ކާރެއްކައިރި ބިންމަތީ ލޭ، އެއީ ވަޅިއަކުން ލިބުނު އަނިޔާއެއް

ސެޕްޓެމްބަރ 2، 2021: ހުޅުމާލެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ޕާކުކޮށްފައި އޮތް ހުދު ކުލައިގެ ކާރެއް ކައިރީ، ބިންމަތީގައި ހުރި ލެއަކީ މީހަކަށް ވަޅިން ލިބުނު އަނިޔާއެއްގެ ސަބަބުން ބިންމައްޗަށް ފައިބާފައި ހުރި ލޭ ކަމަށް ފުލުހުން ބުނެފިއެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވާ ވީޑިއޯއަކުން ފެންނަނީ ޓެކްސީގެ ކައިރީ ގިނަ އަދަދަކަށް ލޭ ހުއްޓާއެވެ. ޓެކްސީގެ ދޮރު ކައިރި ވެސް ކޮންމެވެސް ވަރަކަށް ލޭ ހުއްޓެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބިންމަތީގައި ހުރި ލެއަކީ މީހަކު ބާޒާރުކޮށްގެން ގެއަށް އައިސް ކާރުން ފޭބި ވަގުތު ކޮތަޅުގައި އޮތް ވަޅިއެއް ފައިގައި އެޅިގެން ލިބުނު ޒަޚަމެއްގެ ސަބަބުން ބިންމައްޗަށް އެޅިފައިވާ ލޭ ކަމަށެވެ.

އެ މީހާ މިހާރު ހޮސްޕިޓަލަށް ގެންގޮސް ފައިގައި ބޭސްއަޅާފައިވާކަމަށް ފުލުހުން ބުންޏެވެ. އަނިޔާ ލިބުނީ އަންހެނަކަށް ކަމެއް ނުވަތަ ފިރިހެނަކަށް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް