އޭދަފުށްޓާއި އއ. މާޅޮސް މެޗެއް ނުކުޅެ ފުރަތަމަ ޑިވިޝަނަށް

ކްލަބް އޭދަފުށި ޓީމް--- ފޮޓޯ/ ކްލަބް އޭދަފުށި

ސެންޓްރަލް ލީގުގެ ދެވަނަ ޑިވިޝަންގައި ވާދަކުރާ ބ. އޭދަފުށްޓާއި އއ. މާޅޮސް މެޗެއް ނުކުޅެ ފުރަތަމަ ޑިވިޝަނަށް ކޮލިފައިވެއްޖެއެވެ.

ސެންޓްރަލް ލީގުގެ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި އޭދަފުށި ފުރަތަމަ ޑިވިޝަނަށް ކޮލިފައިވެފައިވަނީ އެ ގްރޫޕްގައި ވާދަކުރަން ހަމަޖެހިފައިވާ ޅ. ނައިފަރު ޖީޖީ ސްޕޯޓްސްއާއި ހިންނަވަރު ސްޕޯޓްސް ކުލަބު އެ މުބާރާތުގައި ބައިވެރިވެފައިނުވާތީއެވެ.

މީގެ އިތުރުން، ގްރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައި މާޅޮހަށް ޖާގަ ލިބުނީ އެ ގްރޫޕްގައި ވާދަކުރާ ގޮތަަށް އޮތް އއ. އުކުޅަހާއި، އދ. ފެެންފުށި އެ މުބާރާތުގައި ވާދަނުކުރަން ނިންމުމުންނެވެ.

ސެންޓްރަލް ލީގުގައި ހިންނަވަރާއި ފެެންފުށި ވާދަނުކުރާކަން އެ ޓީމުތަކުން ވަނީ އެފްއޭއެމްއަށް އަންގައިފައެވެ. ނަމަވެސް އުކުޅަހާއި ނައިފަރު އެ މުބާރާތުގައި ބައިވެރި ނުވެވޭނެކަން އެފްއޭއެމްއަަށް އަންގަައިފައި ނުވާތީ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމެޓީއަށް ފޮނުވުމަށް އެސޯސިއޭޝަނުން ވަނީ ނިންމައިފައެވެ.

ސެންޓްރަލް ލީގުގެ ގްރޫޕް ބީގައި ހިމެނޭ ހިންމަފުށިން ވެސް ވަނީ އެ މުބާރާތުން ވަކިވެފައެވެ. ނަމަވެސް އެ ޓީމުން ވަކިވީ އެފްއޭއެމްއަށް އެކަން އެންގުމަށްފަހުގައެވެ. އެ ގްރޫޕްގައި ހިމެނިފައިވަނީ ކ. ގުރައިދޫއާއި، ގުޅީގެ އިތުރުން މާފުއްޓެވެ.

އެ ގްރޫޕްގެ މެޗުތައް މިހާރު ކުޅެ ނިމިފައިވާއިރު، އެ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ފުރަތަމަ ޑިވިޝަނަށް ކޮލިފައިވެފައިވަނީ ގުރައިދޫއެވެ. އަދި އެ ގްރޫޕްގެ ދެވަނައަށް ގޮސްފައިވަނީ ގުޅިއެވެ.

comment ކޮމެންޓް