއްވާ މީހުނަށް ވެސް އުނދަގޫ ނުވާ ގޮތަށް. އަދި ކައިރި ސަރަހައްދުގެ ގޭގެއަށް ވެސް މޫތަކުގެ އުނދަގޫނުވާ ގޮތަށް މިހާރު މިއަޅާ ނެޓްވޯކަށް ވެސް ގެއްލުން ނުވާ ކަހަލަ ގަސް އަޅުގަނޑުމެން ޖަހާނީ," ސަންއާ ވާހަކަ ދައްކަމުން މޫކޭ ވިދާޅުވިއެވެ.

މޫކޭ ވިދާޅުވީ މަގު ހަދާ ނިމުމަށްފަހު އަހަރެއް ވަންދެން މަގާއި ގަސްތައް އެ ކުންފުނިން ބަލަހައްޓަމުން ގެންދާނެ ކަމަށެވެ.

އަމީނީ މަގުގެ ފެހިކަން އިތުރުކުރުމުގެ ގޮތުން ބިމުގަ ޖަހާ ގަހުގެ އިތުރުން ބޮޑެތި ޕޮޓްތަކުގައި މާ ގަސް އިންދުމަށްފަހު އެ މަގުގައި ބަހައްޓާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަނެއްކޮޅުން މިހާރު މި ނަގާ ގަސްތައް ވެސް ނައްތާލަނީއެއް ނޫން. ގެންގޮސް އެއެއްޗިހި ރޯ އެބަކުރަން. އެހެންވީމަ އަމީނީ މަގުގެ ސަބަބުން ތިމާވެއްޓަށް މިވަނީ އިތުރަށް ފައިދާ," މޫކޭ ވިދާޅުވިއެވެ.

އަމީނީ މަގު ހަދަނީ ހަމައެކަނި އާރްޑީސީން ބޭނުންވާ ގޮތަށް ނޫންކަން ފާހަގަކުރައްވައި މޫކޭ ވިދާޅުވީ އެ މަޝްރޫއު ކުރިއަށްގެންދަނީ ކަމާބެހޭ ހުރިހާ އިދާރާއެއްގެ ލަފަޔާއެއްގޮތަށް ކަމަށެވެ. އަދި އެ މަޝްރޫއު ހިނގަމުންދާ އެ އިދާރާތަކުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި އެންވަޔަރަމެންޓަލް ޕްރޮޓެކްސަން އެޖެންސީ (އީޕީއޭ) ހިމެނޭކަން މޫކޭ ފާހަގަލުރެއްވިއެވެ.

އަމީނީ މަގުގެ މަޝްރޫއަށް އެ މަގުގައި ހުރި ގަސްތައް ކަނޑަމުންދާތީ އާންމުންގެ ޝަކުވާ ލިބޭކަން މޫކޭ ފާހަގަކުރެއްވިއެވެ. މަޝްރޫއު ފެށުމުގެ ކުރިން 100 އަށްވުރެ ގިނަ ފަރާތްތަކުގެ ލަފާ ހޯދި ފާހަގަކުރައްވައި އޭނާ ވިދާޅުވީ ގޯހުން ކަމެއްދާ ނަމަ ކަމާ ގުޅޭ މުއައްސާސަތުން އެކަމެއް ފާހަގަކުރާނެ ކަމަށެވެ.

އަމީނީމަގުގައި ހުރި ގަހެއްގެ ގޮފިތައް ކަނޑަނީ --- ފޮޓޯ/ ލަވޭރާ ޕިއްޒާ

"އަޅުގަނޑުމެން މިއަށްވުރެ ގިނައިން ޕަބްލިކް ކޮންސަލްޓެންސީ ނެގި މަޝްރޫއެއް ނޯންނާނެ އަޅުގަނޑު ހަނދާންވާ ގޮތުގައި މި ދިވެހިރާއްޖޭގައި ވެސް ހިންގާފައެއް," މޫކޭ ވިދާޅުވިއެވެ.

އަމީނީ މަގުގެ ކޮންސެޕްޓާއި ޑިޒައިން ފާސްކޮށްފައިވަނީ ޕްލޭނިން މިނިސްޓްރީންކަން ފާހަގަކުރައްވައި މޫކޭ ވިދާޅުވީ, މަޝްރޫއު ކުރިއަށް ގެންދިއުމަށް އެކިއެކި އިދާރާތަކުން ނަގަން ޖެހޭ ހުއްދަތައް ވެސް ނަގާފައިވާނެ ކަމަށެވެ.

"އީޕީއޭ އިން ހުއްދަ ދެނީ ވަކި މިންގަނޑުތަކެއްގަ ވަކި ގޮތަކަށް ކަންކަން ކުރަން. އަދި އެކަން އެގޮތަށް ކުރޭތޯ އީޕީއޭއިން ވަރަށް ގާތުން ބައްލަވާ. އަދި ގޯސްކޮށް ކަމެއް ދަންޏާ ރަނގަޅު ކުރުން އެބަ އަންގާ," މޫކޭ ވިދާޅުވިއެވެ.

އަމީނީ މަގު މަޝްރޫއަކީ ގޮންޖެހުން ބޮޑު މަސައްކަތެއްކަން ފާހަގަކުރައްވައި މޫކޭ ވިދާޅުވީ, އެއްވެސް ގަހެއް ނުކަޑައި މަސައްކަތް ނުކޮށް ހުރުމުން ޕްރެޝަރު ކުޑަވާނެ ކަމަށެވެ. ނަމަވެސް އެކަމާ ކުރިމަތިލައިގެން ކުރިއަށް ދަނީ މައްސަލައެއްގެ ހައްލު ހޯދުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކުރާ މަސައްކަތަކީ މިނިސްޓްރީން ހަވާލުކުރި ޕްރޮޖެކްޓެއް އެ ހަވާލުކޮށްފައި އޮތްގޮތަށް ތަންފީޒުކުރުމުގެ މަސައްކަތް. އެކަން މިކުރަނީ އާރުޑީސީގެ މެނޭޖްމަންޓާއި ފަންނީ ބޭފުޅުން ނިންމާ ގޮތެއްގެ މަތިން," މޫކޭ ވިދާޅުވިއެވެ.

އަމީނީ މަގު މަޝްރޫއަށް ފާޑުކިޔާ ފަރާތްތަކަށް ރައްދުދެއްވައި މޫކޭ ވިދާޅުވީ, ބިނާކުރަނިވި ފާޑުކިޔުންތަކަށް އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ. ނަމަވެސް މިހާރު އާރުޑީސީން ފަށާފައިވާ މަޝްރޫއަށްވުރެ މޮޅަށް އެކަން ކުރެވޭނެ ގޮތެއް އެއްވެސް މީހަކަށް ދެއްކިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަމީނީ މަގުން ގަސް ކެނޑުން ހުއްޓުވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކޯޓަށް ހުށަހެޅުއްވީ ސިޔާސީ ބޭނުމެއްގައި ކަމަށް ވެސް މޫކޭ ވިދާޅުވިއެވެ.

"އަމީނީ މަގަކީ ރައީސް ނަޝީދު މިވަގުތު ނަންގަވައިގެން އުޅޭ ސިޔާސީ މައުޟޫއެއް," އެ މަޝްރޫއު ހުއްޓުވުމަށް ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތަށް ރައްދު ދެއްވަމުން މޫކޭ ވިދާޅުވިއެވެ.

އަމީނީމަގު ތަރައްގީ ކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ މިދިޔަ ޖުލައި މަހުގެ ތިން ވަނަ ދުވަހު، 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އެއީ 84 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

comment ކޮމެންޓް