ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގެ މާލޭ ކެމްޕަހުގެ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ޒިކުރާ އިންޓަނޭޝަނަލް ކޮލެޖްގެ މިއަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން ---

ޒިކުރާ އިންޓަނޭޝަލް ކޮލެޖުގެ މާލެ ކެމްޕަހުގައި ކުރިއަށްގެންދާ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

އެ ގޮތުން، އެކޮލެޖުން މިހާރު ހުޅުވާލާފައިވާ ސެޕްޓެންބަރު އިންޓޭކުގެ ކޯސްތަކުގެ ތެރޭގައި ސެޓްފިކެޓް ލެވެލް ތިނެއްގެ ކޯސްތަކުން ފެށިގެން މާސްޓާސް ޑިގްރީގެ ކޯސްތައް ހިމެނެއެވެ. އެގޮތުން، މި ފަހަރު އެ ކޮލެޖުން ހުޅުވާލާފައިވާ ކޯސްތަކަކީ:

  • މާސްޓާސް އޮފް ޓީޗިން ޤުރުއާން
  • ބެޗެލާސް އޮފް ޓީޗިން ޤުރުއާން
  • ސެޓްފިކެޓް 4 އިން ޓީޗިން
  • ސެޓްފިކެޓް 4 އިން ނާސިން
  • ސެޓްފިކެޓް 4 އިން ފާމަސީ
  • ނެޝަނަލް ސެޓްފިކެޓް 3 އިން ފާމަސީ އެސިސްޓެންޓް
  • ނެޝަނަލް ސެޓްފިކެޓް 3 އިން އިންވެންޓްރީ މެނޭޖްމެންޓް

މި ކޯސްތަކުގެ ތެރެއިން ބެޗެލާސް އޮފް ޓީޗިން ޤުރުއާން ކޯހަކީ ސަރުކާރުގެ ހިލޭ ޑިގްރީ ސްކީމުގެ ދަށުން ދަރިވަރުންގެ އަތުން އިތުރު ފީއެއް ނެގުމަކާނުލައި ކިޔެވޭނޭ ކޯހެކެވެ. އަދި ނެޝަނަލް ސެޓްފިކެޓް 3 އިން އިންވެންޓްރީ މެނޭޖްމެންޓް ކޯހަކީ މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަންގެ 'ސްކިލްސް ފޯ ރެސިލިއެންޓް ވޯކްފޯސް" ޕްރޮގްރާމުގެ ދަށުން ހިންގާ ކޯހެކެވެ.

ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން ބުނީ، އުމުރުން 16 އަހަރާއި 35 އަހަރާއި ދެމެދުގެ ފަރާތްތަކަށް އަމާޒުކުރެވިގެން ހިންގާ އެ ކޯހުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކަން ނުޖޭހޭނެކަމަށާއި އަދި ކޯހުގައި ބައިވެރިވާ ކޮންމެ ދަރިވަރަކަށް އެލަވަންސްގެ ގޮތުގައި މަހަކު 2000 ރުފިޔާ ލިބޭނޭ ކަމަށެވެ.

ބެޗެލާސް އޮފް ޓީޗިން، ޤުރުއާން، ކޯހަކީ ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން އެންމެ ގިނަ ދަރިވަރުން ކިޔަވަމުން ގެންދާ އެއް ކޯހެވެ. މި ކޯހާއި، މި އަހަރު އަލަށް ތައާރަފުކުރި މާސްޓާސް އޮފް ޓީޗިން ޤުރުއާން ކޯހަކީ ކީރިތި ޤުރުއާން ކިޔެވުމާއި އުނގަންނައިދިނުމަށް ބޭނުންވާ ޢިލްމާއި ހުނަރު އެންމެ ފުރިހަމަ ގޮތުގައި ދަރިވަރުންނަށް ފޯރުކޮށްދިނުމަށް ޚާއްސަ ސަމާލުކަމެއް ދީގެން ފަރުމާ ކުރެވިފައިވާ ކޯސްތަކެކެވެ.

މި ކޯސްތަކަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ 14:00އެވެ. މި ކޯސްތަކާބެހޭ އިތުރު މައުލޫމާތު ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގެ ވެބްސައިޓުންނާއި ކޮލެޖުގެ ފޭސްބުކް ޕޭޖުން ލިބެން ހުންނާނެއެވެ. އަދި މި ކޯސްތަކަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް ކޮލެޖުގެ ވެބްސައިޓުން އޮންލައިންކޮށް އެޕްލައި ކުރެވޭނެކަމަށް އެ ކޮލެޖުން ބުންޏެވެ.

ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން މިހާރުވެސް ސެޓްފިކެޓް ލެވެލް 1ކުން ފެށިގެން މާސްޓާސް ޑިގްރީއާ ހަމަޔަށް އެކި ދާއިރާތަކުން 73 ކޯހެއް ހިންގަމުންދެއެވެ. މިކޯސްތަކުގެ ތެރޭގައި ވިޔަފާރިއާއި ހިންގުމުގެ ދާއިރާ، ނާސިންގ، ފާމަސީ، ކައުންސެލިންގ، ތަޢުލީމީ ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާ، އިންފޮމޭޝަން ޓެކޮނޮލޮޖީ، ކީރިތި ޤުރުއާނާއި ޢަރަބި ބަހާއި ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާގެ ކޯސްތައް ހިމެނެއެވެ.

ފުވައްމުލަކުގައި މައި މަރުކަޒު ގާއިމްކޮށްގެން ހިންގާ ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުން މިހާރު ކިޔަވަމުންދާ ދަރިވަރުންގެ 80 އިންސައްތައަށް ވުރެ ގިނަ ދަރިވަރުންނަކީ ފުވައްމުލައް ނޫން އެހެން ރަށްރަށަށް ނިސްބަތްވާ ދަރިވަރުންނެވެ.

ދަރިވަރުންނަށް ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށް ދިނުމަށް އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެމުން އަންނަ ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުގެ ކޯސްތައް ޏ. ފުވައްމުލަކާއި، މާލޭގެ އިތުރުން ފ. ބިލެތްދޫ އަދި ފ. ނިލަންދޫގައި މިހާރުވެސް ކުރިއަށްދެއެވެ.

comment ކޮމެންޓް