ޓިކްޓޮކް ވީޑިއޯއަކާ ހެދި، އެޕަލްގެ ޕްރޮކިއުމަންޓްގެ ނައިބު ރައީސްގެ ވަޒީފާ ގެއްލިއްޖެ

އެޕަލްގެ ޕްރޮކިއުމަންޓްގައި ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާ އަދާކުރެއްވި ނައިބު ރައީސް ޓޯނީ ބްލެވިންސްގެ ވީޑިއޯއެއް ޓިކްޓޮކްގައި ވައިރަލް ވުމާ ގުޅިގެން އޭނާ ވަޒީފާއިން ވަކިކުރަން އެޕަލްއިން ނިންމައިފިއެވެ.

ބްލޫމްބާގުން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ޓިކްޓޮކް ވީޑިއޯއެއްގައި ބްލެވިންސް ދެއްކި ވާހަކަތަކަކީ އެއްވެސް ގޮތަކުން އެޕަލް ކުންފުންޏަށް ބަލައިގަނެވޭނެ ވާހަކަތަކެއް ނޫން ކަމަށާއި، އެ ވީޑިއޯ ވަރަށް އަވަހަށް ވައިރަލްވެ އެޕަލްގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ.

ބްލެވިންސްއަކީ އެޕަލްގައި 22 އަހަރު ވަންދެން މަސައްކަތްކޮށްފައިވާ މުވައްޒަފަކަށްވާއިރު، އޭނާއަކީ އެޕަލްގެ ސަޕްލައި ޗެއިން މިހާރު އޮތް ވަރަކަށް ހަރުދަނާ ކުރުމަށް ކުންފުނީގެ ސީއީއޯ ޓިމް ކުކް ފަދަ މީހުންނާއެކު މަސައްކަތްކޮށްފައިވާ މީހެއް ކަމާށް ބްލޫމްބާގްގައިވެއެވެ.

މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ޓިކްޓޮކްގައި ޝާއިއުކުރި ވީޑިއޯއަކުން ފެންނަނީ ބްލެވިންސް، ގާތްގަޑަކަށް ލައްކައެއްހާ ޑޮލަރުގެ ސްޕޯޓްސް ކާރެއް ކަމަށްވާ "މާސެޑެސް ބެންޒް އެސްއެލްއާރު މެކްލަރެން"އަކުން ފައިބަނިކޮށެވެ.

ބެލެވިންސްގެ ޓިކްޓޮކް ވީޑިއޯގެ ސްކްރީން ޝޮޓެއް

އެ ވީޑިއޯގައި، ބްލެވިންސް ދިރިއުޅުމަށްޓަކައި ކުރަނީ ކޮންކަމެއްތޯ މީހަކު ސުވާލުކުރެއެވެ. އެ ސުވާލަށް ޖަވާބު ދެމުން އޭނާ ބުނަނީ އޭނާގެ އަތުގައި ރޭސް ކާރުތައް ހުންނަ ކަމަށާއި ގޯލްފް ކުޅޭ ކަމަށެވެ. އަދި އަންހެނުންނާ ގުޅުވައިގެން ބަދުއަޚުލާގީ ވާހަކައެއް ވެސް ދައްކައެވެ.

އެ ވީޑިއޯ އެޕަލްގެ ސަމާލުކަމަށް އައުމާއެކު، އަންހެނުންނާ ބެހޭ ގޮތުން ބްލެވިންސް ދެއްކި ވާހަކަ އެ ކުންފުނިން ތަހުގީގުކުރަން ފެށިއެވެ. އަދި އެޕަލްގެ ބައެއް ސަޕްލައި ޗޭން ޕާޓްނަރުންނަށް ވެސް މި ވީޑިއޯ ވަނީ ހިއްސާކޮށްފައެވެ. އެ ތަހުގީގަށް ފަހު އެޕަލް އިން ވަނީ ބްލެވިންސް މަގާމުން ވަކިކުރާން ނިންމާފައެވެ.

ބްލެވިންސް ދިފާއުކޮށް ބައެއް މީހުން ވަނީ އޭނާ ދެއްކި ވާހަކަތަކަކީ 1981 ވަނަ އަހަރު ރިލީޒްކުރި ފިލްމެއްގައި ދައްކާ ވާހަކައެއް ކަމަށް ބުނެފައެވެ.

ބްލެވިންސްއަށް ތައުރީފުކޮށް 2020 ވަނަ އަހަރު ދަ ވޯލް ސްޓްރީޓް ޖާނަލްގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި ވަނީ އޭނާއަކީ އެޕަލްގެ އެންމެ މުހިންމު އެއް އެގްޒެކެޓިވް ކަމަށް ބުނެފައެވެ. ނަމަވެސް ސަޕްލައި ޗެއިން ޕާޓްނަރުންނާ މުއާމަލާތްކުރާއިރު ބްލެވިންސްއަކީ މާބޮޑަށް މަޖާކޮށް ސަކަރާތްޖަހާ މީހެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

އެ ވީޑިއޯ އާ ގުޅިގެން ބްލޫމްބާގަށް ދިން ބަޔާނެއްގައި ބްލެވިންސް ވަނީ އެޕަލް ދޫކޮށްލާނެކަން ކަށަވަރުކޮށްދީ، އޭނާގެ އެ ވީޑިއޯއަށާއި، އެ ވީޑިއޯގައި ދައްކާފައިވާ ވާހަކަތަކަށް މައާފަށް އެދިފައެވެ.

"އެއީ އަޅުގަނޑަށް އޮޅިގެން ކުރެވުނު ކަމެއް. އެއްވެސް ފަރާތަކަށް ބަދުބަސް ބުނުމުގެ ނިޔަތުގައި ކުރި ކަމެއްނޫން، އެހެންވެ އިޚްލާސްތެރިކަމާއެކު މި ފުރުސަތުގައި މައާފަށް އެދެން،" އޭނާ ބުންޏެވެ.

comment ކޮމެންޓް