ހިޔާ މަޝްރޫއުގެ ދަށުން އެމްއޭސީއެލްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި، "އޭރޯ ރެސިޑެންސް" ފްލެޓުތަކުގެ ތަޅުދަނޑި ފްލެޓު ލިބުނު ފަރާތްތަކާއި ހަވާލުކޮށްފިއެވެ.
މިއަދު ހެނދުނު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެކަަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމްއާއި، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މަހްޖޫބު ޝުޖާއުގެ އިތުރުން، އެ ކުންފުންޏާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ފެށި މި މަޝްރޫއުގެ ދަށުން އިމާރާތްކުރި 14 ބުރީގެ ދެ ޓަވަރުގައި ޖުމްލަ 384 އެޕާޓްމަންޓު ހިމެނެއެވެ. އެއީ އެއް ކޮޓަރީގެ 144 އެޕާޓްމަންޓާއި، ދެކޮޓަރިއާއި މެއިޑް ރޫމެއް ހިމެނޭ 240 އެޕާޓްމަންޓެވެ.
މީގެތެރެއިން 312 އެޕާޓްމަންޓު އެމްއޭސީއެލްގެ މުވައްޒަފުންނަށް ޚާއްސަކޮށްފައިވާއިރު، 72 އެޕާޓްމަންޓެއް ވަނީ އާންމުންނަށް ވިއްކާލުމަށް ހަމަޖެހިފައެވެ.
މި މަޝްރޫއުގެ ދަށުން އިމާރާތް ކުރި އެއް ކޮޓަރީގެ އެޕާޓްމަންޓުތަކުގެ ޖުމްލަ އަގު އުޅެނީ 1.3 މިލިއަން ރުފިޔާގައެވެ. އަދި ދެކޮޓަރިއާއި މެއިޑް ރޫމެއް ހިމެނޭ އެޕާޓްމަންޓުތަކުގެ އަގު އުޅެނީ ގާތްގަނޑަކަށް ދެ މިލިއަން ރުފިޔާގައެވެ.
މި ފްލެޓުތަކަށް ފައިސާ ދެއްކޭނެ ފަސޭހަ އިންތިޒާމުތަކެއް އެމްއޭސީއެލްގެ ފަރާތުން ވަނީ ހަމަޖައްސައިދީފައެވެ. އެގޮތުން، ފްލެޓަށް ފައިސާ ދައްކަންޖެހޭ މުއްދަތު ވަނީ 15 އަހަރުން، 20 އަހަރަށް އިތުރުކޮށްދީފައެެވެ.