ޖޭއެސްސީ އެކުލެވިގެންވާގޮތް ބަދަލުކުރަން ގާނޫނު އަސާސީއަށް ސަރުކާރުން އިސްލާހު ހުށަހަޅަނީ

ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތު: ޖޭއެސްސީ އެކުލެވިގެންވާގޮތަށް ބަދަލުގެންނަން ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅަން ސަރުކާރުން ވަނީ ނިންމާފައި --- ފޮޓޯ/ އޭޖީ

ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާގޮތް ބަދަލުކުރަން ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅަން ސަރުކާރުން ނިންމައިފިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އެ ކޮމިޝަން އެކުލަވާލެވިފައިވާ ގޮތް ބަދަލުކުރަން ގާނޫނު އަސާސީގެ 158 ވަނަ މާއްދާއަށް ގެންނަންޖެހޭ އިސްލާހުތައް އެކުލެވޭ ބިލް އެކުލަވާލައި މަޖިލީހުގެ ތިން ވަނަ ދައުރަށް ހުށަހެޅުމަށް ގަސްދުކޮށްފައިވާ ކަމަށެވެ.

އެ ބިލު އެކުލަވާލުމަށް ބޭނުންވާ ޚިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި ސުޕްރީމް ކޯޓާއި ހައިކޯޓާއި ދަށު ކޯޓުތަކާއި ޖުޑީޝަލް ސާވިސް ކޮމިޝަނާއި އެ ނޫން ވެސް ކަމާބެހޭ ފަރާތްތަކާއެކު ބާއްވަންޖެހޭ ބައްދަލުވުންތައް ކުރިއަށްއޮތް ހަފުތާގެ ތެރޭގައި ފެށުމަށް އެ އޮފީހުން ނިންމާފައިވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ އެމްޑީޕީގެ ރިޔާސީ ވައުދަކަށްވާއިރު، އެކަން ތަންފީޒުކުރުމަށްޓަކައި މިހާތަނަށް އެއްވެސް މަސައްކަތެއްކޮށްފައިނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

އެ ކޮމިޝަން އެކުލެވިގެންވާގޮތް ބަދަލުކުރަން ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ މެންބަރު އަދި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު ވަނީ ދެ ފަހަރެއްގެމަތިން ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅައިފައެވެ. ނަމަވެސް އެމްޑީޕީ މެންބަރުންގެ ތާއީދު ނުލިބުމުން ކޮންމެ ފަހަރަކު ވެސް އެ ބިލް މަޖިލީހަށް ބަލައިގަތުމަށް ފާހެއް ނުވެއެވެ.

ޖޭއެސްސީ މިހާރު އެކުލެވިގެންވާގޮތް

  • ރައްޔިތުންގެ މަޖިލީހުގެ ރައީސް
  • ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް
  • ރައީސުލްޖުމްހޫރިއްޔާގެ މެންބަރު
  • ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް
  • ހައިކޯޓުގެ ފަނޑިޔާރެއް
  • ދަށު ކޯޓެއްގެ ފަނޑިޔާރެއް
  • އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރު
  • ސިވިލްސާވިސް ކޮމިޝަނުގެ ރައީސް
  • އެޓާނީ ޖެނެރަލް
  • ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ބޭފުޅެއް

އެ ކޮމިޝަން މިހާރު އެކުލަވާލެވިފައިވާގޮތުން ކޮންމެ ސަރުކާރަކުން ވެސް ޝަރުއީ ދާއިރާއަށް ނުފޫޒުފޯރުވަމުންދާ ކަމުގެ ތުހުމަތު އަބަދުވެސް ކުރެވެއެވެ.

comment ކޮމެންޓް