އިންޑިއާއިން މާލެއަށް ދަތުރުކުރި ބޯޓެއް އަޑިއަށް ގޮސް މީހަކު ގެއްލިއްޖެ

އިންޑިއާގެ ޓުޓްކޮރިންއިން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް ބޯޓެއް އަޑިއަށްގޮސް އެ ބޯޓުގެ ފަޅުވެރިއަކު ގެއްލިއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ މިދިޔަ ބުދަ ދުވަހު ޓުޓްކޮރިންއިން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް މޫސުން ގޯސްވެ، އެ ބޯޓު އަޑިއަށް ދިޔައީ ކ. ކާށިދޫގެ އިރުން 30 ނޯޓިކަލް މޭލް ބޭރުން ކަމަށެވެ.

އެ ބޯޓް އަޑިއަށްގޮސް، އޭގެން ދަތުރުކުރި ހަތް ފަޅުވެރިންގެ ތެރެއިން ހަ ފަޅުވެރިއަކު ކަނޑުވެފައި ވަނިކޮށް އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ "އެމްވީ ބަރަދުވާޖް" ނަމަކަށް ކިޔާ ބޯޓަކުން އެ މީހުން ސަލާމަތްކޮށްފައިވާ ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.

"އަދި، އެއް ފަޅުވެރިއަކު ފެނިފައި ނުވާތީ، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ "ހަކުރާ" ލޯންޗް ދަނީ އެ މީހާ ހޯދުމުގެ މަސައްކަތުގައި އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ،" އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ ރިޕޯޓް ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު ހެނދުނު 10:30 ހާއިރު ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލިގެން ހޯދާ މީހާ ލައިގެން ހުރީ، ނޫކުލައިގެ ޓީޝާޓަކާއި އަދި ނޫކުލައިގެ ސޯޓްބުރިއެކެވެ. އަދި، އެންމެ ފަހުން އޭނާ ފެނުނުއިރު އޭނާ އޮތީ ލައިފްޖެކެޓް ވެސް އަޅައިގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ގެއްލިގެން ހޯދާ މީހާއާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން ބަލައިދިނުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅައި އެ މައުލޫމާތު ހިއްސާކޮށްދިނުމަށް އެމްއެންޑީއެފް އިން ވަނީ އެދިފައެވެ.

comment ކޮމެންޓް