34 އަހަރު: 99 ޕަސެންޓު ދިވެހިންނާއެކު މަގްސަދު ހާސިލުކޮށްފި

މީގެ 34 އަހަރުކުރިން، މުވާސަލާތީ ދާއިރާގައި ރާއްޖެ އޮތީ ވަރަށް ފަހަތުގައެވެ. ކުދިކުދި ރަށްތަކެއްގެ މައްޗަށް ބެހިފަައިވާ މަދު މީސްކޮޅެއް ހިމެނޭ ރާއްޖޭގައި އެ ދާއިރާ ކުރިއެރުވުން ވެސް ވެފައި އޮތީ ބޮޑު ދައްޗަކަށެވެ. އުމުރާނީ ތަރައްގީގެ ދަތިކަމާއި ވަސީލަތްތައް މަދުވުމުންނެވެ.

ނަމަވެސް، ރާއްޖޭގެ ކުރިއެރުމަށާއި ތަރައްގީއަށްޓަކައި މުވާސަލާތީ ގުޅުން ވަރުގަދަކުރުން އޮތީ މަޖުބޫރުވެފައެވެ. އެހެންކަމުން، 1988ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހު، "ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް"ގެ ނަމުގައި، ދިވެހި ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏެއް އުފައްދާ ޚިދުމަތް ދޭން ފެށީ މުޅި ރާއްޖެ އެކުގައި އެ ގުޅުމުން ގުޅާލުމުގެ މަގްސަދުގައެވެ. އޭރު އެއީ މުޅި ރާއްޖެއަށް ވެސް އާ ބޮޑު މަޝްރޫއެކެވެ.

މިއަދު އެ ކުންފުނި ވަނީ ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންގެ ހަޔާތުގެ މުހިއްމު ބަޔަކަށް ވެފައެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު މޯބައިލް ކަވަރޭޖް ވަނީ ދިރާގުން ފުރިހަމަކޮށްފައެވެ. މީގެ އިތުރުން، ފައިބާ އިންޓަނެޓުގެ ޚިދުމަތާއި، ކޭބަލް ޓީވީ ފަދަ އާންމުންނަށް މުހިއްމު އެތައް ޚިދުމަތެއް ވެސް ދިރާގުން ވަނީ ތައާރަފުކޮށްފައެވެ.

ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު މިއަހަރު ފުރޭއިރު އެ ދާއިރާ ދުނިޔޭގެ އެންމެ އުހަށް ގެންދިއުމުގައި ދިރާގުގެ ހިއްސާ ބޮޑެވެ. ޓޫރިސްޓުންނަށް ރަނގަޅު މުއާސަލާތީ ހިދުމަތްތަކެއް ދިނުމުގެ އިތުރުން ދުނިޔޭގެ ފާހަގަކޮށްލެވޭ ބްރޭންޑްތަކުން ރާއްޖޭގައި އިންވެސްޓް ކުރުމަށް މަގުފަހި ކުރުވި ސަބަބުތަކުގެ ތެރޭގައި ދިރާގުން އެ ޒަމާނަކާ އެއްގޮތަށް ދެމުން އައި ހިދުމަތްތައް ހިމެނެއެވެ.

ބަދަލުވަމުންދާ ދުނިޔޭގައި ދާއިރާގެ އެންމެ އުހުގައި

މުވާސަލާތީ ދާއިރާއަކީ މުޅި ދުނިޔޭގައި ވެސް އެންމެ ހަލުވިމިނުގައި ކުރިއަރަމުން އަންނަ އެއް ދާއިރާއެވެ. ދިރާގުގެ ތާރީޚުން ފެންނަ ހަގީގަތަކީ އެއްވެސް ފަސްޖެހުމެއް ނެތި، ދާއިރާއަށް އަންނަ އައު އީޖާދުތަކާއި ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގައި އެ ކުންފުނިން ދެމިއޮތް ކަމެވެ.

ދިރާގު އުފެދުނުތާ އެންމެ ދިހަ އަހަރެއްހާ ދުވަހުގެ ތެރޭ މުޅި ރާއްޖެ ވަނީ ޓެލެފޯނުގެ ނެޓްވޯކަކުން ގުޅާލާފައެވެ. ހަމަ އެ މުއްދަތުގެ ތެރޭ ޑަޔަލްއަޕް އިންޓަނެޓުގެ ޚިދުމަތް ތައާރަފުކޮށް، އާންމުންނަށް ހުޅުވާލިއެވެ. ރާއްޖޭގެ ގިނަ ބަޔަކަށް މިއީ ފޯނު ބޫތުތަކާއި ލޭންޑްލައިނު ދުވަސްވަރެވެ.

