ތިނަދޫ ހޮސްޕިޓަލްގެ ގައިނީ ވޯޑުގައި މާބަނޑު އަންހެނަކު އަމިއްލައަށް ވިހަން ޖެހިއްޖެ

ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް --

ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ވިހަން ބަނޑުގައި ރިއްސާތީ ގެންދިޔަ އަންހެނަކަށް ޑޮކްޓަރެއްގެ އެހީތެރިކަން ނުލިބި ގިނައިރު ވުމުން ވޯޑުގައި އޮވެ، އަމިއްލައަށް ވިހަން ޖެހިއްޖެ ކަމަށް އާއިލާއިން ބުނެފިއެވެ.

ވިހަން ބަނޑުގައި ރިއްސަން ފެށުމުން ރޭ 9:55ހާއިރު އެމްބިއުލާންސުގައި އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔައީ އެ ރަށަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ އަންހެކެވެ.

އަންހެންމީހާ އާއިލާގެ ފަރާތުން "ސަން"އަށް މައުލޫމާތު ދިން ގޮތުގައި ހޮސްޕިޓަލަށް ގެންދިޔައިރު އޮތް ޑިއުޓީ ޝިފްޓް ބަދަލުވި ފަހުން ގައިނީ ވޯޑުގައި އިނީ އެންމެ ނަރުހެއް ކަމަށާއި އެތަނުގައި އެޑްމިޓް ކޮށްފައި އޮތީ ވެސް އެންމެ ބަލި މީހެއް ކަމަށެވެ.

"ދައްތަ އެބަ ބުނޭ ތަދުވެޔޭ މިހާރު ވިހަން އުޅޭހެން އެބަހީވެޔޭ. އެހެންބުނާ ކޮންމެ ފަހަރަކު ވެސް ނަރުސް މި ބުނަނީ އޯކޭ ވާނޭ އާއިލާގެ އެހީތެރިކަން ލިބޭނީ ވޯޑުގައި އޮތީމައޭ. ތިއޭޓަރުގައި އޮތީމަ އެކަނިވެރިވާނޭ އެހެންވީމަ އޮންނާށޭ،" އާއިލާއިން ބުންޏެވެ.

"އެއްވެސް ކަހަލަ ޑޮކްޓަރެއްގެ ހާޒިރުގައެއް ނޫން، ގައިނީ ތިއޭޓަރުގައެއް ނޫން، އޮޕަރޭޝަން ތިއޭޓަރުގައި ވެސް ނޫން، ހަމަ އަންހެނުންގެ ވޯޑުގައި ހުރި އެނދެއްގައި އެކަނި އޮވެ ތައްތަ ވިހެއީ،"

އަންހެންމީހާއާއި ދަރިފުޅުގެ ހާލު މިވަގުތު ރަނގަޅު ނަމަވެސް، އާއިލާއިން ބުނީ އެއްވެސް މީހެއްގެ އެހީތެރިކަމެއް ނުލިބި ގައިނީ ވޯޑަށް އަންހެން މީހާ އަމިއްލައަށް ވިހަން ޖެހުމަކީ ހޮސްޕިޓަލްގެ އިހުމާލެއް ކަމަށް އާއިލާއިން ދެކޭ ކަމަށެވެ.

މި ހާދިސާއާ ބެހޭގޮތުން "ސަން"އާ ވާހަކަ ދައްކަވަމުން އޭއެސްއެމްއެޗްގެ ކަސްޓަމާ ރިލޭޝަންސް އޮފިސަރު ސާލިމް އަލީ ވިދާޅުވީ އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއްވައެވެ.

comment ކޮމެންޓް