ލިޔުއްވާފައިވާ ގޮތާ ތަފާތުކުރުމެއް ނެތި އެމީހެއްގެ އަޖަލު އެމީހަކާ ބައްދަލުކުރާނެ: ޚުތުބާ

އޮކްޓޫބަރ 2، 2020: ހުކުރު މިސްކިތުގައި ކުރެވުނު ހުކުރު ނަމާދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލިޔުއްވާފައިވާ ގޮތާ ކުޑަކޮށްވެސް ތަފާތެއް ނެތި އަދި ލަސްވުމެއް އަވަސް ވުމެއް ނެތި އެމީހެއްގެ އަޖަލު އެމީހަކާ ބައްދަލުކުރާނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ބުނީ ފުރާނަ ހިއްޕެވުމަށް ހާޒިރުވެ ހުންނަ މަލާއިކަތާ، އޭނާގެ ވަށައިގެންވާ މީހުނަށް ނުފެންނާކަމަށެވެ. ނަމަވެސް އޭނާއަށް ކުރިމަތި ވަމުންދާ މަރުގެ ވޭނުގެ އަސަރުތައް އޭނާ ވަށައިގެންވާ މީހުނަށް ފެންނާނެކަމަށް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ ކާފަރުންނާއި ފާޖިރުން، މުއުމިނުންނަށް ވުރެ ބޮޑަށް މަރުގެ ވޭނުގައި އުޅޭނެކަމަށެވެ.

"ފާޖިރުންގެ ރޫޙު އެމީހުންގެ އެމީހުންގެ ހަށިގަނޑާ ވަކިވެގެންދާ ވަގުތު، މަލަކުލްމައުތުގެފާނު އެ ރޫޙާ މުޚާތަބުކުރަށްވާ ވިދާޅުވާނެއެވެ. އޭ ހުތުރުވެގެންވާ ނަފުސާއެވެ! ﷲގެ ކޯފާގެ ތެރެއަށް ތިބާ ނުކުންނާށެވެ!" ޚުތުބާގައި ބުންޏެވެ.

ކާފަރުންނަށް ލިބޭ ޢަޒާބުގެ ބުރަކަމާއި، ކަސްތަޅުތަކާއި، ނަރަކައާއި، އެ ނަރަކައިގެ ހޫނުކަމާއި، އެކަލާންގެ ކޯފާގެ ވާހަކައިން މަލާއިކަތުން ޚަބަރު ދެއްވުމުން އެމީހާގެ ހަށިގަނޑުގެ ތެރެއަށް ރޫޙު ބައިބައިވެ ނުކުންނަން ގަދަހަދާނެކަމަށް ޚުތުބާގައި ބުންޏެވެ.

އިންސާނާ އެންމެ ކަންބޮޑުވެ ހާސްވާ ވަގުތުތަކުގައި ޝައިތާނާ އޭނާގެ ގާތްމީހެއްގެ ސިފައިގައި އޭނާގެ ގާތަށް އަންނާނެކަމަށް ވެސް ޚުތުބާގައި ބުންޏެވެ. އަދި އޭނާ އިސްލާމް ދީން ނޫން އެެހެން ދީނަކަށް ތަބަޢަވުމަށް ހިތްވަރުދޭނެކަމަށް ވެސް ބުންޏެވެ.

"މާތްﷲ އެމީހަކަށް އަބާއްޖަވެރިކަން ލިޔުއްވާފައިވާ މީހަކު ޝައިތާނާގެ ވަސްވާސްތަކަށް ހެއްލޭނެއެވެ،" ޚުތުބާގައި ބުންޏެވެ.

comment ކޮމެންޓް