ދިރާގުގެ ހިދުމަތް ރާއްޖެއަށް ތައާރަފް ކުރިއިރު މަގުތައް ކޮނުމުގެ މަސައްކަތުގައި-- ފޮޓޯ: ދިރާގު

އެ ހިސާބުން ފެށިގެން ދިރާގު ކުރިއަރަމުން ދިޔައީ ފަސް ބެލުމެއް ނެތިއެވެ. ނަވާރަސަތޭކަ ނުވަދިހަ ނުވަ ވަނަ އަހަރު ތައާރަފުކުރި ޖީއެސް އެމް މޯބައިލް ޚިދުމަތަށް ނުވަ އަހަރު ވުން ފާހަގަ ކުރީ ރާއްޖޭގެ ހުރިހާ ރަށަކަށް އެ ޚިދުމަތުގެ ކަވަރޭޖް ދެމުންނެވެ.

އޭގެ ދިހަ އަހަރުފަހުން، 2018 ވަނަ އަހަރު ކުންފުނީގެ 30ވަނަ އަހަރީ ދުވަހާ ބައްދަލުކުރިއިރު، ރާއްޖޭގެ ހުރިހާ ރަށަކަށް 4ޖީ ކަވަރޭޖް ލިބެއެވެ. އެއާ ޖެހިގެން އައި އަހަރު 5ޖީ ޚިދުމަތް ތައާރަފުކުރި އިރު، އެއީ މުޅި ދެކުނު އޭޝިއާ ސަރަހައްދުން ވެސް އެކަން ކުރި ފުރަތަމަ ކުންފުންޏެވެ.

މިއީ ހަމަ އެންމެ މިސާލެކެވެ. ދިރާގުގެ ޚިދުމަތުގެ ކޮންމެ ދާއިރާއަކުން ބަލައިލި ކަމުގައި ވިޔަސް ފެންނަނީ މިފަދަ ހަލުވި ތަރައްގީއާއި ކުރިއެރުމެވެ.

ކުރިއެރުމުގެ ފަހަތުގައި ދިވެހިންގެ ހިތްވަރާއި އިތުބާރު

ދިރާގުގެ ބްރޭންޑް އެންޑް މާކެޓިން ޑިރެކްޓަރު އިބްރާހީމް މިރުޝާން ހަސަން ވިދާޅުވި ގޮތުގައި މި ދާއިރާގައި ދުނިޔޭގެ އެންމެ އުހުގައި ފައިހަމަ ކުރުމުގެ އެންމެ ބޮޑު ސިއްރަކީ އެ ކުންފުނީގެ ކަސްޓަމަރުން އެ ކުންފުންޏަށް ކުރާ އިތުބާރެވެ.

"ކަސްޓަމަރުންގެ ތަރުހީބާއި، އިތުބާރާ އެކު އަޅުގަނޑު މެން މިތިބީ މިހިސާބަށް އާދެވިފައި. އެ ބޭފުޅުންނަށް ކަމުދާނެ ޚިދުމަތެއް ފޯރުކޮށްދެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ،" އޭނާ ވިދާޅުވިއެވެ.

ކަސްޓަމަރުންގެ އިތުރުން އެ ކުންފުނިން މި ކާމިޔާބީގައި އެންމެ ފާހަގަ ކުރާ ބަޔަކީ އެ ކުންފުނީގެ ހީވާގި މުވައްޒަފުންނެވެ. މިއަދު ދިރާގުގެ 99 އިންސައްތަ މުވައްޒަފުންގެ ގޮތުގައި ދިވެހިން ތިބިއިރު، މިރުޝާން ފާހަގަކުރައްވާ ގޮތުގައި އެއީ ފެށުނީއްސުރެ ކުންފުނިން ގެންގުޅުނު ސިޔާސަތުގެ ނަތީޖާއެވެ.

