ކުލަބް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތް ފެށުން އަނެއްކާވެސް ފަސްކޮށްފި

ކްލަބް މޯލްޑިވްސް ކަޕް 2021 ވަނަ އަހަރުގެ ޗެމްޕިއަންޓީމު ތަށި އުފުލާލަނީ--- ފޮޓޯ/ ކުލަބް މޯލްޑިވްސް

ރާއްޖޭގައި ބާއްވާ އެންމެބޮޑު ފުޓްސަލް މުބާރާތްކަމަށްވާ ކްލަބް މޯލްޑިވްސް ކަޕް ފެށުން އަނެއްކާވެސް ފަސްކޮށްފިއެވެ.

ކްލަބް މޯލްޑިވްސްއިން ބުނީ ކްލަބް މޯލްޑިވްސް ކަޕް ޝެޑިއުލަށް ގެނައި ބަދަލާއެކު މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚަކީ މިހާރު، އަންނަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަސްކަމަށެވެ. މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައެވެ.

ކްލަބް މޯލްޑިވްސް ކަޕް ޝެޑިއުލު މިހާރު އޮތްގޮތުން މުބާރާތުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ، އޮކްޓޯބަރު މަހުގެ އަށް ވަނަ ދުވަހުގެ ރެއެވެ. މުބާރާތުގެ މެޗްތައް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ހުޅުމާލޭ ރެހެނދި ފުޓްސަލް ދަނޑުގައެވެ.

މުބާރާތް ފެށުމުގެ ތާރީޚް ފަސްކުރިއިރު، މުބާރާތުގެ ކުޅުން ފެށުމަށް މީގެކުރިން ތާވަލްކޮށްފައިވަނީ، މާދަމާ ރެއެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ފޯރިގަދަ މުބާރާތް ނުފެށި ލަސްވަމުންދާ މައްސަލައިގައި ބައެއް ކުޅުންތެރިން ދަނީ މީސްމީޑިއާގައި ކްލަބް މޯލްޑިވްސްއަށް ފާޑުކިޔަމުންނެވެ.

ސަން އާ ވާހަކަދައްކަމުން ބައެއް ޓީމުތަކުން ބުނީ މުބާރާތް އިންތިޒާމުކުރާ ފަރާތްތަކުން މިހާރަށްވުރެ ބޮޑަށް ތައްޔާރުވެގެން މިކަންކުރަން ޖެހޭކަމަށެވެ. މުބާރާތް ފަށާ ތާރީޚް އެކި ފަހަރުމަތިން ފަސްކުރުމަކީ ޓީމުތަކަށް ގެއްލިގެންދާ އިތުރު ވަގުތުތަކެއްކަމަށް ޓީމުތަކުން ބުންޏެވެ. އަދި ހަމަ އެހެންމެ މިކަމުގެ ސަބަބުން ބޮޑެތި ޚަރަދުތަކެއް ހިނގާކަމަށްވެސް ކުލަބުތަކުން ބުނެއެވެ.

ކުލަބް މޯލްޑިވްސް ކަޕް ފެށުން އަނެއްކާވެސް ފަސްކޮށްފައިވާއިރު، ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގެ މަރާމާތުގެ މަސައްކަތްތައް އަދިވެސް ނުނިމެއެވެ. ސަރުކާރާއި އަމިއްލަ ކުންފުނިތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މިފަހަރުގެ ކުލަބް މޯލްޑިވްސް ކަޕްގައި 32 ޓީމަކުން ވާދަކުރެއެވެ.

comment ކޮމެންޓް