ފިނޭންސް މިނިސްޓަރުގެ ނައިބު ފިރުޒުލް އިސްތިއުފާ ދެއްވައިފި

ފިނޭންސް މިނިސްޓްރީގެ ނައިބުކަމުން މިއަދު އިސްތިއުފާ ދެއްވި ފިރުޒުލް ހުސައިން ފިރާޒު --

ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު ފިރުޒުލް ހުސައިން ފިރާޒު، މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ފިރުޒުލް، ކުރެއްްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ފިނޭންސް މިނިސްޓަރުގެ ނައިބު ކަމުން މިއަދު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. ނަމަވެސް އިސްތުފާ ދެއްވި ސަބަބެއް އޭނާ ވިދާޅެއް ނުވެއެވެ.

އޭނާ ވަނީ ގައުމަށް ޓަކައި ޚިދުމަތް ކުރުމުގެ އެފަދަ ފުރުސަތެއް ދެއްވީތީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ޝުކުރު އަދާކޮށްފައެވެ.

ފިރުޒުލް، ވިދާޅުވެފައިވަނީ އެ މަގާމުން މިއަދު އިސްތިއުފާ ދެއްވި ނަމަވެސް ގައުމުގައި ހިންގާ ތަރައްގީގެ މަސައްކަތްތަކުގައި ސަރުކާރާ ވަރަށް ކައިރިން މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

ހެންވޭރު ކަޅުވަކަރުގެ މުޙައްމަދު ފިރުޒުލް ޙުސައިން ފިރާޒަކީ ދަ ޔުނިވާސިޓީ އޮފް ނޮޓިންހަމުން ބެޗެލާ ސައިންސް ވިތް އޮނާސް އިން އިކޮނޮމިކްސް ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ. ފިރުޒުލް، އަކީ ފިނޭންސް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަޤާމު ވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

comment ކޮމެންޓް