"ދިރާގު ފެށިގެން އައި އިރު ޓެލެކޮމްއަކީ ރާއްޖެއަށް އާ ދާއިރާއެއް. އެހެންވީމަ ފުރަތަމަ 10-15 އަހަރު މީހުން ބިނާ ކުރުން ވަރަށް އިސް ކަމެއް ދީގެން މަސައްކަތް ތަކެއް ކުރެވުން،" މިރުޝާން ވިދާޅުވިއެވެ.

އޭނާ ފާހަގަ ކުރެއްވި ގޮތުގައި އޭރު ދިރާގުގެ ބަޖެޓުގެ ބޮޑު ބައެއް ހާއްސަ ކުރެވިފައި ވަނީ، ދާއިރާއަށް ބޭނުންވާ މީހުން ބިނާ ކުރުމާއި، އުފެއްދުމަށެވެ. މިހާރު ވެސް ދިރާގުން އަންނަނީ ދިވެހިންނަށް މަސައްކަތުގެ ދާއިރާއިން ތަމްރީނުކޮށް، ސްޕެޝަލައިޒް ކުރަމުންކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ކުރިމަގަށް އޮތީ އުންމީދީ ތަސައްވުރެއް

ދިރާގުގެ ގާބިލް ޓީމާއެކު، އެ ކުންފުނިން ކުރިމަގަށް ވެސް ކަނޑައަޅާފައިވަނީ އުންމީދީ ތަސައްވުރެކެވެ. އެގޮތުން އެ ކުންފުނިން މިވަގުތު ކުރިއަށް ގެންދާ އެންމެ މުހިއްމު އެއް މަޝްރޫއަކީ ސީމީވީ6 ސަބްމެރިން ކޭބަލާއި ރާއްޖެ ގުޅާލުމުގެ މަސައްކަތެވެ.

މި ކޭބަލަކީ ސިންގަފޫރުން ފެށިގެން، ޖިބޫޓީ އާއި މިސްރު މެދުވެރިކޮށް ފްރާންސްގެ މާސޭއާ ހިސާބަށް ގުޅާލާ ކޭބަލެކެވެ. މި މަގުގައި ހިމެނޭ ގައުމުތަކަކީ ބޮޑެތި ޑޭޓާ ސެންޓަރުތައް ހުރި ގައުމުތަކެއް ކަމުން، އެ ގައުމުތަކާ ގުޅާލުމަކީ ދިރާގުގެ ޚިދުމަތަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

ދިރާގުން ސީމީވީ6 ސަބް،މެރިން ކޭބަލުގައި ބައިވެރިވާކަން އިއުލާނުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ދިރާގު

"މިކޭބަލުގެ ސަބަބުން ރާއްޖެއާ ދުނިޔެއާ އޮތް ގުޅުން އިތުރަށް ވަރުގަދަވާނެ. މިސާލަކަށް ސްރީލަންކާގެ ކޭބަލަކަށް ދިމާވާ މައްސަލައެއްގެ ސަބަބުން މުޅި ރާއްޖޭގެ ގުޅުން ކެނޑުން ފަދަ ކަންކަން ދެން ދިމައެއް ނުވާނެ،" އެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިރާގުގެ ސީއީއޯ އިސްމާއީލް ރަޝީދު ވިދާޅުވިއެވެ.

މިފަދަ ކޮންމެ މަޝްރޫއަކުން ހާމަވާ ކަމަކީ މީގެ 34 އަހަރު ކުރިން، ދިރާގު އުފެއްދި އިރު އޮތް ތަރައްގީގެ ރޫހު އަދިވެސް އެ ކުންފުނީގައި ދެމިއޮތް ކަމެވެ. އެ ކުންފުންޏަކީ ދިވެހި މާލިމީއެއްގެ ބެލުމުގެ ދަށުން، ދިވެހިންގެ މަސައްކަތުން، ދިވެހިންނަށްޓަކައި ހިންގާ ކުންފުންޏެއް ކަމެވެ. އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއެކު، ދިވެހިރާއްޖޭގެ އެންމެންގެ ގުޅުމުގެ ގޮތުގައި އެ ކުންފުނި ދެމިއޮންނާނެ ކަމެވެ. އެއީ ރާއްޖޭގައި އެންމެ ގިނަ މީހުން ބޭނުން ކުރާ ނެޓްވޯކެވެ.

comment ކޮމެންޓް