މިފަދައިން އެއްވެސް ސަރުކާރެއްގައި ހިދުމަތުގެ އަގުވަޒަން ކޮށްފައެއް ނުވޭ

ވޭތުވެދިޔަ ސަރުކާރުތަކުގައި ވެސް ޓުއަރިޒަމް ޑޭ ފާހަގަކުރި ކަމަށާއި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ފަދައިން އެއްވެސް ސަރުކާރެއްގައި ޚިދުމަތުގެ އަގު ވަޒަންކޮށްފައި ނުވާކަމަށް ފަތުރުވެރިކަމުގެ ދާއިރާއަށް ގިނަ ދުވަހު ޚިދުމަތްކޮށްދެއްވި މުޙައްމަދު އުމަރު މަނިކު ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ހަފްލާގައި ފަތުރުވެރިކަމުގެ ދާއިރާއަށް ގިނަ ދުވަހު ޚިދުމަތްކޮށްދެއްވި ޚިދުމަތްތެރީން ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެ ބޭފުޅުންގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ ދިނުން ވެސް ރޭ އޮތެވެ.

އެ ހަފްލާގައި މުހައްމަދު އުމަރު މަނިކު ވިދާޅުވީ މިފަދައިން އަގު ވަޒަންކުރުމުން ސަރުކާރުން ފަތުރުވެރިކަމުގެ ދާއިރާ ބަލައިގެންފިކަން އެނގޭކަމަށެވެ. އަދި މިއީ ދިވެހީން ފަޚުރުވެރި ވާންޖެހޭ ދާއިރާއެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި އުންމީދުކުރަނީ ޒުވާނުން ދާއިރާއާ ގުޅި ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާވުންކަމަށް އޭނާ ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް ގިނަ ދުވަހު ޚިދުމަތްކޮށްދެއްވި ޚިދުމަތްތެރީން ކަމަށްވާ އުމަރު މަނިކާއި އަފީފް-- ފޮޓޯ: ރައީސް އޮފީސް

ރޭގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޗަމްޕާ ހުސައިން އަފީފް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއަށް މިހާ އުހަށް އާދެވުނީ ގިނަ ބައެއްގެ ހިތްވަރާއި މިންނެތް މަސައްކަތުން ކަމަށެވެ.

އޭނާ ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ އުހަށް ދިއުމަކީ އުނދަގޫކަމެއް ނޫން ކަމަށެވެ. ނަމަވެސް އެންމެ އުހުގައި ފައިތިލަ ސާބިތުކޮށް އެ މަގާމުގައި ދެމިހުރުމަކީ އުނދަގޫކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑު އެދެނީ ހުރިހާ އެންމެން ވެސް މަސައްކަތް ކޮށްގެން ދުނިޔޭގެ އެއްވަނަ ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ ދެމިއޮތުން،" އަފީފް ވިދާޅުވިއެވެ.

ރާއްޖެއަށް ޓޫރިޒަމް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި މިހާރުގެ ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވެސް ވަނީ ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވާފައެވެ.

އޭނާ ވަނީ ރާއްޖޭގެ ފަތުރުވެރިކަމަށް ހުރިހާ ސަރުކާރަކުން ދެއްވި އަހަންމިއްޔަތުކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދާއިރާ ކުރިއެރުވުމަށް، ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ފުރުސަތު ދެއްވީތީ ވެސް ނަސީމް ޝުކުރު އަދާކުރެއްވިއެވެ.

އޭނާ ވިދާޅުވީ ޓުއަރިޒަމް ދާއިރާގެ ހުރިހާކަމެއް ވެސް ރައީސް ޞާލިޙް ނިންމަވަނީ ކަމާ ގުޅޭ ފަރާތްތަކާ މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ. އަދި ބޮޑެތި ނިންމުންތައް ނިންމަވާއިރު އަމިއްލަފުޅަށް އެފަދަ ކަންކަން ނުނިންމަވާ މީހުންގެ ލަފަޔާ އެއްގޮތަށް ކަންކަން ކުރައްވާކަމަށް ނަސީމް ވިދާޅުވިއެވެ.

"އެއީ އަޅުގަނޑުމެނަށް ބޭނުންވާކަހަލަ ސަރުކާރަކީ. އެއީ އަޅުގަނޑުމެން ބޭނުންވާކަހަލަ ލީޑަރަކީ،" ނަސީމް ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަ ކުރުމަށް ގިނަ ހަރަކާތްތަކެއް މުޅި އަހަރަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވާއިރު، އޭގެ ތެރެއިން ގިނަ ހަރަކާތްތަކެއް މި ހަފުތާއާއި، އަންނަ ހަފުތާއަށް ވަނީ ރޭވިފައެވެ.

comment ކޮމެންޓް