ޓޫރިޒަމްގައި ދިވެހިންނަށް ފުރުސަތު އެބައޮތް، އެކަމަކު ބޭރުމީހުންނާ ވާދަކުރަން ޖެހޭނެ: ރައީސް

ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހިން ބޭނުން ދާއިރާއަކުން ކުރިއަށް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށާއި، ނަމަވެސް ވަޒީފާގެ ބާޒާރުގައި ބޭރު މީހުންނަށް ވެސް ވާދަކުރެވެން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ދިވެހި ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ކްރޮސްރޯޑްސްގައި ބޭއްވި އަގުވަޒަންކުރުމުގެ ހަފްލާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ފަތުރުވެރިކަމުގައި ރާއްޖެ މިހާރު ވާދަކުރަމުން އަންނަނީ ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު މަންޒިލުތަކާ ކަމުގައެވެ.

އެހެންކަމުން، އެ ސިނާއަތަށް ބޭނުންވާނެ ފެންވަރު ރަނގަޅު މުވައްޒަފުން، ރާއްޖެއިން ބޭރުން ނަމަވެސް، ހޯދޭނެ އިންތިޒާމު ފަސޭހަކަމާއެކު ހަމަޖެހިފައި އޮންނަންވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވާދަކުރާނީ ބައިނަލްއަގުވާމީ ބާޒާރުގައި، ވަޒީފާއަށް ވިޔަސް އަދި އެހެން ކަމަކަށް ވިޔަސް. އެހެންވީމަ އެ ދޮރު، ޓޫރިޒަމް މިނިސްޓްރީގައި ހުޅުވިފައި އޮންނަން ޖެހޭނީ. ކަމަށް އެކަށީގެންވާ ކޮލިފައިޑް މީހުން ރިސޯޓްތަކަށް ހޯދުމުގެ ފުރުސަތު ފަސޭހައިން ހުޅުވިފައި އޮންނަންވާނެ" ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު، އެ ދާއިރާގައި ދިވެހިންނަށް ވެސް ގިނަ ފުރުސަތު ތަކެއް ހުޅުވިފައި ހުރިކަން ރައީސް ފާހަގަ ކުރެއްވިއެވެ.

"ހަމަ ކޮންމެ ރޮނގަކުން ތަމްރީނު ހޯދާ، އެފަދަ [ބޭރުގެ ކޮލިފައިޑް] މީހުންނާ ވާދަކޮށް މަގާމުތައް ހޯދުމުގެ ފުރުސަތު މިއަދު ދިވެހިންނަށް އެބައޮތް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެހެންނަމަވެސް، އެ ވަޒީފާތަކަށް ބޭރު މީހުންނަށް ވެސް ވާދަކުރެވެން ޖެހޭ ކަމަށެވެ.

މިރޭގެ ރަސްމިއްޔާތުގައި ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އެކި ގޮތްގޮތުން މަސައްކަތް ކޮށްދެއްވި ބޭފުޅުންނަށް އަގުވަޒަން ކުރުމުގެ ގޮތުން އިނާމު ދީފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. އެގޮތުން، މިއަންނަ މަހުގެ ތިންވަނަ ދުވަސް ރާއްޖޭގެ ޓޫރިޒަމް ދުވަހުގެ ގޮތުގައި ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

comment ކޮމެންޓް